އާސެނަލުން ބޭނުންވަނީ ވާދަވެރިކަން އެހެން ދަރަޖައަކަށް ގެންގޮސް، ހަނގުރާމައަކަށް ހަދަން ކަމަށް ވާނަމަ، އެކަމަށް ތައްޔާރު ކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ދެ ސީޒަނެއްގައި ސިޓީއަށް ޕްރިމިއާ ލީގު ތަށްޓަށް އެންމެ ގަދަޔަށް ވާދަކުރި އެއް ޓީމަކީ އާސެނަލެވެ. މިދިޔަ ސީޒަނުގެ ބޮޑުބައެއްގައިވެސް އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތް އިރު، ފަހުކޮޅަށް ގޮސް އެޓީމު އަތުގައި އަށް ޕޮއިންޓްގެ ލީޑެއްވެސް އޮތެވެ. އެހެން ނަމަވެސް އެ ލީޑު ގެއްލި، ސިޓީން ވަނީ ފަހުވަގުތު ތަށި ހޯދައިފަައެވެ.

ސިޓީއާއި އާސެނަލުން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗު 2-2 އިން އެއްވަރުވެގެން ނިމުނު އިރު، އެ މެޗު ސިޓީން އެއްވަރުކުރީ ފަހު ސިކުންތުގައެވެ. އެއީ އާސެނަލްގެ ލެއާންޑްރޯ ޓްރޮސާޑަށް ރަތް ކާޑެއްވެސް ދައްކާފައި އޮއްވައި، އާސެނަލުން ޓީމު އެއްކޮށް ފަހަތަށް ޖެހިގެން ޑިފެންޑް ކުރަމުން ދަނިކޮށެވެ.

އެ މެޗަށްފަހު ސިޓީގެ ޖޯން ސްޓޯންސްއާއި ކައިލް ވޯކާގެ އިތުރުން ބަނާޑޯ ސިލްވާވެސް ވަނީ އާސެނަލުން "ޑާކް އާޓްސް" ބޭނުންކޮށް، ކުޅިވަރުގެ ރޫހާ ހިލާފު ކަންކަމަށް ވަގުތު ބޭކާރުކުރި ކަމަށް ތުހުމަތު ކޮށްފައެވެ. އެކަމަށް މިކޭލް އާޓެޓާ ފަހުން ރައްދުވެސް ދީފައިވާ އިރު، އާސެނަލް ކުޅުންތެރިންވެސް އެވާހަކަތަކަށް ރައްދު ދީފައިވެއެވެ.

އާސެނަލް ކުޅުންތެރިންގެ އެވާހަކަތަކަށް ގާޑިއޯލާ ބުނީ، ވާދަވެރިކަން ބޮޑުކޮށް އެކަމުގައި ހަނގުރާމައަކަށް ދާން ބޭނުންވާނަމަ އެކަމަށް ތައްޔާރު ކަމަށެވެ.

"ބޭނުމީ ހަނގުރާމައަކަށް ނުކުންނަންތަ؟ އެކަން ބޭނުންވާނަމަ މިތިބީ ހަނގުރާމައިގައި،" ގާޑިއޯލާ ބުންޏެވެ.

"އެންމެފަހުން އަހަރެމެން އާސެނަލާ ދެކޮޅަށް ކުޅުނު މެޗަށްފަހު އާސެނަލް ޑިފެންޑަރު ގެބްރިއަލް ބުނި މިކުރަނީ ހަނގުރާމައެއް ކަމަށް. އެއީ ވާދަވެރިކަން ކަމަށް. އެނބުރި އެ ދަނޑަށް ދާއިރު ތައްޔާރަށް ތިބޭނެ ކަމަށްވެސް ބުނި. އެހެންވީމަ މިއީ ހަނގުރާމައެއް. ވާދަވެރިކަން އަހަންނާ ދިމާލަށް އެހެން ބުނަނީ އަހަރެން ޓްރިގާ ކުރަން ކަމަށްވާނަމަ، އެކަން ބަލައިގަނެ، އަހަރެން މިހުރީ ތައްޔާރަށް،" ގާޑިއޯލާ ބުންޏެވެ.