އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ޗެލްސީން ކުޅުނު މެޗުގައި ވެސްޓް ހަމް ބަލިކުރި އިރު، މިރޭ ލިވަޕޫލުން ކުޅުުނު މެޗުގައި ބޯންމައުތު ބަލިކޮށް އެޓީމު އެއްވަނައަށް ޖެހިލައިފިއެވެ.
ޗެލްސީން މިއަދު ހަވީރު ރަށުން ބޭރުގައި ކުޅުނު ލަންޑަން ޑާބީގައި ވެސްޓް ހަމް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީން މިހާތަނަށް ލީގުގައި ކުޅުނު އަވޭ ތިން މެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމުގެ ކޯޗު އެންޒޯ މަރެސްކާ ވެފައިވަނީ ލީގުގައި ކުޅުނު ފުރަތަމަ ތިން އަވޭ މެޗެއް ކާމިޔާބުކުރި އަށްވަނަ ކޯޗަށެވެ. އަދި އޭނާ ވެފައިވަނީ ޕެޕް ގާޑިއޯލާއަށްފަހު ޕްރިމިއާ ލީގުގައި އެ ކާމިޔާބީ ހޯދި ފުރަތަމަ ކޯޗަށެވެ. ގާޑިއޯލާ އެންމެފަހުން ލީގުގެ ފުރަތަމަ ތިން އަވޭ މެޗުން މޮޅުވީ 2016 ވަނަ އަހަރުއެވެ.
ޗެލްސީ މި ސީޒަން ރަނގަޅު ފޯމެއްގައި ފަށާފައިވާ އިރު، އެޓީމުން އެންމެފަހުން ކުޅުނު ދެ މެޗުގައިވެސް ވަނީ ކްލީންޝީޓް ހިފަހައްޓައިފައެވެ.
މިއަދުގެ މެޗުގައި ޗެލްސީން ވަނީ އަވަސް ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. އަރިމަތިން ބޯޅަ ހިފައިގެން ގޮސް، ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައި ޗެލްސީއަށް ގޯލު ޖަހައިދިނީ ނިކޮލަސް ޖެކްސަންއެވެ. އެ ގޯލަށް އެސިސްޓް ކޮށްދިނީ މިއަދުގެ މެޗުގެ ފުރަތަމަ 11 އަށް ނުކުތް ޖޭޑަން ސަންޗޯއެވެ.
ޗެލްސީއަށް ބަދަލުވެ، ސަންޗޯ ވަނީ މިހާތަނަށް ދެ މެޗުގައި ދެ އެސިސްޓް ފުރިހަމަކޮށްފައެވެ. އެ ގޯލަށް މާ ގިނައިރެއް ނުވެ، ޗެލްސީން ދެވަނަ ގޯލެއްވެސް ފެނިގެން ދިޔައެވެ. ފުރަތަމަ ގޯލަށް 15 ވަރަކަށް މިނެޓް ވެސް ނުވަނީސް، މެދުތެރެއިން ރަނގަޅު ކުޅުމަކާއެކު މޮއިސެސް ކައިސޭޑޯ ދުއްވާލި ބޯޅައަށް ކުރިއަށް ޖެހި، ދެވަނަ ގޯލުވެސް ޖަހައިދިނީ ސެނެގާލް ފޯވަޑް ޖެކްސަންއެވެ.
ދެވަނަ ހާފަށް ނުކުތުމުގެ ކުރިން ހާފުގެ ފަހުކޮޅުގައި ވެސްޓް ހަމްއިން ކުޅުން ރަނގަޅުކޮށް، ގޯލަކަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ގޯލު ޖެހީ އަނެއްކާވެސް ޗެލްސީއެވެ. އެ ގޯލަކީ ކައުންޓާ އެޓޭކެއްގައި ޖެކްސަން ދުއްވާލި ބޯޅައަކުން ކޯލް ޕާމާ ޖެހި ގޯލެކެވެ.
މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ލިވަޕޫލަށް އެ މަގާމު ލިބެނީ ފައިދާ ގޯލެއްގެ ތަފާތުންނެވެ. ދެވަނައިގައި 12 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އަދި ތިންވަނައިގައި 12 ޕޮއިންޓާއެކު އެސްޓަން ވިލާއިން އޮތީ ފުލުގައި ވިއްދައިފައެވެ.
އާނޭ ސްލޮޓާއެކު ވަރުގަދަކޮށް ސީޒަން ފެށި ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ބޯންމައުތު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް އަތުން 1-0 ބަލިވެފައި އޮތް ލިވަޕޫލަށް މިރޭގެ މެޗުގެ ކުރީކޮޅުގައިވެސް ހާސްކަމާ ކުރިމަތިވިއެވެ.
އެންޓޮއިން ސެމެންޏޯ ޖެހި ބޯޅައެއް ލިވަޕޫލް ކޮޅަށް ވައްދާލި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. އެ ބޯލައަށް މަސައްކަތްކުރި އިރު އޭނާ އޮފްސައިޑް މަގާމުގައި އޮތުމުންނެވެ.
އޭގެފަހުން ދެން ފެނުނީ މުޅިންވެސް ލިވަޕޫލުން ނުރައްކާ ކުރިތަނެވެ. ލުއިސް ޑިއާޒާއި މުހައްމަދު ސަލާހްގެ އިތުރުން ޑާވިން ނުނޭޒްގެ ނުރައްކާވެސް ފާހަގަވެގެން ގޮސްފައިވާ އިރު، ހާފުގެ ތެރޭގައި ދެ މިނެޓް ތެރޭ ދެ ގޯލު ޖަހައި ޑިއާޒް ވަނީ އަވަސް ދެ ގޯލުން ލިވަޕޫލަށް ލީޑު ނަގައިދީ، ލީޑު ފުޅާވެސް ކޮށްދީފައެވެ.
އޭގެފަހުން 37 ވަނަ މިނެޓުގައި ނުނޭޒްގެ އިތުރު ގޯލަކާއެކު ލިވަޕޫލުން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރި އިރު، މެޗަށް ނުކުމެ ފެޑެރީކޯ ޗިއޭސާގެ ދެ ހަމަލާއެއްވެސް ފެނިގެން ދިޔައެވެ. ބޯންމައުތުން ފަހުކޮޅުގައި އުފެއްދި ހަމަލާތަކުގެ ތެރެއިން، އަންދޯނީ އިރައޯލާ ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިތަން ފެނިގެން ދިޔައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު