ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިއަދު ކުޅުނު މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާ އެއްވަރުވެއްޖެއެވެ.

ގައުމީ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗާއެކު މާޒިޔާއިން މިހާތަނަށް ކުޅުނު ތިން މެޗުން އެޓީމަށް ލިބިފައި ވަނީ ތިން މެޗުން ހަތަރު ޕޮއިންޓެވެ. އެޓީމުން އޮޑި ސްޕޯޓްސް ކްލަބު ކައިރިން މޮޅުވި އިރު، ބްރޭކްގެ ކުރިން ނިއު ރޭޑިއަންޓް އަތުން އޮތީ ބަލިވެފައެވެ. ވިކްޓްރީން ހުރިހާ މެޗަކުން މޮޅުވަމުން އައިސް މިއަދު އެއްވަރުވި އިރު، ބްރޭކްގެ ކުރިން އެޓީމުން ވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ދިއްދޫވެސް ބަލިކޮށްފައެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗަކީ ވާދަވެރިވާނެ ކަމަށް ކުރިންވެސް ބެލެވިފައި އޮތް މެޗެކެވެ. ކުރީކޮޅުގައި އޭރިއާ ބޭރުން މާޒިޔާއަށް ލިބުނު ދެ ހިލޭ ޖެހުމެއްގައި އިބްރާހީމް އައިސަމް ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އަދި އޭގެފަހުން އަބްދުﷲ ލޫތު އިބްރާހީމް (ސާނޭ) ނަގައިދިން ހުރަހެއްގައި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ބޮލުން ފޮނުވާލި ބޯޅަ ވިކްޓްރީގެ ކީޕަރު މުހައްމަދު ޝިފާއު (ޗެކް) އަތުގައި ޖެހިފައި އަމާޒުވީ ދަނޑިއަށެވެ.

މިއަދުގެ މެޗަށް މާޒިޔާއިން ކީޕަރު ހުސައިން ޝަރީފްގެ ބަދަލުގައި ފުރަތަމަ 11 އަށް ނެރުނީ އިޔާން އަބްދުލް އަލީމް (ޗިކީ) އެވެ.

މާޒިޔާއިން ހަމަލާތައް އިތުރުކޮށް ފެށި ނަމަވެސް، ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ވިކްޓްރީންނެވެ. ކޯނަރެއްގައި އޭރިއާ ތެރެއިން އަހުމަދު ހަސަންގެ ޖައްސާލި ބޯޅައިގައި އެ ގޯލް ޖަހައިދިނީ ފުރުކަތޯން ހަސަންބޮއޭވް ސާދިރުދިން އުގްލީއެވެ. އޭގެ އިރުކޮޅެއްފަހުން ފުރަތަމަ ހާފުގައި ވިކްޓްރީގެ މިރްޖަލޯލް ކާސިމޯވް ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދެވަަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، އެ ހާފުގެ ފުރަތަމަ އެޓޭކްގައި މާޒިޔާއިން ގޯލް ޖަހައި މެޗު އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ ސާނޭއެވެ. އަރިމަތިން ފޭދޫ އިއްބެ ނަގައިދިން ހުރަސް، ފުރުކަތޯން ބޮލުގައި ޖެހި މިސްރާބުން ކައްސާލައިގެން ދިޔުމާއެކު ސާނޭ ވަނީ މުޅިން ހުސްކޮށް އޮވެ، ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައިފައެވެ.

އޭގެފަހުން މާޒިޔާއަށް ދެ ސެޓް ޕީސްއެއްގައި ހުސް ދެ ދުރުސަތެއް ލިބި ބޭކާރުވިއެވެ. އެގޮތުން ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ކުރިއަށް އަރައި ހޯދި ފުރުސަތުގައި އޭނާއަށް ރަނގަޅަށް ގޯލަށް ބޯޅަ އަމާޒުކޮށްލެވިފައި ނުވާ އިރު، ނެމެންޖާ ޑަރަކޮވިޗް ފޮނުވާލި ހަމަލާ މަތަކުރީ ކީޕަރު ޗެކެވެ.

މެޗު ނިމެން ދަނިކޮށް، 82 ވަނަ މިނެޓުގައި މާޒިޔާއިން ލީޑުވެސް ނެގިއެވެ. އެ ގޯލް ޖަހައިދިނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ދާދިފަހުން ހޯދި އަހުމަދު އައިހަމް ފަތޯއެވެ. މެދުތެރެއިން ދުއްވާލި ބޯޅައިގައި ކުރިއަށް ޖެހި، ވިކްޓްރީ ޑިފެންޑަރު ބީޓްވެސް ކޮށްލުމަށްފަހު އައިހަމް ފޮނުވާލި ބޯޅަ ކީޕަރު ޗެކަށް ދިފާއުކުރެވޭ ގޮތެއް ނުވިއެވެ.

އެ ގޯލާއެކު މާޒިޔާ މޮޅުވާން ދަނިކޮށް، ވިކްޓްރީން އެއްވަރުކުރީ 86 ވަނަ މިނެޓުގައެވެ. އަރިމަތިން އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދޭން މަސައްކަތް ކުރި ބޯޅަ، އޭރިއާ ބޭރުން އަލީ ނަސޫހު ރަޝީދު (ޕިލާ) ފައިގައި ޖެހި އޭރިއާ ތެރެއަށް ވެއްޓުމުން އެ ބޯޅަ ގޯލަށް ނިންމާލީ އަލްހާޖީ ގެރޯއެވެ.