އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަލަސްތީނު ގައުމީ ޓީމުގެ މިޑްފީލްޑަރު ޖޮނަތަން ކަންޓިލާނާގެ ސޮއި ހޯދައިފިއެވެ.
އުމުރުން 32 އަހަރުގެ މިޑްފީލްޑަރު މާޒިޔާއާ ގުޅިފައި ވަނީ އިއްޔެއެވެ. ކަންޓިލާނާއަކީ ފަލަސްތީނު ގައުމީ ޓީމުގެ މިޑްފީލްޑަރެއް ނަމަވެސް، އޭނައަކީ ޗިލީއަށް އުފަން ކުޅުންތެރިއެކެވެ. ޔޫތު ކެރިއަރުވެސް ޗިލީގައި ހޭދަކުރި ކަންޓިލާނާއަކީ އެ ގައުމުގެ ޕަލެސްޓީނޯއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭގެފަހުން މެލޭޝިއާ އެއްވަނަ ޑިވިޝަނުގެ އިތުރުން ފަލަސްތީނު ކްލަބުތަކަށާއި އިންޑޮނޭޝިއާ އެއްވަނަ ޑިވިޝަނުގެ ކްލަބުތަކަށް ކަންޓިލާނާ ކުޅެފައިވެއެވެ.
އޭގެ ތެރޭގައި ސެމަރާންގާއޮ ސްލެމަން ފާހަގަކޮށްލެވެއެވެ.
ފަލަސްތީނު ގައުމީ ޓީމަށް 30 މެޗު ކުޅެ، ކަސްޓިލާނާ ވަނީ 10 ގޯލު ޖަހައިދީފައެވެ.
މާޒިޔާއިން އާ ކޯޗު ޑްރަގާން ޑުކަނޯވިޗާ އެކު މާޒިޔާއިން އޭއެފްސީ ޗެލެންޖް ލީގަށް ތަމްރީނުތައް ކުރަމުންދާ އިރު، މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނެނީ ކިރިގިސްތާނުގެ ޗެމްޕިއަން އަބްދީޝް- އާޓާ ކާންޓާއި މިދިޔަ އަހަރު ކުވައިތު ލީގުގެ ރަނަރަޕް އަލް-އަރަބީގެ އިތުރުން ތުރުކެމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގެވެ.
ޗެލެންޖް ލީގުގައި ޓީމުތައް ވާދަކުރާނީ ދެ ފަޅިއަކުންނެވެ. އެއީ ވެސްޓް ރީޖަން އާއި އީސްޓް ރީޖަންއިންނެވެ. ވެސްޓް ރީޖަންގައި މާޒިޔާ ހިމެނޭ އިރު، އެ ރީޖަންގައި ތިން ގްރޫޕެއް ހިމެނެއެވެ. އަދި އީސްޓް ރީޖަންގެ ދެ ގްރޫޕްގައި ޖުމުލަ ހަ ޓީމަކުން ވާދަ ކުރާނެއެވެ. އީސްޓް ރީޖަންގެ ދެ ގްރޫޕްގެ އެއްވަނަ އާއި ދެވަނައަށް ސީދާ ކުއާޓާ ފައިނަލް ޖާގަ ލިބޭ އިރު، ވެސްޓް ރީޖަންގެ ގްރޫޕް އެއްވަނަތަކަށް ސީދާ ކުއާޓާގެ ޖާގަ ލިބޭނެއެވެ. ދެން ބާކީ އޮތް ސްލޮޓަށް ވެސްޓް ރީޖަނުން ދާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ، ގްރޫޕްގެ ދެވަނަ ޓީމެކެވެ. ފަހު ސްލޮޓް ލިބޭ ޓީމު ބެލުމަށް ވެސްޓް ރީޖަންގެ ތިން ގްރޫޕްގައި ހިމެނޭ ދެވަނަ ޓީމުތަކުގެ ނަތީޖާއަށް ބަލާނެއެވެ.
ދެ ރީޖަންގެ މެޗުތައް ވެސް ސެންޓްރަލައިޒްކޮށް ހޯސްޓް ކުރަން އޭއެފްސީން ނިންމާފައިވާ އިރު، މާޒިޔާ ހިމެނޭ ގްރޫޕްގެ ހޯސްޓް ޓީމަކީ ކުވައިތުގެ އަރަބީއެވެ. އެހެންކަމުން އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވައިތުގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 26، 29 އަދި ނޮވެމްބަރު މަހުގެ އެކަކަށެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު