ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކިޓް މެނޭޖަރަކީ ބަންގުލަދޭޝް ރައްޔިތެއް ކަމަށްބުނެ، އޮންލައިން ނޫސް "ރާއްޖެ އެމްވީ" އިން ގެނެސްދިން ހަބަރު ދޮގުކޮށް، ފުޓްބޯލް އެސޯއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކަން ކުށްވެރިކޮށްފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް ބޫޓާންގައި ކުރިއަށްގެންދާ 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ފުރި ޒުވާން ގައުމީ ޓީމުގައި "ބަންގާޅީން ވެސް ހިމެނޭ" ކަމަށްބުނެ، ރާއްޖެ އެމްވީން ވަނީ ރިޕޯޓެއް ގެނެސްފައެވެ. އެ ރިޕޯޓުގައި ރާއްޖޭގެ ކިޓް މެނޭޖަރު މުހައްމަދު އައްސަދަކީ ބަންގުލަދޭޝް ރައްޔިތެއް ކަމަށްބުނެ ވަރަށް ބޮޑަށް ވަނީ ފާޑުކިޔައިފައެވެ.

އެ ރިޕޯޓާ ގުޅިގެން އައްސަދަކީ ދިވެއްސެއް ކަމަށްބުނެ، ގިނަ ބަޔަކު ގެންދިޔައީ ސޯޝަލް މީޑިއާގައި ރާއްޖެ އެމްވީއަށް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުކުރަމުންނެވެ. އެކަމާ ގުޅިގެން ފަހުން ރާއްޖެ އެމްވީން ވެސް ވަނީ އެ ރިޕޯޓު، ވެބްސައިޓުން ނަގައިފައެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެ ނޫހުން މައާފަށް އެދިފައެއް ނުވެއެވެ.

އެ މައްސަލައިގައި އެފްއޭއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްސަދަކީ އެ އެސޯސިއޭޝަންގެ މުވައްޒަފެއްގެ ގޮތުގައާއި އެކިއެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގެ ކިޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ހީވާގި، ހިންގުންތެރި ދިވެހި ޒުވާނެއް ކަމަށާއި އެއީ އެ އެސޯސިއޭޝަންގެ ހިދުމަތްތެރި މުވައްޒަފެއް ކަމަށެވެ.

"ވީއިރު މުހައްމަދު އައްސަދަކީ ބިދޭސީއެއް ކަމަށްބުނެ، ހަގީގަތާ ހިލާފު އަދި ކަނޑައެޅިގެން ދޮގު މައުލޫމާތުގެ މައްޗަށް ލިޔެ ރާއްޖެ އެމްވީ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރު މި އެސޯސިއޭޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މި ހަބަރުގައި އެފްއޭއެމްގެ ފަރާތުން މައުލޫމާތު ލިބިފައިނުވާ ކަމަށް ލިޔުއްވާފައިވަނީ ހަގީގަތާ ހިލާފަށް ކަމުގައި ފާހަގަކުރަމެވެ..،" އެފްއޭއެމްގެ ބަޔާނުގައި ބުންޏެވެ.

އެފްއޭއެމުން ބުނީ ޒިންމާދާރުކަން ކުޑަ އެ އަމަލުގެ ސަބަބުން އައްސަދުގެ އަބުރަށް ލިބުނު ގެއްލުމަށް މިހާރުން މިހާރަށް އޭނާ އާއި އޭނާގެ އާއިލާގެ އަރިހުން މައާފަށް އެދުމަށް ގޮވާލާ ކަމަށާއި ނޫސްވެރިކަމަކީ އެކަމުގައި ޒިންމާތަކެއްގެ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ހަބަރާއި މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް ބުންޏެވެ.