ސްރީ ލަންކާގައި ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން، ވަރުގަދަ އިންޑިއާ ކައިރިން ބަލިވެއްޖެއެވެ.

ސްރީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުން ރާއްޖޭގެ ޒުވާން ޓީމު ބަލުވީ 6-0 ގެ ނަތީޖާއަކުންނެވެ. ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި މިފަހަރު ރާއްޖެ ލައްވާލީ ވަރުގަދަ ގްރޫޕެއްގައެވެ. އިންޑިއާއާއި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ޒުވާން ސްކޮޑުތައް ކުރިއަރަމުން އަންނަ ޕާކިސްތާނާއި ބޫޓާނެވެ.

މެޗުގެ 12 ވަނަ މިނެޓުގައި އިންޑިއާއިން ލީޑު ނަގާފައިވާ އިރު، އެ ގޯލު ޖެހީ ޑައްލާލްމުއޯން ގާންޓޭއެވެ. އޭގެފަހުން ފުރަތަމަ ހާފުގައި ހިރްޝީކޭޝް ޗަރަން މަނަވަތީ ޖެހި ގޯލުން އިންޑިއާ ލީޑު ފުޅާކުރި އިރު، ދެވަނަ ހާފުގައި ކަމްގޫހާއޯ ޑޯންގެލްއާއި ގަންލެއީބާ ވަންގެއިރަކްޕާމްގެ އިތުރުން އާޒިމް ޕަރްވޭޒް ނަޖަރު އަދި ގާންޓޭގެ ގޯލުތަކުން އިންޑިއާއިން ތަފާތު ބޮޑު ކުރިއެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގައި އިއްޔެ ޕާކިސްތާނާއި ބޫޓާން ވާދަކުރި މެޗު، 4-0 އިން ޕާކިސްތާން ކާމިޔާބުކުރި އިރު، ކޯޗު ސޮބާހް މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރާއްޖޭގެ ޓީމަށް ދެން އޮތީ ޕާކިސްތާން މެޗެވެ.

އެމެޗު އޮންނާނީ 19 ވަނަ ދުވަހުއެވެ.