ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ދޭ އެހީތެރިކަން ކުރިޔަށް އޮތް ތަނުގައިވެސް ކުރިޔަށް ދާނެ ކަމަށް ސައުދީ ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް-ސަޢޫދްއާ ވިދާޅުވެއްޖެ އެވެ.

ސައުދީ ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ސެޝަންގައި ސައުދީ ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވަނީ އެ ގައުމުގެ ވަފުދުގެ އިސްވެރިޔާގެ ހައިސިއްޔަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނިގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ދިވެހިރާއްޖޭގެ ތަރައްގީއަށް ސައޫދީ އަރަބިއްޔާއިން މެދުކެނޑުމެއްނެތި ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ފިސްކަލް ރިފޯމާއި ތައުލީމާއި ސިއްހަތާއި އިގްތިސޯދީ ތަރައްގީއާއި އަދި ހައްޖުގެ އަޅުކަމާ ގުޅޭ ކަންކަން ފަދަ ދިވެހިރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުން ވެސް އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.