ސްޕެނިޝް ލަ ލީގާގައި ރޭ ކުޅުނު މެޑްރިޑް ޑާބީގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް އެއްވަރުވެއްޖެއެވެ.

އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. މެޗުގައި އެތުލެޓިކޯ އިން ގޯލު ޖެހީ ފަހު މިނެޓުގައެވެ. ރޭގެ މެޗުގެ ދެވަނަ ހާފު ތެރެއިން ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާއެކު 20 ވަރަކަށް މިނެޓް ވަންދެން މެޗު މެދުކަނޑާލަން ޖެހުނެވެ. ރޭގެ މެޗު ހުއްޓާލުމަށްފަހު އަލުން މެޗު ފެށީ ދެ ޓީމުގެ ސަޕޯޓަރުންނަށްވެސް ހާއްސަ އެނައުންސްމެންޓެއް ދިނުމަށްފަހު، ދެ ޓީމުގެ ކޯޗުންނާވެސް ވާހަކަދެއްކުމަށްފަހުއެވެ. ރެފްރީ ރޭގެ މެޗު މެދުކަނޑާލީ ރެއާލް ގޯލުގެ ފަހަތުގައި ތިބި އެތުލެޓިކޯ ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކުމުންނެވެ.

އެންމެފަހުގެ ޗެމްޕިއަން ރެއާލުން ލީގު ތާވަލުގެ ދެވަނައިގައި މި ވަގުތު އޮތީ އަށް މެޗުން 18 ޕޮއިންޓާއެކުގައެވެ. އެއީ އެއްވަނައިގައި އޮތް ބާސެލޯނާއާ ތިން ޕޮއިންޓްގެ ފަރަގެއްގައެވެ. އެތުލެޓިކޯ ތިންވަނައިގައި އޮތީ އަށް މެޗުން 16 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗަށް ދިރުން ލިބިގެން ދިޔައީ ދެވަނަ ހާފުގައެވެ. 64 ވަނަ މިނެޓުގައި އެޑާ މިލިޓާއޯ ޖެހި ގޯލުން ރެއާލް ލީޑު ނެގި އިރު، އެ ގޯލާއެކު ރެއާލް ގޯލުގައި ހުރި ގޯލްކީޕަރު ތީބޯ ކޯޓުއާ ވަނީ އެތުލެޓިކޯ ސަޕޯޓަރުންނާ ދިމާލަށް އެނބުރި އުފާ ފާޅުކޮށްފައެވެ.

އެއީ އެންމެ ފުރަތަމަ ހަމަނުޖެހުންތައް ފެށުނު ހިސާބެވެ. ހަމަ ނުޖެހުންތަކަށްފަހު ދެ ޓީމުގެ ފަރާތުންވެސް ފިޒިކަލް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، 95 ވަނަ މިނެޓުގައި އެތުލެޓިކޯ އިން އެއްވަރުކުރީ ބަދަލަކަށް ނުކުތް އެންހޭލް ކޮރެއާ ޖެހި ގޯލުންނެވެ.

މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް، އެތުލެޓިކޯގެ މާކޮސް ލޮރެންޓޭ ކުރި ޓެކުލަކަށް ރެފްރީ ވަނީ އޭނާއަށް ރަތް ކާޑުވެސް ދައްކައިފައެވެ. އެ ރަތް ކާޑާއެކު އެތުލެޓިކޯ އިން މެޗު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ.