އެސްޓަން ވިލާގެ އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް، ގައުމީ ޓީމުގެ ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
ފީފާއިން މާޓިނޭޒް ސަސްޕެންޑް ކޮށްފައި ވަނީ މި މަސް ތެރޭގައި އާޖެންޓީނާއިން ޗިލީ އާއި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކެއް ކުރުމުގެ ސަބަބުންނެވެ.
ޗިލީއާ ދެކޮޅަށް މިމަހުގެ ހަވަނަ ދުވަހު އާޖެންޓީނާއިން ކުޅުނު ކޮލިފިކޭޝަން މެޗުން އާޖެންޓީނާ 3-0 އިން މޮޅުވެފައިވާ އިރު، އެ މެޗަށްފަހު މާޓިނޭޒް ވަނީ ކޮޕާ އެމެރިކާ ތަށީގެ ނަކަލަކާ އެކު އުފާފާޅުކޮށްފައެވެ. އެ އުފާފާޅުކުރުމުގެ ތެރޭގައި ވޯލްޑް ކަޕްގެ ރަން އަންގިއާ އެކު އޭނާ ހެދި ސެލެބްރޭޝަން ތަކުރާރުކޮށްފައިވެއެވެ.
އެ މެޗަކީ އާޖެންޓީނާއިން ކޮޕާ އެމެރިކާ ހޯދިފަހުން ކުޅުނު ފުރަތަމަ މެޗަށްވުމުން އުފާފާޅުކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މާޓިނޭޒަށް ދެން ފިޔަވަޅު އެޅި އަނެއް ސަބަބަކީ މިމަހުގެ 10 ވަނަ ދުވަހު ކޮލަމްބިއާއާ ދެކޮޅަށް ކުޅެ، 2-1 އިން ބަލިވި މެޗަށްފަހު ކެމެރާގައި އަންގީން ޖަހައި، ކެމެރާމަން ކޮއްޕާލުމުންނެވެ.
އާޖެންޓީނާއިން ބުނީ މާޓިނޭޒް ސަސްޕެންޑް ކުރުން ބަލައިނުގަންނަ ކަމަށާއި އެ މައްސަލަތަކުގައި މާޓިނޭޒް ވަނީ މައާފަށް އެދި ޒިންމާ ނަގާފައި ކަމަށެވެ.
ސަސްޕެންޝަނުގެ ސަބަބުން މާޓިނޭޒަށް ގެއްލޭނެ ދެ މެޗަކީ އޮކްޓޯބަރު މަހު ވެނިޒުއޭލާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ބޮލީވިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ