ބާސެލޯނާގެ ސްޓޭޑިއަމް ނިމުމުން ދިގު މުއްދަތަކަށް ވިއްކަން ނިންމާފައިވާ ވީއައިޕީ ސީޓްތަކުން އެ ކްލަބަށް 798 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށް ކްލަބުން ބުނެފިއެވެ.

ބާސާއިން އާ ސްޓޭޑިއަމްގެ މަސައްކަތް ކުރަމުން އަންނައިރު، އެ ކްލަބުން ފުރަތަމަ ނިންމީ މިއަހަރަށް އެ މަސައްކަތް ނިންމުމަށެވެ. އެހެން ނަމަވެސް އެ ޕްރޮޖެކްޓް މާބޮޑަށް ދިގުލައިގެން ދިއުމާއެކު، ތަކެތީގެ އަގުވެސް އަންދާޒާ ކުރިވަރަށްވުރެ ބޮޑުވެ، މަސައްކަތަށް ވަނީ ފައިސާގެ ދަތިތައް ކުރިމަތިވެފައެވެ. އެގޮތުން ބާސާއިން އިއްޔެ ބުނެފައި ވަނީ ސްޓޭޑިއަމްގެ މަސައްކަތް ނިންމަން އިތުރު 580 މިލިއަން ޑޮލަރުގެ ލޯނެއް ދެ ގޮތަކަށް ހޯދަން ނިންމާފައިވާ ކަމަށެވެ.

ބާސާއިން ބުނީ އެ ކްލަބުން ހޯދާ ފުރަތަމަ ލޯނަކީ 342 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެއީ 30 އަހަރުގެ ލޯނެކެވެ. އެ ލޯނަކީ ވީއައިޕީ ސީޓްތައް ވިއްކައިގެން ހޯދާ ލޯނެއް ކަމަށް އެ ކްލަބުން ބުންޏެވެ. އަދި އޭގެ އިތުރުން 238 މިލިއަން ޑޮލަރުގެ ލޯނެއް 10 އަހަރު ދުވަހުން ދައްކާ ގޮތަށް ހޯދަން ނިންމާފައި ވަނީ ކުރިއަށް އޮތް އަހަރުތަކުގެ ޓީވީ ރައިޓްސް ވިއްކައިގެންނެވެ.

ބާސާއިން 105،000 މީހުންނަށް ވަދެވޭ، މަތި ބައްދާލެވޭނެ ފެންވަރު ރަނގަޅު ސްޓޭޑިއަމަކަށް މަސައްކަތް ކުރާ އިރު، 2027-28 ވަނަ އަހަރު ސީޒަނުގައި އަނެއްކާވެސް ބާސާއިން ވަގުތީ ގޮތުން އޮލިމްޕިކް ސްޓޭޑިއަމަށް ހޯމް މެޗުތައް ބަދަލުކުރަން ވަނީ ނިންމައިފައެވެ.

ބާސާއިން ބުނީ އެ ކްލަބުން ވީއައިޕީ ޓިކެޓް ވިއްކާނީ 15-30 އަހަރާ ދެމެދުގެ މުއްދަތުތަކަށް ހާއްސަ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، ގަންނަން ބޭނުންވާ ފަރާތްތަކުގެ އަތުން ކުރިއާލައި ފައިސާ ނަގާނެ ކަމަށެވެ. އަދި އެ ޓިކެޓްތައް ދޫކުރަން ފަށާނީ ސްޓޭޑިއަމް ނިމުމުން ކަމަށްވެސް އެ ކްލަބުން ބުނެފައިވެއެވެ.

ބާސާއިން ޖުމުލަ 5،000 ވީއައިޕީ ސީޓް ވިއްކަން ނިންމާފައިވާ އިރު، މީގެ ކުރިންވެސް ވަނީ 475 ސީޓެއް ކުރިއާލައި ވިއްކާފައެވެ. އެއީ 113 މިލިއަން ޑޮލަރު ހޯދުމަށެވެ.