ރޮބާޓް ލެވަންޑޯސްކީގެ ގޯލާއެކު ބާސެލޯނާއިން ސްޕެނިޝް ލަ ލީގާގައި ގެޓާފޭ ބަލިކޮށްފިއެވެ.
ބާސާއިން ރޭ އަމިއްލަ ދަނޑުގައި ގެޓާފޭ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި ބާސާއިން ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައިވާ އިރު، ހަތް މެޗުން 21 ޕޮއިންޓާ އެކު އެޓީމު އޮތީ އެއްވަނައިގައެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށްވުރެ ހަތަރު ޕޮއިންޓް ކުރީގައެވެ. ރެއާލަށް ހަތް މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ. ތިންވަނައިގައި އެތުލެޓިކް ކުލަބު ހަތް މެޗުން 13 ޕޮއިންޓާއެކު އޮތް އިރު، މިވަގުތު ހަތަރު ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެއީ ހަ މެޗުން 12 ޕޮއިންޓާ އެކުގައެވެ.
ރޭގެ މެޗުގެ 19 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ. ޖޫލް ކޫންޑޭގެ ހުރަސް ގެޓާފޭގެ ގޯލްކީޕަރު ޑޭވިޑް ސޯރިއާ އަތުގައި ޖެހިފައި ވެއްޓުމުން ރީބައުންސްގައި ލެވަންޑޯސްކީ ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައިފައެވެ. އެއީ ލެވަންޑޯސްކީ މިހާތަނަށް ލީގުގައި ޖެހި ހަތްވަނަ ގޯލެވެ.
ގެޓާފޭއަށް ފުރަތަމަ ހާފުގައި މެޗު އެއްވަރު ކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އެލެކްސް ސޯލާގެ ހުރަހަކުން ކާލެސް ޕެރޭސް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ބާސާގެ ގޯލު ބަލަހައްޓަމުން ދިޔަ އިނާކީ ޕެނާގެ އަތަށެވެ. އުމުރުން 25 އަހަރުގެ ޕެނާ ރޭގެ މެޗު ފަށާފައިވާ އިރު، އޭނާ ގޯލަށް ނުކުތީ ކުރީ މެޗުގައި ބާސާގެ ކެޕްޓަން މާކް-އަންދްރޭ ޓާ ސްޓެގެންއަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.
ބާސާއިން ސްޓެގެންގެ ބަދަލުގައި ގޯލްކީޕަރެއް ހޯދަން މަސައްކަތް ކުރަމުންދާ އިރު، ބެލެވޭ ގޮތުގައި އެ ޓީމުން މިހާރު ވަނީ ޕޮލެންޑްގެ ވޯޝެކް ޝެޒްނީއާ އެކު އެއްބަސްވުމަކަށް އައިސްފައެވެ. ޝެޒްނީ މިވަގުތު ހުރީ ފުޓުބޯޅަ ހުއްޓާލައިގެންނެވެ.
ބާސާއިން މެޗު ޑޮމިނޭޓްކޮށް، ފަހު ހާފުގައިވެސް ހަމަލާތައް އުފެއްދިއެވެ. ލެމީން ޔަމާލްގެ ބާރު ހަމަލާއެއް ގެޓާފޭގެ ގޯލްކީޕަރު ސޯރިއާ މަތަކުރި އިރު، ރަފީނިއާ ބޮލުން ފޮނުވާލި ހަމަލާއެއް ދިޔައީ ބޭރަށެވެ. އަދި އޭގެފަހުންވެސް ރަފީނިއާ ނުރައްކާކުރިއެވެ. މަދުވީ ގޯލެކެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ