ރާއްޖޭގައި ސައިކަލުގެ ވިޔަފާރި ކުރުމުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލައެއް ފެންމަތިވެފައި ވަނީ މިއަހަރުގެ މެދު ތެރޭގައެވެ، އެކުންފުނިން ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު އެތައް ދުވަހެއް ވެގެން ދިޔަ އިރުވެސް ސައިކަލު ގެނެސްދީފައެއް ނުވެއެވެ. އަދި އެފަރާތްތަކަށް އަނބުރާ ފައިސާވެސް ދީފައެއް ނުވެއެވެ.

ކިންގްސްޓަންއަކީ މީގެ ކުރިންވެސް އެކި އެކި މުނާސަބަތުތަކާ ދިމާކޮށް ގިނަ ޕްރޮމޯޝަންސްތައް ކުރިއަށް ގެންދިޔަ ކުންފުންޏެވެ. ހާއްސަކޮށް ނިއު އިޔާ ސޭލްސް އާއި ރޯދަ މަހަށް ހާއްސަ ސޭލްތަކުގެ އިތުރުން އީދަށް ހާއްސަ ސޭލްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ބޮޑު އީދާއި ރޯދަ މަސް އަދި މިއަހަރު ފެށުމަށް ވެސް ހާއްސަ ސޭލެއް ކުރިއަށް ގެންގޮސް ސައިކަލުގެ ފުލް ޕޭމަންޓް ދައްކާ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބިދޭ ގޮތަށް ޕްރޮމޯޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެ ޕްރޮމޯޝަންތަކުގެގެ މަޅީގައި ގިނަ ބަޔަކު ޖެހުނެވެ. އެޑްވާންސަށް ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ސައިކަލު ގެނެސްދޭނެ ކަމަށް "ހުވަފެން" ދެއްކިއެވެ. އެ ޕްރޮމޯޝަންތަކުން ލިބުނު ފައިސާއިން ގެނެވުނު ސައިކަލެއް ނުދެއްކުނު އިރު، އަނެއްކާ ވެސް މި އަހަރުގެ ރޯދަ މަހަށް ވެސް އިތުރު ޕްރޮމޯޝަނެއް ފަރުމާކޮށް، އެ މަޅިއަށް އިތުރު ބަޔަކު ރަނގަޅަށް ފައްތާލިއެވެ.

ކިންގްސްޓަންއަކީ 2014 ވަނަ އަހަރު ރަޖިސްޓްރީ ކޮށްގެން 2018 ވަނަ އަހަރުން ފެށިގެން ސައިކަލު ވިއްކުމުގެ މާކެޓްގައި ހަރަކާތްތެރިވަމުން އަންނަ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. އެ ކުންފުނިން ވަނީ މި ދާއިރާގެ ވިޔަފާރީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެ ގިނަ ބައެއްގެ އިތުބާރުވެސް ހޯދައިފައެވެ.

އެކުންފުނިން ޝޯރޫމް ހިންގަމުން ގެންދިޔައީ މއ. އަނާ ވިލާގޭގެ ތިރީގައެވެ. އެއީ އެންމެ ފުރަތަމަ ދުވަހު ވެސް އެކުންފުނިން ޝޯރޫމް ހިންގަމުން ގެންދިޔަ އިމާރާތެވެ. އޭގެ ފަހުން ހުޅުމާލޭގައި 2022 ވަނަ އަހަރު ވަނީ އިތުރު ޝޯރޫމެއް ހުޅުވައި ވިޔަފާރި އިތުރަށް ފުޅާކޮށްފައެވެ. ޝައްކު އުފެދޭނެ ޖާގައެއް ނެތްކަން އެ ޝޯރޫމް ތަކުން އޮތީ ދައްކައިދީފައެވެ. އެހެންކަމުން އެ އިތުބާރުގެ މަޅީގައި ގިނަ ބަޔަކު ޖެހުނީއެވެ.

ކިންގްސްޓަންއިން ސައިކަލު ގަންނަން ފައިސާ ދެއްކި މީހަކު ބުނީ އެ ޝޯރޫމްތައް އަބަދުވެސް އޮންނަނީ ސައިކަލުން ފުރިފައި ކަމަށާއި ގިނަ ބަޔަކު އެ ޝޯރޫމްތަކަށް ގޮސްގެން ސައިކަލު ގަނެފައިވާ ކަމަށެވެ. ސައިކަލު ލިބުން ދަތިވި މައްސަލަތަކެއް މީގެ ކުރިންވެސް ފެންމަތިވި ނަމަވެސް ސައިކަލު ގަންނަ ފަރާތްތަކަށް ސައިކަލު ނުލިބޭކަމުގެ ޝަކުވާތައް ކުރިން އިވިފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު ސައިކަލު ގަންނަން ދިޔައީ މި އަހަރުގެ ޖެނުއަރީ މަހު މާލޭގައި ހުންނަ ޝޯރޫމަށް. އެތަނަށް ދިޔައިރު ވެސް އެތަނުގައި 20 ވަރަކަށް ސައިކަލު ޑިސްޕްލޭގައި ހުރި. ދެން އަނެއްކާ އެކުންފުންޏަކީ ސައިކަލު ވިޔަފާރީގައި ރާއްޖޭގައި މަޝްހޫރު ކުންފުންޏެއް. ކުރިން ވެސް ސައިކަލު ލިބުން ލަސްވެގެން ބައެއް ފަރާތްތަކުން އެވާހަކަ ދެއްކިޔަސް އެއްވެސް މީހަކަށް ސައިކަލު ނުލިބުމުގެ ޝަކުވާއެއް އަޑުއިވިފައެއް ނެތް،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކުންފުންޏަކީ މި ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ސައިކަލު ވިއްކުމުގައި ހަރަކާތްތެރިވެފައިވާ ކުންފުންޏަކަށް ވެފައި އެކުންފުނިން، ވާދަވެރި އެހެން ކުންފުނިތަކަށްވުރެ 4،000 ނުވަތަ 5،000 ރުފިޔާ އަގުހެޔޮކޮށް ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ޕްރޮމޯޓް ކުރުން ވެގެންދިޔައީ ސައިކަލު ނަގަން ވިސްނި އެއް ސަބަބަށެވެ.

އަނެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ ރާއްޖޭގެ ނަން މަޝްހޫރު ބައެއް ބޭންކުތައް މެދުވެރިކޮށް ސައިކަލު ނެގެން ހުރުމެވެ. އެގޮތުން ބީއެމްއެލާއި އެމްއައިބީ އަދި އެމްއެފްއެސްއެލް މެދުވެރިކޮށް އެތަނުން ސައިކަލު ނެގެން ހުރުން ވެގެންދިޔައީ ގިނަ ބަޔަކު އެކުންފުންޏަށް އިތުބާރުކޮށް ފައިސާ ދެއްކި އެއް ސަބަބަށެވެ.

އެ ކުންފުނިން ސައިކަލު ނެގި ގިނަ ފަރާތްތަކަކަށް ސައިކަލު ލިބުން ލަސްވެ، އެކަމުގެ ކަންބޮޑުވުންތައް ފުރަތަމަ ފާޅު ކުރަމުން ގެންދިޔައީ ސޯޝަލް މީޑިއާގައެވެ. އަދި ބައެއް ފަރާތްތަކުން އެ ޝޯރޫމަށް ގޮސްގެން ވެސް ސައިކަލު ލަސްވާ ސަބަބުތައް ހޯދަން މަސައްކަތް ކުރުމުން ގިނަ ބަޔަކަށް ދިނީ އެއް ޖަވާބެކެވެ. އެއީ ޝިޕްމެންޓް ލަސްވެގެން ސައިކަލު ނުލިބޭ ވާހަކައެވެ. އޭގެ ތެރޭގައި މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން ސައިކަލު ގަންނަން ފައިސާ ދެއްކި މީހުން ހިމެނެއެވެ.

އެ ލަސްވުންތައް އަހަރަކަށް ވުރެ ގިނަ ދުވަހަށް ދެމިގެން ގޮސް، ސައިކަލު ގަންނަން ފައިސާ ދެއްކި އެތައް ބަޔަކަށް ސައިކަލު ނުލިބުމުން، އެންމެ ފަހުން އެ ޝޯރޫމް ކައިރިއަށް އެއްވެސް މުޒާހަރާ ކުރިއެވެ. އެއީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެއިރު ވެސް އެތަނުގެ އިސް ވެރިން ބުނަމުން ދިޔައީ ސައިކަލު ދިނުން ލަސްވެފައިވަނީ ޝީޕްމެންޓް "މަޅިއަރައިގެން" ކަމަށެވެ.

ސައިކަލު ލިބުން ލަސްވެ އެންމެ ފަހުން އެ މައްސަލަ ފުލުހަށް ވެސް ވެއްދިއެވެ. އެ މައްސަލަ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ އިރު، އެ މުއައްސަސާއިން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފައެވެ. އަދި ސައިކަލު ނުލިބިވާ ހުރިހާ ފަރާތްތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތައް ހުޅުވައިވެސް ލިއެވެ.

ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި 200 އަށްވުރެ ގިނަ މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު ސައިކަލު ގެނެސްދީފައެއް ނުވެއެވެ. އޭގެ ތެރޭގައި އަހަރު ދުވަސް ކުރިން ފައިސާ ދެއްކި ފަރާތްތަކާއި 10 މަސް ކުރިން ފައިސާ ދެއްކި ގިނަ ފަރާތްތަކެއް ހިމެނެއެވެ.

"ގާތްގަނޑަކަށް 200، 230 އަށްވުރެ ގިނަ މީހުން އެބަ އުޅޭ. އެއީ އަދި މައްސަލަ ހުށަހެޅި މީހުން. ހުށަ ނާޅާ ބައެއް ފަރާތްތައް ވެސް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް އެބަ ގެންދޭ. ވަރަށް ގިނަ ބައެއްގެ އަތުން ފައިސާ ނަގާފަ ވަނީ،" ފުލުސް އޮފިސަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 12 މިލިއަނާއި 14 މިލިއަނާ ދެމެދުގެ އަދަދެއްގެ ފައިސާ އެކި ފަރާތްތަކުގެ އަތުން ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ފައިސާ އަނބުރާ ދީފައިވާ ނަމަވެސް އަދިވެސް ވަރަށް ބޮޑު އަދަދެއްގެ ފައިސާ ނުދެއެވެ. މީގެ އިތުރުން ޝޯރޫމް ހިންގަން ނަގާފައިވާ އިމާރާތަށްވެސް ތިން މަހު ކުލި ނުދައްކާ ކަމަށް އެ ގޭގެ ވެރިފަރާތުން ވަނީ ބުނެފައެވެ.

ކިންގްސްޓަންގެ އެމްޑީއެއްގެ ގޮތުގައި ހުންނަނީ އަހުމަދު އާތިފް ހަސަން އެވެ. އެ ކުންފުނީގެ ބޯޑަށް 2020 ވަނަ އަހަރު ވަނީ ހަސަން ހުސެއިން ކިޔާ ބޭފުޅަކު ހަމަޖައްސައިފައެވެ. އެހެން ނަމަވެސް ކުންފުނީގެ ހުރިހާ ކަމެއް ބަލަހައްޓަނީ އާތިފެވެ. ފައިސާގެ ކަންކަމާއި ޝޯރޫމާ ގުޅުންހުރި ހުރިހާ ކަމެއް ވެސް ހިންގަނީ އާތިފްގެ ބެލުމުގެ ދަށުންނެވެ.

ފުލުސް އޮފިސަރު ވިދާޅުވި ގޮތުގައި މައްސަލަ ހުށަހެޅުނު ހިސާބުން އާތިފް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އޭނާ ހާޒިރުކޮށްފައިވަނީ އޮގަސްޓް 8 ވަނަ ދުވަހުއެވެ. އެދުވަހު ހާޒިރު ކުރުމުން އޭނާ ވަނީ އެންމެނަށް ދޭން ޖެހޭ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ހަވާލުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

"މައްސަލަ ހުށަހެޅުނު ހިސާބުން އާތިފް ފުލުހަށް ހާޒިރުކޮށް ސުވާލު ކުރުމުން ބުނީ ދަތިތަކެއް ދިމާވެގެން ސައިކަލުތައް ނުގެނެވުނީ ކަމަށް. އެހެން ނަމަވެސް އެއް މަސް ދުވަސް ދީފިނަމަ ހުރިހާ ފަރާތްތަކަށް އަނބުރާ ފައިސާ ދޭނެ ކަމަށް ބުނި. އެ ޔަގީންކަން ދިން. އަދި ބައެއް ފަރާތްތަކަށް މިހާރު ރިފަންޑް ވެސް ދީފައިވާ ކަމަށް ބުނި،" ފުލުސް އޮފިސަރު ވިދާޅުވިއެވެ.

އާތިފު އެގޮތަށް ބުނި ނަމަވެސް ފުލުހުން އެ މައްސަލައިގެ ތަހުގީގު ހުއްޓައި ނުލައި ކުރިއަށް ގެންދިޔައެވެ. ތަހުގީގު ތެރެއިން ހާމަވި އެއް ކަމަކީ އޭނާގެ އެކައުންޓްގައި އެއްވެސް ފައިސާއެއް ނެތް ކަމެވެ. ސައިކަލު ގަންނަން މީހުން ދެއްކި އެއްވެސް ފައިސާއެއް ނެތެވެ. އެކައުންޓް އޮތީ ހުސްކޮށެވެ.

"އަޅުގަނޑުމެން ބެލި އިރު އޭނާގެ އެކައުންޓްގައި ހަމަ އެންމެ ރުފިޔާއެއް ވެސް ނެތް. އެހެންވީމަ ކިހިނެއްތޯ ގަބޫލު ކުރާނީ އޭނާ އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ އެންމެނަށް ދައްކާނެ ކަމަށް. ދެން މިލްކިއްޔާތު ބެލި އިރު މި އޮންނަނީ ކާރެއް. އެއީ ދެތިން ލައްކަ ރުފިޔާ. އެ ވިއްކައިގެން ވެސް ދެއްކޭނީ ހަތަރު ފަސް ވަރަކަށް މީހުންނަށް ދެއްތޯ،" ފުލުސް އޮފިސަރު ވިދާޅުވިއެވެ.

އޭގެ ފަހުން ފުލުހުން ވަނީ އާތިފްގެ ޕާސްޕޯޓް ހިފަހައްޓައި އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި އެދިފައެވެ. އެގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ އެގޮތަށް އަމުރު ނެރެދީފައެވެ.

އެއް މަސް ދުވަސް ވީ އިރުވެސް އެއްވެސް ބަޔަކަށް އަނބުރާ ފައިސާ ދީފައި ނުވާތީ، އާތިފް އަލުން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. މިމަހުގެ 8 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށް ސުވާލު ކުރުމުން އާތިފް ދެއްކީ ބަހަނާއެކެވެ.

"ދެވަނަ ފަހަރަށް ފުލުހަށް ހާޒިރު ކުރުމުން ބުނީ ފައިސާ ހަމަ ނުޖެހިގެންނޭ މިއުޅެނީ. ސަބަބެއް ކަމަށް ބުނީ ފޭސްބުކާއި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްގައި އޭނާގެ މޫނު ފެންނަހެން ވީޑިއޯތައް ލާފައި ހުރުމުން އަގު ވެއްޓފައިވާތީ، ފައިސާ ލިބުން ދަތިވެފައިވާ ވާހަކަ. އެ ޕޯސްޓްތަކުގެ ސަބަބުން އޭނާއަށް ބޭރަށް ނުކުންނަން ވެސް ނުކެރޭ ކަމަށް. އެކަމަކު އެދުވަހު ވެސް ބުނީ ހުރިހާ އެންމެނަށް ފައިސާ އަނބުރާ ދޭނެ ކަމަށް،" ފުލުސް އޮފިސަރު ވިދާޅުވިއެވެ.

ސައިކަލު ގަތުމަށް 200 އަށްވުރެ ގިނަ މީހުން ފައިސާ ދެއްކި އިރު، އާތިފްގެ އެކައުންޓަށް ގާތްގަނޑަކަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާވެފައެވެ. ނަމަވެސް އެހުރިހާ ފައިސާއަކަށް ވީގޮތެއް ނޭނގެއެވެ. އެކައުންޓް އޮތީ ހުހަށެވެ. ބައެއް ފަރާތްތަކުން ބުނީ އޭނާ އެ ފައިސާގައި ހުޅުމާލެ އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ. ނަމަވެސް އެކަން ޔަގީނެއް ނޫނެވެ.

"މައުލޫމާތު ލިބިފައިވަނީ އޭނާ ފްލެޓެއް ގަތް ކަމަށް. ނަމަވެސް އޭނާގެ ނަން މައްޗަކު ނެތް. ފަހަރެއްގައި އާއިލާ މީހެއް ނޫނީ ގާތް މީހެއްގެ ނަންމަތީގައި ވެސް ގަނެފައި އޮވެދާނެ. އެހެންވެ 2022 ވަނަ އަހަރުން ފެށިގެން އޭނާގެ އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް މިދަނީ ބަލަމުން. އެ ހުރިހާ ފައިސާއެއް ގޮސްފައިވަނީ ކޮން ދިމަދިމާލަކަށްތޯ ބަލަނީ. އެއީ ވަރަށް ބޮޑު މަސައްކަތަކަށް ވާތީ މައްސަލައިގެ ތަހުގީގު ދިގުލައިގެން ގޮސްފައިވަނީ،" ފުލުސް އޮފިސަރު ވިދާޅުވިއެވެ.

އެ މައްސަލައިގެ ތަހުގީގު ފުލުހުން އަދިވެސް ކުރިއަށް ގެންދާ އިރު، ގިނަ ފަރާތްތަކެއްގެ ބަޔާންތައް ނަގައި މިހާރު ވަނީ މައްސަލައިގެ ބޮޑުބައި ނިންމާލައިފައެވެ. ފުލުހުން އެ މައްސަލަ ޖިނާއީ މައްސަލައެއްގެ އިތުރުން ބަދަލު ހޯދުމުގެ ބައިވެސް ކުރިއަށް ގެންދެއެވެ. އެގޮތުން މައްސަލައިގެ ތަހުގީގު ނިންމައި އަންނަ މަހުގެ ކުރީ ކޮޅު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.