ސްޕެއިންގެ ބާސެލޯނާގެ ކެޕްޓަން، އެޓީމުގެ އެއް ނަމްބަރު ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެންއަށް އަނިޔާވުމާއެކު އެ ކްލަބުން ބަދަލުގައި ގޯލްކީޕަރެއް ހޯދުމަށް މަސައްކަތް ފަށައިފިއެވެ.

ޓްރާންސްފާ މާކެޓް ބަންދުވެފައި އޮތުމާއެކު ބާސާއަށް މިވަގުތު ހޯދެން އޮތް ހައްލަކީ އެކަޑެމީގެ ގޯލްކީޕަރެއް ފުރަތަމަ ޓީމަށް ޕްރޮމޯޓް ކުރުން ނުވަތަ ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ގޯލްކީޕަރެއްގެ ސޮއި ހޯދުމެވެ. ފްރީ އެޖެންޓުންގެ ގޮތުގައި ބާސާއިން ބަލަމުންދާ ބައެއް ގޯލްކީޕަރުންގެ ނަންތައް މީޑިއާއަށް ވަނީ ތިލަވެފައެވެ.

އޭގެ ތެރޭގައި ސްޕެއިންގެ ގޯލްކީޕަރު ސާޖިއޯ ރީކޯއާއި ކޭލޯ ނަވާސްގެ އިތުރުން ދާދިފަހުން ރިޓަޔާކުރި ޕޮލެންޑްގެ ގޯލްކީޕަރު ވޯޝެކް ޝެޒްނީވެސް ހިމެނެއެވެ.

ޝެޒްނީ އުމުރުން 34 އަހަރުގައި ފުޓުބޯޅަ ހުއްޓާލިކަން އިއުލާނުކުރީ އޮގަސްޓް މަހުގެ ތެރޭގައެވެ. އުމުރުން 16 އަހަރުގައި އާސެނަލުން ކެރިއަރު ފެށި ޝެޒްނީ އެ ކްލަބަށް 181 މެޗު އޭނާ ކުޅެފައިވެއެވެ. އޭގެފަހުން 2017 ވަނަ އަހަރު ޝެޒްނީ ޔުވެންޓަސްއަށް ބަދަލުވެ، އެކްލަބަށް ވަނީ 252 މެޗު ކުޅެފައެވެ. ޔުވެންޓަސްއާއެކު ޝެޒްނީ ވަނީ ބޮޑު އަށް ތަށި ހޯދައިފައެވެ. ޔުވެންޓަސްއިން ވަނީ މިދިޔަ ސީޒަނަށްފަހު ޝެޒްނީ ދޫކޮށްލައިފައެވެ.

ވާސޯއަށް އުފަން ޝެޒްނީ ވަނީ ޕޮލެންޑް ގައުމީ ޓީމަށް 84 މެޗު ކުޅެފައެވެ. ގައުމީ ޓީމާއެކު ޝެޒްނީ ވަނީ ޔޫރޯގެ ހަތަރު މުބާރާތް، ދެ ވޯލްޑް ކަޕްވެސް ކުޅެފައެވެ.

ޝެޒްނީ ރިޓަޔާމެންޓުން އެނބުރި އައިސްދާނެ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ނަވާސްވެސް ބާސާއިން ބޭނުންނަމަ، އެ ކްލަބަށް ދާން އެއްބަސްވާ ގޮތަށް ހުރި ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

ބާސާއިން އެންމެފަހުން ކުޅުނު މެޗުގައި ސްޓެގެންއަށް އަނިޔާވެ ސްޓްރެޗާގައި ބާލަން ޖެހުނު އިރު، އޭނާ ވަނީ ކަކުލުގެ ސާޖަރީއެއް މިހާރު ފުރިހަމަކޮށްފައެވެ. އެހެންކަމުން އެނބުރި އަންނާނެ ކަމަށް ބެލެވެނީ އަށް ވަރަކަށް މަސް ފަހުންނެވެ.

ސްޓެގެން ބާސާއަށް 400 މެޗު ކުޅެފައިވާ އިރު، އޭނާ އެ ކްލަބާ ގުޅިފައިވަނީ 2014 ވަނަ އަހަރު ބްރޫޝިއާ މޮންޗެންގްލެޑްބެޗުންނެވެ. ސްޓެގެންއަކީ މިވަގުތު ޖަރުމަނު ގައުމީ ޓީމުގެވެސް އެއް ނަމްބަރު ގޯލްކީޕަރެވެ.