ޔޫއެފާ ޔޫރޮޕާ ލީގުގެ ލީގު ފޭސްގައި ޓޮޓެންހަމްއިން ރޭ ކުޅުނު ފުރަތަމަ މެޗުގައި ގަރަބާގް ބަލިކުރި އިރު، ރޯމާއިން އެތުލެޓިކް ކްލަބު ބަލިކޮށްފިއެވެ.

މިފަހަރުގެ ޔޫރޮޕާ ލީގުގައިވެސް ޖުމުލަ 36 ޓީމު ވާދަކުރަމުންދެއެވެ. އެހެންކަމުން ޗެމްޕިއަންސް ލީގެކޭ އެއްގޮތަށް ޔޫރޮޕާ ލީގުގައިވެސް ކުޅެމުންދަނީ ލީގު ބުރެކެވެ. ކޮންމެ ޓީމަކަށްވެސް އަށް މެޗު، ތަފާތު އަށް ޓީމަކާ ކުޅެން ޖެހޭ ގޮތަށް މެޗުތައް ތާވަލުކޮށްފައިވާ އިރު، ޓޮޓެންހަމްއިން ކުޅުނު ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ގަރަބާގް ބަލިކުރި 3-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފެށުނީ 35 މިނެޓު ލަސްކޮށެވެ. އެއީ ދަތުރުފަތުރުގެ މައްސަލަތަކެއްގެ ސަބަބުން އަވޭ ޓީމުގެ ސަޕޯޓަރުންނަށް އުނދަގޫތަކެއް ދިމާވެގެންނެވެ. މެޗު ފެށިގެން ހަތް ވަނަ މިނެޓުގައި ޓޮޓެންހަމްއަށް މާޔޫސީ ވަގުތުކޮޅަކާ ކުރިމަތިލާން ޖެހުނެވެ. އެއީ އެޓީމުގެ ރުމޭނިއާ ޑިފެންޑަރު ރާޑޫ ޑްރަގޫސިންއަށް ރަތް ކާޑު ދެއްކުމާއެކުގައެވެ.

ކުޅުންތެރިޔަކު މަދުން ކުޅެން ޖެހުނު ނަމަވެސް ޓޮޓެންހަމް ފެނުނީ މާ ބޮޑަށްވެސް ވަރުގަދަކޮށެވެ. ރަތް ކާޑަށް މާގިނައިރެއް ނުވެ، ބްރެނަން ޖޯންސަން ވަނީ ޓޮޓެންހަމްއަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފަށް ނުކުމެ، ޕަޕޭ ސާއާއި ޑޮމިނިކް ސޮލާންކޭ ޖެހި ގޯލުތަކުން ޓޮޓެންހަމް މެޗު ކާމިޔާބުކުރިއެވެ.

މެޗުގައި ގަރަބާގަށް ޕެނަލްޓީއެއް ލިބި، ޓޮރާލް ބޭރަމޯވް އަތުން އެ ޕެނަލްޓީ ނާކާމިޔާބުވި އިރު، އަޒަރްބައިޖާން ޗެމްޕިއަން ގަރަބާގުން އުފެއްދި ރަނގަޅު ހަމަލާތަކެއް ޓޮޓެންހަމްގެ ކީޕަރު ގުގްލިއެލްމޯ ވިސާރިއޯ ވަނީ މަތަކޮށްފައެވެ.

ރޭ ރޯމާއިން ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި އެތުލެޓިކް ކްލަބާ އެއްވަރުވި އިރު، އެޓީމުގެ ގޯލު ޖެހީ އާތެމް ޑޮވްބީކެވެ. އެތުލެޓިކް ކްލަބުގެ ގޯލު މެޗުގައި ޖެހީ އައިޓޯ ޕަރަޑެސްއެވެ. މެޗުގެ ނަތީޖާ އެތުލެޓިކް ކްލަބުން ހަމަހަމަ ކުރީ ފަހު މިނެޓުކޮޅުގައެވެ.