ފުޓުބޯޅައިގެ ތާވަލަށް އަންނަމުންދާ ބަދަލުތަކާއެކު މެޗުތައް ފުނިޖެހި، ކުޅުންތެރީންނަށް ނުރައްކާ ވާ ހިސާބަށް ގޮސްފައިވާ ކަމަށް ޓޮޓެންހަމްގެ ކޯޗު، އާންގޭ ޕޮސްޓެކޮގްލޫ ބުނެފިއެވެ.
މި ސީޒަނަށް ކްލަބުތަކަށް މެޗުތައް ގިނަވި އެއް ސަބަބަކީ ޔޫއެފާގެ ކްލަބު މުބާރާތްތަކަށް ގެނައި ބަދަލެވެ. ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ކޮންފަރެންސް ލީގު ފޯމެޓަށްވެސް މިފަހަރު ބޮޑު ބަދަލެއް ގެނެސްފައިވާ އިރު، އެ ހުރިހާ މުބާރާތެއްގައިވެސް މިހާރު ކުޅެނީ ލީގު އުސޫލުގެ ފުރަތަމަ ބުރެކެވެ.
އެ ބުރުގައި ކޮންމެ ޓީމަކަށްވެސް 8 މެޗު ކުޅެން ޖެހޭ އިރު، އެއީ ޔޫރަޕް މުބާރާތްތަކުގައި ކުޅޭ ޓީމުތަކަށް އިތުރުވި ދެމެޗެކެވެ. ޓޮޓެންހަމްއިންވެސް މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ވާދަކުރާ އިރު، އެ މުބާރާތުގެ ފައިނަލާ ހަމައަށް ދާ ޓީމަކަށް ޖުމުލަ 16 މެޗު ކުޅެން ޖެހެއެވެ.
ޓޮޓެންހަމްއިން ޔޫރޮޕާ ލީގުގެ ފުރަތަމަ ބުރުގައި މިރޭ އަޒަރްބައިޖާންގެ ގަރަބާގާ ދެކޮޅަށް ނުކުންނަ އިރު، އެއީ އެޓީމުން ޔޫރޮޕާ ލީގުގެ މި ސީޒަނުގައި ކުޅޭނެ ފުރަތަމަ މެޗެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ޕޮސްޓެކޮގްލޫ ބުނީ މިހާރު އޮތް ހާލަތުން ކުޅުންތެރިންނަށް މެޗުތައް މާ ގިނަވެ، ނުރައްކާ ވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"އަހަރެން ކުރިންވެސް މި ވާހަކަ ދައްކަމުން މި އަންނަނީ. މިހާރު މެޗުތައް ގިނަވެގެން ނުރައްކާ ވާވަރު ވެއްޖެ. ސީޒަން ތެރެއިންވެސް ކުޅުންތެރިންނަށް އެއްވެސް ބްރޭކެއް ނުލިބޭ. މިހާރު މި ދާ ރޭޓުން އެންމެ މޮޅެތި ކުޅުންތެރިން ދަނޑުމަތީގައި ކުޅޭތަން ފެންނާނެހެން ހީއެއް ނުވޭ. އަދި މުހިއްމު ބައެއް ކުޅުންތެރިންނަށް ބޮޑެތި އަނިޔާތައް ވެ، ސީޒަން ތެރެއިން ބޮޑެތި އަނިޔާތައް ފެންނާނެ،" ޕޮސްޓެކޮގްލޫ ބުންޏެވެ.
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ