ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ހޯދުމަށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ރެކޯޑު އަގެއް ހުށަހެޅި ކަމަށް އޭނާގެ އެޖެންޓް އެންޑީ ބަރާ ބުނެފިއެވެ.

ބާސާގެ އެކަޑަމީން ތަމްރީނުވެގެން އައި ޔަމާލް، ބާސާގެެ ސީނިއާ ޓީމުން ފުރަތަމަ ފެނުނީ އުމުރުން އެންމެ 15 އަހަރުގައެވެ. އޭރުން ފެށިގެން މިދިޔަ ދެ ސީޒަނުގައި އޭނާ ވަނީ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ރެކޯޑުތަކެއް މުގުރާލައިފައެވެ. ސްޕެއިނަށް މިއަހަރުގެ ޔޫރޯ ހޯދައިދިނުމުގައި ވެސް އިސް ދައުރެއް އަދާކުރި ޔަމާލް ވަނީ ސްޕެނިޝް ލަލީގާގައި ރޭ ބާސާ އިން 4-1 ގެ ނަތީޖާއަކުން ޖިރޯނާ ބަލިކުރި މެޗުގައި ވެސް ދެ ގޯލު ޖަހައިފައެވެ.

ޔަމާލްގެ އިތުރުން ޑެނީ އޮލްމޯ، އަލްވާރޯ މޮރާޓާ އަދި ނާޗޯ ފެނާންޑޭޒް ފަދަ ތަރިންތަކެއްގެ ވެސް އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ބަރާ ބުނެފައިވާ ގޮތުގައި ޔަމާލް ހޯދުމަށް ޕީއެސްޖީން ބާސާއަށް 250 މިލިއަން ޔޫރޯ (277 މިލިއަން ޑޮލަރު) ގެ އަގެއް ހުށަހެޅިއެވެ. އޭނާ ހޯދުމަށް ޕީއެސްޖީން މަސައްކަތްކުރީ އެ ކްލަބު ދޫކޮށް، މިސީޒަނުގައި ރެއާލް މެޑްރިޑާ ގުޅުނު ފްރާންސް ތަރި ކިލިއަން އެމްބާޕޭގެ މަގާމު ފޫބެއްދުމަށެވެ.

"އަހަރެންނަށް އެނގޭ ބާސާ އިން ޕީއެސްޖީން ހުށަހެޅި ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލިކަން. ބާސާ އިން މީގެ މަސްތަކެއް ކުރިން އެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލިކަން ވަނީ އަންގާފަ،" ބާސާގެ ރައީސް ޖޮއާން ލަޕޯޓާ އަދި އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯއާ ވެސް ގާތް ގުޅުމެއް އޮންނަ ބަރާ، 'ޕޮޑްކާސްޓް އިންކޫބޭޓާ' އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އުމުރުން 17 އަހަރުގެ ޔަމާލް ވެސް ދާދި ފަހުން ބުނެފައިވަނީ ބާސާ ދޫކޮށްދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ކެރިއަރު ނިންމާލަން ބޭނުންވަނީ އެ ކްލަބުގެ ލެޖެންޑެއްގެ ގޮތުގައި ހުރެ ކަމަށެވެ.