ގައުމީ ސީނިއާ ޓީމުން ދާދިފަހުން ސްރީ ލަންކާ ބަލިކޮށް ހޯދި ސުޕަ ކަޕް ކާމިޔާބީއަކީ ޒުވާން ޓީމަށް ހިތްވަރަކަށް ވާނެ ކަމަށް 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު، ކުރީގެ މަޝްހޫރު ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.

ސާފް 17 އަހަރުން ދަށުގެ މުބާރާތް ސްރީ ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި މާދަމާ ފަށާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. ބޫޓާނާއި އިންޑިއާގެ އިތުރުން ދެން އެގްރޫޕްގައި ހިމެނެނީ ރާއްޖެއާއި ޕާކިސްތާނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނީ 16 ވަނަ ދުވަހު، ރާއްޖެ ގަޑިން މެންދުރު ފަހު 3:00 ގައެވެ.

ޕްރި ޓޯނަމެންޓް ޕްރެސްގައި ސޮބާ ފުރަތަމަވެސް ބުނީ ސްރީ ލަންކާއިން މުބާރާތަށް ކީ މަރުހަބާއަށް ޝުކުރު އަދާކުރާ ކަމަށާއި، ޓީމުތައް ތިބޭ ހޮޓެލްތަކުގެ ފެންވަރު ރަނގަޅު ކަމަށެވެ. ކޯޗު ސޮބާ ބުނީ ތައްޔާރީތަކަށް އެކަށީގެންވާ ވަގުތު ނުލިބުނު ނަމަވެސް، އުންމީދު އެބައޮތް ކަމަށެވެ.

"ތައްޔާރީތަކަށް އަހަރެމެންނަށް ނުލިބޭ އެންމެ އެކަށީގެންވާ ވަގުތެއް. އެއީ ފުޓުބޯޅަ އިދާރާގެ ހާލަތު ބަދަލުވަމުންދިޔަ ގޮތުން. ނޯމަލައިޒޭޝަން ހާލަތުގައި އޮވެ، އާ އެކްސްކޯއެއް އައިސްގެން އެ ދިޔަ ދުވަސްތަކާވެސް އެކު. އަަހަރެމެންނަށް ލިބުނީ 17 ނޫނީ 18 ދުވަސް. އަހަންނަށް އެ ދުވަސްތަކުގައި ކުރެވުނު މަސައްކަތަށް އިތުބާރު އެބައޮތް. ޓެކްނިކަލީ ކުޅުންތެރިން ރަނގަޅަށް ތިބި ނަމަވެސް، އިދިކޮޅަށް މެޗުތަކެއް ނުލިބި ޓީމު އޮތުމާއެކު، އެއީ ޗެލެންޖެއް،" ސޮބާ ބުންޏެވެ.

23 އޮގަސްޓް 2025، 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުދިން ހޮވުމައްޓަކައި ބޭއްވި އޯޕަން ޓްރިއަލްތަކުގެ ތެރެއިން ކޯޗު ސޮބާ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ސަރަހައްދީ ޒުވާން ޓީމުތަކުގެ މެދުގައި މިހާތަނަށް ބޭއްވި ޒުވާން ގިނަ މުބާރާތްތައް އިންޑިއާއިން ކާމިޔާބު ކޮށްފައިވާ އިރު، ސޮބާ ބުނީ އިންޑިއާއަކީ ފެވަރިޓުން ކަމަށެވެ.

"އަހަރެން ސީނިއާ ޓީމުގައިވެސް ތަޖުރިބާތަކެއް ކުރިން. ހަމަ މި ސްރީ ލަންކާގައި ގައުމީ ޓީމާއެކު ކާމިޔާބުވެސް ހޯދިން. އެއީ އިންޑިއާއާ ދެކޮޅަށް ކުޅެގެން. ދެން އިދިކޮޅު ޓީމުތަކަށް ބުނާ ދެރަ ބަހެއް ނޫން މިއީ، އެކަަމަކު އިންޑިއާއަކީ ފެވަރިޓުން. އެޓީމުން މި މުބާރާތް ގިނައިން ހޯދާފައި ވަނީވެސް. އެއީ ގްރޫޕުގައި އޮތް އެންމެ ވަރުގަދަ ޓީމު،" ސޮބާ ފާހަގަކުރިއެވެ.

ސޮބާ ބުނީ ދެން ގްރޫޕްގައި ހިމެނޭ ޕާކިސްތާނާއި ބޫޓާނަކީ ޒުވާން ކުޅުންތެރިން ވަރުގަދަވަމުން އަންނަ ގައުމުތަކެއް ކަމަށާއި، އެ ގައުމުތަކަށް ވިސްނާނީ އިންޑިއާ މެޗަށްފަހުގައި ކަމަށެވެ.

ދާދިފަހުން ސްރީ ލަންކާގައި ގައުމީ ސީނިއާ ޓީމުން ކުޅުނު ދެކުނު އޭޝިއާ ސުޕަ ކަޕްގައި ފެނިގެންދިޔަ ޒުވާން ފޯވަޑް، މުހައްމަދު އިލާން އިމްރާންވެސް 17 އަހަރުން ދަށު ޓީމުގައި ހިމެނެއެވެ. އެހެން ނަމަވެސް އޭނާ އަދި ޓީމާ ގުޅިފައެއް ނުވެއެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބުން ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ކުޅެން ޖެހޭތީއެވެ.

ސޮބާ ބުނީ އެ ނިންމުން ނިންމީ ކުޅުންތެރިޔާއާ ރަނގަޅަށް ވާހަކަ ދެކެވިގެން ކަމަށާއި، އިލާން ޗެރިޓީ ޝީލްޑް މެޗަށްފަހު އަނެއް ދުވަހު ޓީމާ ގުޅޭނެ ކަމަށެވެ.

ސުޕަ ކަޕްގެ ކާމިޔާބީއަށް ވާހަކަ ދައްކަމުން ކޯޗު ސޮބާ ފާހަގަކުރީ، އެއީ އުންމީދެއް ކަމަށާއި، އެ ކާމިޔާބީން ޒުވާން ޓީމަށް ހިތްވަރު ލިބޭނެ ކަމަށެވެ.

"އަބަދުވެސް ސީނިއާ ޓީމުން މޮޅެއް ހޯދުން އެއީ އުންމީދަކަށްވާނެ. އެއީ ޒުވާން ޓީމުތަކުންވެސް އެކަމުން ހިތްވަރު ހޯދާނެ ކަމެއް. ހާއްސަކޮށް ސަޕޯޓަރުންނަށް ވަރަށް ބޮޑު އިތުބާރެއް ލިބޭނެ ސީނިއާ ޓީމުގެ މޮޅުން. އާ އެފްއޭއެމްގެ އެކްސްކޯއަކާއެކު އެއީ ފުޓުބޯޅައަށް ލިބުނު އުންމީދެއް. ދެން ރާއްޖޭގައި މިދިޔަ ދެތިން އަހަރު ހަގީގާތުގައި ޒުވާން ކުޅުންތެރިން އުފެދުނު. އެހެންވިޔަސް ގައުމީ ޓީމަށް ކުޅެން ލިބޭ މެޗުތައް މަދުވުމުން އެއީ ޗެލެންޖެއް،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ ހުނަރުން އެކަނި މުބާރާތްތައް ކާމިޔާބުނުވާނެ ކަމަށާއި، ބައިނަލްއަގުވާމީ ތަޖުރިބާތައް ކުޅުންތެރިންނަށް ބޭނުންވާ ކަމަށެވެ.