މާލޭގައި ހިންގި ގްރޫޕު މާރާމާރީއެއްގައި މ. ސަރުމާގޭ އުމުރުން 14 އަހަރުގެ ފާތިހު މުހައްމަދު އަލީ މަރާލި މައްސަލައިގައި، ވީޑިއޯ ފުޓޭޖުން ފެންނަނީ، ފާތިހު މަރައިލުމަށް އެހީތެރިވެދިން ކަމަށް ތުތުމަތު ކުރާ އިރުފާން ރުޝްދީ ކަމަށް މިއަދުގެ އަޑުއެހުމުގައި ހެކިވެރިޔާ ބުނެފިއެވެ.
ފާތިހު މަރާލާފައި ވަނީ، 2016 އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:00 ހާއިރު ސަރުމާގޭގެ ތެރޭގައި ބަޔަކު އޭނާއަށް ވަޅިއަކުން ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގައި އިރުފާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އޮތީ ދައުލަތުން ހުށަަހަޅާފައިވާ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓަކާ ގުޅިގެން ހެކިބަސް ނެގުމެވެ. އެހެން ކަމުން ހެކިވެރިއެއްގެ ގޮތުގައި ހާޒިރުވެ ހެކިބަސް ދިނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ އޮފިސަރެކެވެ.
އޭނާ ހާޒިރުކުރީ މި މައްސަލައިގައި ހިމެނޭ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހުންގެ ތެރޭގައި އިރުފާން ހުރިތޯ ދެނެގަތުމަށްޓަކައެވެ. އެ ފުޓޭޖަކީ މ. ސަރުމާގޭގެ ގްރައުންޑް ފްލޯގެ އެތެރެ ފެންނަ ގޮތަށް ނަގާފައިވާ ފުޓޭޖެކެވެ.
ހެކިވެރިޔާ މިއަދު ބުނީ، އިރުފާން އާއި ވީޑިއޯ ފުޓޭޖުން ފެންނަ ފަރާތާ އެއްގޮތް ކަންތައްތައް ހުރިކަން ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ވީޑިއޯ ފުޓޭޖުން ފެންނަނީ އިރުފާން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.
ފުޓޭޖުން ފެންނަ ފަރާތާ އިރުފާންއާ އެއްގޮތް ކަމަށް ހެކިވެރިޔާ ބުނާ ސަބަބުތަކާ ގުޅޭގޮތުން ދިފާއުން ވެސް މިއަދު ސުވާލުކޮށް އިތުރު ކަންތައްތައް އޮޅުން ފިލުވިއެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ހެކިވެރިޔާ ބުނީ، އިރުފާނުގެ މޫނުގެ ބައްޓަމާއި ހަށިގަނޑާއި ރޫފަ، ފުލުހުން ބަލާ މިންގަނޑުތަކާ އެއްގޮތަށް އެ ފްޓޭޖުން ދިމާވާ ކަމަށެވެ.
މި މައްސަލައިގައި ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައިވާ އިރުފާން ފެނުނީ އޭނާ ހޯދަމުން ދާތާ ތިން އަހަރު ފަހުން، 2019 ވަނަ އަހަރުގެ 26 އޮކްޓޯބަރުގެ ރޭ ގދ. ތިނަދޫއާ 15 މޭލު ބޭރުން ޕެޓްރޯލް ހުސްވެގެން ހުއްޓުނު "ބްލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗަކުންނެވެ.
އެރޭ ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.
އޭގެ ކުރިން އިރުފާން ހޯދުމަށް، އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ މަރު ކޮމިޝަނުންވެސް އިއުލާން ކުރިއެވެ.
ނަމަވެސް އެއަށްފަހު އިމިގްރޭޝަނުން ދިން މައުލޫމާތެއްގެ އަލީގައި އެ ކޮމިޝަނުން ބުނެފައިވަނީ، 2015 ވަނަ އަހަރު އޭނާ ރާއްޖޭން ބޭރަށް ދިޔަ ގޮތަށް ރާއްޖެ ނާންނަ ކަމަށެވެ.
އޭރު މަރު ކޮމިޝަންގެ އެންގުމަށް ފުލުހުން އޭނާ ހޯދަން އިއުލާނު ކުރީ ވެސް ފާތިހުގެ މަރުގެ މައްސަލައިގައި ސީސީ ޓީވީ ފުޓޭޖުން އޭނާ ފެންނަން ހުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު