މި މަހު އިއުލާން ކުރި ފީފާ ފުޓްބޯޅަ ދުނިޔޭގެ ރޭންކިންގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާ އިން ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދައިފިއެވެ.
މި ވަގުތު ދެކުނު އޭޝިއާ ގައުމުތަކުގެ ފުޓްބޯޅަ އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ރާއްޖޭގެ ފުޓްބޯޅަވެސް އިދާރީ މައްސަލަތަކާ ހެދި ހުއްޓިފައި އޮތް އިރު، ފީފާ އިން ވަނީ ރާއްޖޭގެ އެފްއޭ ނޯމަލައިޒްވެސް ކޮށްފައެވެ. އޭގެ އިތުރުން އިންޑިއާ ފުޓްބޯޅައިގެ ތެރޭގައިވެސް ބައެއް މައްސަލަތައް އެބަ އުޅެއެވެ. ކުރިން ހުރި ކޯޗު އީގޯ ސްޓިމަކްގެ ފަރާތުން މިހާރުވެސް އެ ވާހަކަތައް ދައްކަމުންދާ އިރު، ބަންގްލަދޭޝްގައި އޮތް ދާހިލީ ހަމަނުޖެހުމުން އެ ގައުމުގެ ފުޓްބޯޅަވެސް އޮތީ ހުއްޓިފައެވެ.
މީގެ ކުރިން ފީފާ ސަސްޕެންޝަނާވެސް ކުރިމަތިލާން ޖެހުނު ލަންކާ އިން ދާދި ފަހުން ބައިނަލްއަގުވާމީ ފުޓްބޯޅައެއް އެނބުރި އައިސް، ކެމްބޯޑިއާ ވަނީ ބަލިކޮށްފައެވެ. އެއީ އަބްދުﷲ އަލް މުތައިރީގެ ކޯޗުކަމުގެ ދަށުންނެވެ. އެއީ ދުވަސްތަކެއް ފަހުން ލަންކާ ފިރިހެން ގައުމީ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. އެ މޮޅާއެކު ލަންކާ ވަނީ 205 ވަނައިގައި 200 ވަނައަށް ރޭންކިންގައި ޖެހިލައިފައެވެ.
ލަންކާއަށްވުރެ މަތިން މިހާރު ރޭންކް ކުރެވިފައިވާ ހަމައެކަނި ދެކުނު އޭޝިއާ ގައުމުތަކަކީ ރާއްޖެއާއި އިންޑިއާއެވެ. ރާއްޖެ އޭގެ ކުރީ މަހުގައިވެސް ވެއްޓުނު ހިސާބުގައި އޮތްއިރު، އިންޑިއާ ވަނީ މި މަހުގެ ރޭންކިންގައިވެސް ވެއްޓިފައެވެ. ރާއްޖެ 163 ވަނައިގައި މިފަހަރުވެސް އޮތްއިރު، އިންޑިއާ ވަނީ 124 ވަނައިގައި 126 ވަނައަށް ވެއްޓިފައެވެ.
ރާއްޖޭގެ ގައުމީ ސީނިއާ ޓީމު މެޗެއް ނުކުޅެ ގިނަ ދުވަސްތަކެއްވެފައިވާ އިރު، ރޭންކިންއަށް ބަދަލު ނައިސް އޮތީ ރާއްޖެއާ ގާތުގައި އޮތް ގައުމުތަކުންވެސް މެޗުތައް ނުކުޅެ އޮތުމުންނެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ލަންކާ އިން ވަނީ ފުޓްބޯޅަ ރަނގަޅު ކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭޝިއާގައި އުފެދުނު އެންމެ ވަރުގަދަ އެެއް ކުޅުންތެރިޔާ، އޮސްޓްރޭލިއާގެ ކުރީގެ ފޯވަޑް ޓިމް ކޭހިލް އާއެކު އެއްބަސްވުމެއްގެ ދަށުން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފައެވެ. އެ މަސައްކަތުގެ ތެރެއިން އެ ގައުމަށް ނިސްބަތްވާ، ޔޫރަޕުގައި ދިރިއުޅެމުންދާ ކުޅުންތެރިން ހޯދުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ބައްޕަ ނޫނީ މަންމަގެ އާއިލާއަކީ ލަންކާއަށް ނިސްބަތްވާ އާއިލާތަކުގެ ކުޅުންތެރިން ހިމެނެއެވެ.
ލަންކާ އާއިލާތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ރަށްވެހިކަން ދީ، އެ ގައުމުގެ ފުޓްބޯޅަ ގައުމީ ޓީމަށް ނެރެން ކުރެމުން އަންނަ މަސައްކަތުގައި މިދިޔަ އަހަރެއްހާ ދުވަހުވެސް ގާތްގަނޑަކަށް ޕްރޮފެޝަނަލް 14 ކުޅުންތެރިޔަކު ބަލާފައިވެއެވެ. އެއީ ޔޫރަޕްގެ އެކި ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިންނެވެ. އެ 14 ވަރަކަށް ކުޅުންތެރިންނާއެކު ގައުމުގައި މިހާރު ކުޅެމުންދާ 20 ކުޅުންތެރިންގެ ބޮޑު ސްކޮޑެއް ލަންކާ އިން ތައްޔާރުކޮށްފައިވާ އިރު، އާ ކުޅުންތެރިންނަށް އެކިއެކި މެޗުތަކުގައި ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ