އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ތިންވަނަ ޑިވިޝަނުގެ ބަރޯ ކައިރިން ފަސޭހަ މޮޅެއް ހޯދި އިރު، މެންޗެސްޓާ ސިޓީން ދެވަނަ ޑިވިޝަނުގެ ވޮޓްފޯޑް ބަލިކޮށްފިއެވެ.
ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ބަރޯ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން ލީގުގައި ކުޅުނު މެޗުގެ ފުރަތަމަ 11 އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުކޮށްގެން ނުކުތް ޗެލްސީގެ ތަރިއަކަށް ރޭގެ މެޗުގައިވެފައި ވަނީ ކްރިސްޓޮފާ އެންކުންކޫއެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މެޗުގެ ކުރީކޮޅުގައި ޖާއޯ ފެލިކްސް ދިން ހިތްގައިމު ޕާހަކުން އެންކުންކޫ އޭނާގެ ފުރަތަމަ ގޯލު ޖެހި އިރު، ހާފު ނިމުމުގެ ކުރިން ޗެލްސީން އިތުރު ދެ ގޯލު ޖެހިއެވެ. އޭގެ ތެރެއިން ދެވަނަ ގޯލު ޖެހީ އެންކުންކޫއެވެ. އެއީ މާލޯ ގުސްޓޯގެ ހުރަހެއް، ފްލިކަކުން ގޯލަށް ވައްދާލައިގެންނެވެ. ޗެލްސީގެ ތިންވަނަ ގޯލަކީ ފެލިކްސްގެ ހިލޭ ޖެހުމެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، ބަރޯގެ ކީޕަރު ގައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ޕެޑްރޯ ނެޓޯ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ގޯލާއެކު ހަތަރު ގޯލުގެ ލީޑެއް ނެގިއެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި އެންކުންކޫ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ޗެލްސީއަށް ލީގު ކަޕްގެ ހަތަރުވަނަ ބުރު ޔަގީންކޮށްދީފައެވެ.
ސިޓީން ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗު، އަމިއްލަ ދަނޑުގައި ކުޅެ ވޮޓްފޯޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެން މެޗަށް ނުކުތް ސިޓީގެ ގޯލުތައް ފުރަތަމަ ހާފުގައި ފެނިގެން ދިޔައީ ޖެރެމީ ޑޮކޫއާއި މަތެއަސް ނުނޭސްގެ ފަރާތުންނެވެ. ވޮޓްފޯޑުގެ ހަމައެކަނި ގޯލު މެޗު ނިމިނިމި އޮއްވާ ޖަހައިިނީ ޓޮމީ އިންސްއެވެ.
ރޭގެ މެޗަށްފަހު ޕެޕް ގާޑިއޯލާ ބުނީ ލީގު ކަޕަށް ހަކަތަ ބޭކާރުކުރަން ވިސްނުން ނެތް ކަމަށާއި، މުބާރަތް މާ މުހިއްމުކަމަށް ދެކިގެން މަސައްކަތް ކުރެވެން ނެތް ކަމަށެވެ. ގާޑިއޯލާ ކޮންމެ ސީޒަނެއްގައިވެސް އެ މޭރުމުން ވާހަކަ ދައްކަމުންދާ ނަމަވެސް، އޭނާއަކީ މިހާތަނަށް މުބާރާތުގައި އެންމެ ކާމިޔާބު އެއް ކޯޗެވެ.
ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީން ހަތަރު ފަހަރަށް ލީގު ކަޕް ކާމިޔާބުކޮށްފައިވާ އިރު، އެއީ ކޯޗަކަށް ރެކޯޑު އަދަދެކެވެ. މީގެ ކުރިން ހަތަރު ފަހަރަށް ކްލަބަކާއެކު އެ މުބާރާތް ކާމިޔާބުކޮށްފައި ތިބި ކޯޗުންނަކީ ސާ އެލެކްސް ފާގަސަންއާއި ބްރައިން ކްލޯއެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް