އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ޓޮޓެންހަމްއިން ރޭ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ޔުނައިޓެޑް އޮތީ އިނގިރޭސި ލީގު ތާވަލުގެ 12 ވަނައިގައެވެ. އެއީ ކުޅުނު ހަމެޗުން ހަތް ޕޮއިންޓާއެކުގައެވެ. މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ޔުނައިޓެޑް ބަލިވެފައިވާ އިރު، އެއީ ކޯޗު އެރިކް ޓެން ހާގަށް ބޮޑު ޕްރެޝަރަކާ ކުރިމަތިވާނެ ނަތީޖާއެކެވެ. ރޭގެ މެޗުން މޮޅުވި ޓޮޓެންހަމް އަށްވަނައިގައި މިވަގުތު އޮތީ ހަ މެޗުން 10 ޕޮއިންޓާއެކުގައެވެ.
އަނިޔާގެ ސަބަބުން ސްޕާސްއިން ރޭގެ މެޗަށް ނުކުތީ ސޮން ހިއުން-މިންއާވެސް ނުލައެވެ. އެހެން ނަމަވެސް އެޓީމުން ވަނީ ފެށުން ވެސް ރަނގަޅުކޮށްފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި މިކީ ވެން ޑެ ވެން އަމިއްލަ ހާފު ތެރެއިން ބޯޅަ ހިފައިގެން ގޮސް އުފެއްދި ކައުންޓާ އެޓޭކްގައި ސްޕާސްއަށް މެޗުގެ ލީޑު ނަގައިދިނީ ބްރެނަން ޖޯންސަންއެވެ.
އެ ގޯލަށްފަހު ވެސް ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކުރީ ޓޮޓެންހަމްއިންނެވެ. އެޓީމުގެ އިތުރު ހަމަލާތައް ވެސް ފެނިގެން ގޮސްފައިވާ އިރު، ޓީމޯ ވާނާގެ ހަމަލާ މަތަކުރީ އަންދްރޭ އޮނާނާއެވެ.
މެޗު ތެރެއަށް ވަންނަން ޔުނައިޓެޑުން ކުރި މަސައްކަތަށް އިތުރު ހުރަހެއް ކުރިމަތިވީ ހާފު ނިމެން ދަނިކޮށް ބްރޫނޯ ފެނާންޑޭޒްއަށް ދެއްކި ރަތް ކާޑެވެ. ޖޭމްސް މެޑިސަންއަށް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ ފެނާންޑޭޒްއަށް ސީދާ ރަތް ކާޑެއް ދައްކައިފައެވެ.
ކުޅުންތެރިޔަކު މަދުކޮށް ހާފު ނިންމާލި ޔުނައިޓެޑަށް މެޗުގައި އުފެއްދުނު އެންމެ ރަނގަޅު ހަމަލާގައި އެލެހާންޑްރޯ ގާނާޗޯ ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވި އިރު، ދެވަނަ ހާފުގައި ޓޮޓެންހަމްއިން ވަނީ އިތުރު ދެ ގޯލު ޖަހައި ބޮޑު މޮޅެއް ހޯދައިފައެވެ. އެ ގޯލުތައް ޖެހީ ޑީޖާން ކްލުސޭވްސްކީއާއި ޑޮމިނިކް ސޮލާންކޭއެވެ.
ރޭގެ މެޗަށްފަހު ނޫސްވެރިންގެ ގިނަ ސުވާލުތަކަކާ ޓެން ހާގާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މަގާމުން ވަކި ކޮށްފާނެ ކަމަށް ބެލެވޭތޯ އެހުމުން ޓެން ހާގު ބުނީ މަގާމުން ވަކި ނުކުރާނެ ކަމަށާއި އެކުގައި އަނބުރާ އާދެވޭނެ ކަމަށެވެ.
"އަހަރެން އުންމީދެއް ނުކުރަން މަގާމުން ވަކިކުރާނެ ކަމަކަށް. އަހަރެމެން މިތިބީ އެއްކޮށް މި ކަންކަމާ ކުރިމަތިލާން ތައްޔާރަށް. އަހަރެމެންނަށް އެނގޭ މިކަހަލަ ދަތި ދުވަސްތަކާ ކުރިމަތިވާނެ ކަމަށް. އެއްކޮށް މިކަމުން އަރައިގަނެ، އަދި އެނބުރި އަންނާނަން،" ޓެން ހާގު ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު