މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ޒުވާނަކު މަރައިލި މައްސަލައިގައި ދައުވާ ކުރި، އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.
މިއީ ސެޕްޓެމްބަރު، 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ޝާރިއުވަރުދީ މަގުގައި ހުންނަ ކަޅިރަވަ ފިޔާހަ ކައިރިން ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދުމަނިކު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް ކުރި ދައުވާއެކެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މޫސައަށް ހަމަލާދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެއް ކަމަށެވެ. އޭނާވެސް އެ ހެކިބަސް ދިނީ ދައުލަތުން ބިރު ދެއްކުމުން ކަމަށްބުނެ، ފަހުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް ހުކުމްގައިވެއެވެ.
އެހެންކަމުން އެ ހެކިވެރިޔާގެ ހެކިބަހަށް އެކަނި ބެލުމުން އެއީ އިތުބާރު ހިފޭ ހެކިބަހެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.
ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުން، ސައްމާހު މޫސައަށް ހަމަލާދޭ މަންޒަރު ފެންނަ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަމަށް ބާރު ދޭ އެހެން ހެކިތަކެއް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ. އެ ސަރަހައްދުގައި އެވަގުތު ސައްމާހު ނުހުންނާނެ ކަމަށް އޭނާގެ ދިފާއީ ހެކިން ބުނާތީ އެ ވީޑިއޯއިން ފެންނަނީ އޭނާ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ހުކުމުގައިވެއެވެ. މީގެ އިތުރުން އެ މައްސަލައިގައި ނެގި އެއްވެސް ފޮރެންސިކް އެވިޑެންސަކުން ވެސް އެ ހާދިސާއާ ސަައްމާހުއާ ގުޅުވައިލެވޭނެ ހެއްކެއް ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.
އެހެންކަމުން، މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ކުރެއްވި ހުކުމުގައި ވަނީ ސައްމާހުގެ މައްޗަށް، ދައުލަތުން ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.
ނަމަވެސް މި މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުޝާދު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޝަރީއަތަށް ގަބޫލުކުރެވޭނެ ފަދަ ހެކިތަކެއް ކަމަށެވެ.
އެ ހެކިތަކުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ގާނޫނުއަސާސީގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކޮށްދީފައިވާ އިރު، ކުރިމިނަލް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ މައްސަލަ ވަށައިގެން ހުރި ކަންކަމަށް ރިއާޔަތް ކުރުމެއްނެތި، ހެކި ގަރީނާ އެކަށީގެންވާ ގޮތަށް ވަޒަންކުރުމެއްނެތި ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލައިގައި ދައުލަތުން އެދެނީ ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް ގަސްތުގައި މީހަކު މެރުމުގެ ކުށް ޝައްކެެން ނެތް މިންވަރަށް ސައްމާހުގެ މައްޗަށް ސާބިތުވާކަމަށް ކަނަޑައަޅައިދިނުން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގައި ދެން އޮންނާނީ ދައުލަތުން ހުށަހެޅި މައްސަލައަށް ސައްމާހުގެ ފަރާތުން ދިފާއުގައި ޖަވާބުދާރީ ވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު