ބޫޓާންގައި ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭޝްއާ އެއްވަރުކޮށްފިއެވެ.

މިއަދު ބޫޓާންގެ ޗަންގްލިމިތަންގް ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރާއްޖެއިން ބަންގުލަދޭޝްއާ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ.

ރާއްޖެއިން މިފަހަރުގެ މުބާރާތުގެ ގްރޫޕް އޭގައި ހިމެނިފައިވާ އިރު، އެއީ މަރުގެ ގުރޫޕްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގްރޫޕެވެ. މީގެ ކުރިން 2022 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ސާފް 17 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކުރި އިންޑިއާގެ އިތުރުން ވަރުގަދަ ބަންގުލަދޭޝް އެ ގްރޫޕްގައި ދެން ހިމެނުނު އިރު، އެފަހަރު ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ ސްރީ ލަންކާއާއި ބަންގުލަދޭޝް ކައިރިންވެސް ބަލިވެފައެވެ.

ރާއްޖެ އެފަހަރު ބަންގުލަދޭޝް ކައިރިން ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. އަދި ލަންކާ ކައިރިން ބަލިވެފައި އޮތީ 1-0 އިންނެވެ. އެހެންކަމުން މިއަދުގެ ނަތީޖާއަކީ ރާއްޖެއަށް ވަރަށް ރަނގަޅު ނަތީޖާއެކެވެ.

މިއަދުގެ މެޗު ވަރުގަދަކޮށް ފެށީ ބަންގުލަދޭޝްއިންނެވެ. ރާއްޖެއިން ފުރަތަމަ ހާފުގައި ބޮޑަށް ޑިފެންސަށް ސަމާލުކަންދީގެން ކުޅެފައިވާ އިރު، ބަންގުލަދޭޝް އެޓޭކްގެ ގިނަ ހަމަލާތަކެއް ރާއްޖޭގެ ގޯލްކީޕަރު ހަސަން މާހިލް ނަސީރު މަތަކޮށްފައިވެއެވެ. އެގޮތުން އެމްޑީ މަނިކާއި ނަޒްމުލް ހުދާ ފައިސަލް އަދި އެމްޑީ އޮޕޫ ރަހުމާންގެ ހަމަލާތައްވެސް މަތަކުރީ މާހިލްއެވެ.

ބަންގުލަދޭޝްއިން އޯގަނައިޒްކޮށް ކުޅެ، ފުރަތަމަ ހާފު ވަރުގަދަކޮށް ނިންމާލި އިރު، އެޓީމުން މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. އެ ގޯލަކީ ރާއްޖޭގެ ގޯލު އޭރިއާ ބޭރުން އެމްޑީ މުރްސިދު އަލީއަށް ލިބުނު ބޯޅައިގައި، ދުރުން އޭނާ ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ކަނައަށް އަމާޒުކޮށްލައިގެން ބަންގުލަދޭޝްއިން ޖެހި ގޯލެކެވެ.

އެ ގޯލާއެކުވެސް ރާއްޖެއިން އެހާ ބޮޑަށް ކުރިއަށް ނުޖެހި، މަޑުމަޑުން މެޗު ތެރެއަށް ވަންނަން މަސައްކަތްކޮށް، އެއްވަރުކުރީ 79 ވަނަ މިނެޓުގައެވެ. އެ ގޯލު ޖަހައިދިނީ ކެޕްޓަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފޯވަޑް މުހައްމަދު އިލާން އިމްރާނެވެ.

އިލާން އެ ގޯލު ޖެހީ ރާއްޖޭގެ ފަހަތުން ސާފުކޮށްލި ބޯޅައަކަށް ބާރު ދުވެލީގައި މަސައްކަތްކޮށް، އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލު ދަނޑީގައި ޖައްސައި އެތެރެއަށް ވައްދާލައިގެންނެވެ.

ރާއްޖެއިން ދެން ކުޅޭ ގްރޫޕް ސްޓޭޖު މެޗުގައި ނުކުންނާނީ ފުރަތަމަ މެޗުގައި ބަންގުލަދޭޝް ބަލިކޮށްފައި އޮތް އިންޑިއާއާ ދެކޮޅަށެވެ. އެ މެޗުގައި އިންޑިއާއިން ބަންގުލަދޭޝް ބަލިކުރީ 1-0 އިންނެވެ. އެހެންކަމުން އިންޑިއާ ކައިރީ އެއްވަރު ކޮށްލައިގެންވެސް ރާއްޖެއަށް ސެމީއަށް ދިއުމަށް ފުރުސަތު އެބައޮތެވެ.

ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހު ހަވީރު ރާއްޖެ ގަޑިން ހަވީރު 5:00 ގައެވެ.