ޔޫއެފާ ޔޫރޮޕާ ލީގުގެ ފުރަތަމަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ނެދަލޭންޑްސްގެ ޓްވެންޓޭއާ އެއްވަރުވެއްޖެއެވެ.

މިފަހަރުގެ ޔޫރޮޕާ ލީގުގައިވެސް ޖުމުލަ 36 ޓީމު ވާދަކުރަމުންދެއެވެ. އެހެންކަމުން ޗެމްޕިއަންސް ލީގެކޭ އެއްގޮތަށް ޔޫރޮޕާ ލީގުގައިވެސް ކުޅެމުންދަނީ ލީގު ބުރެކެވެ. ކޮންމެ ޓީމަކަށްވެސް އަށް މެޗު، ތަފާތު އަށް ޓީމަކާ ކުޅެން ޖެހޭ ގޮތަށް މެޗުތައް ތާވަލުކޮށްފައިވާ އިރު، ޔުނައިޓެޑުން ރޭ ކުޅުނީ އަމިއްލަ ދަނޑުގައެވެ. އެމެޗުގައި ޓްވެންޓޭއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ޓްވެންޓޭއަކީ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގަށް ހާއްސަ ކްލަބެކެވެ. އެއީ އޭނާ އެންމެ ޅަ ދުވަސްވަރު ކުޅުނު ކްލަބެވެ. އެ ކްލަބާ ދެކޮޅަށް ޓީމު ނެރުމަކީ ހާއްސަ ކަމެއް ކަމަށް މެޗުގެ ކުރިން ޓެން ހާގު ބުނެފައިވާ އިރު، ޔުނައިޓެޑުން މެޗު ފެށީ ރަނގަޅަށެވެ. ފުރަތަމަ ހާފުގައި ކްރިސްޓިއަން އެރިކްސަން ޖެހި ގޯލުން ޔުނައިޓެޑް ލީޑު ނެގިއެވެ.

އެ ލީޑާއެކު ޔުނައިޓެޑުން ދެވަނަ ހާފަށް ނުކުމެ އިތުރު ގޯލަކަށް މަސައްކަތް ކުރި ކުރުމުގެ ތެރޭގައި ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ޔުނައިޓެޑުން މޮޅަކަށް ކުރި އުންމީދަށް ހުރަސް އެޅުނީ އެޓީމުގެ ފުރަތަމަ ގޯލު ޖެހި އެރިކްސަން އަތުން ހެދުނު ގޯހަކުން ޓްވެންޓޭއިން މެޗު އެއްވަރުކުރުމުންނެވެ. މެދުތެރެއިން ނުރައްކާތެރި މަގާމަކުން އެރިކްސަން އަތުން ބޯޅަ ހޯދައި، ބާރު ހަމަލާއެއް ގޯލަށް އަމާޒުކޮށްލައިގެން ޓްވެންޓޭއަށް އެއްވަރުކޮށްދިނީ ސޭމް ލެމާސްއެވެ.

މެޗުން ތިން ޕޮއިންޓް ހޯދަން ޔުނައިޓެޑްގެ ޖޯޝުއާ ޒިރްކްޒީއަށް ފަހުވަގުތު ފުރުސަތެއް ލިބިގެންވެސް ބޭނުން ހިފޭ ގޮތެއް ނުވިއެވެ.