އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ބްރެންޓްފޯޑް ބަލިކުރުމަށްފަހު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސިޓީން ބްރެންޓްފޯޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ސިޓީއަށް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބުނީ މިރޭ ލިވަޕޫލުން ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވުމާ ގުޅިގެންނެވެ.

ސިޓީން ކުޅުނު މެޗުގެ ފުރަތަމަ 22 ސިކުންތުގެ ތެރޭގައި ބްރެންޓްފޯޑުން ވަނީ ގޯލެއް ޖަހައި ސިޓީ ޕްރެޝަރަށް ވައްޓާލައިފައެވެ. ބްރެންޓްފޯޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކޮންގޯ ފޯވަޑް ޔޮއާން ވިސާއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ސިޓީގެ އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސްއަށް ރަނގަޅަށް ދިފާއު ނުކުރެވި ލިބުނު ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އޭގެ ފަހުން ސިޓީން ކުރިއަށް ޖެހި ކުޅެމުންދިޔަ އިރު، ބްރެންޓްފޯޑުގެ ޑިފެންސުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ގޯލަށް ފަހު ވެސް ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ބޮޑަށް ނުރައްކާކޮށް ފެނުނީ ބްރެންޓްފޯޑެވެ. އެގޮތުން މެޗުގެ ދިހަވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ބްރެންޓްފޯޑްގެ ނޭތަން ކޮލިންސް ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވުނެވެ. އޭނާ ފޮނުވާލި ހަމަލާ، ސިޓީގެ ބްރެޒިލް ކީޕަރު އެޑަސަން ވަނީ މަތަކޮށްފައެވެ.

ގިނަ މަސައްކަތްތަކަކަށްފަހު މެޗުގެ 20 ވަނަ މިނެޓުގައި ސިޓީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ކެވިން ޑި ބްރުއިނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނޯވޭ ފޯވަޑް އާލިން ހާލަންޑެވެ. އޭގެ ހަ މިނެޓު ފަހުން ވެސް ސިޓީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑި ބްރުއިނާ ފޮނުވާލި އެ ހަމަލާ ދިޔައީ ބްރެންޓްފޯޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކީޕަރު އެޑަސަން ފަހަތުން ފޮނުވާލި ބޯޅަ ހިފައިގެން ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ބްރެންޓްފޯޑްގެ ކީޕަރު މާކް ފްލެކަންގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ހާލަންޑެވެ. އެއީ މިސީޒަނުގެ ލީގުގައި އޭނާ ޖެހި ނުވަވަނަ ގޯލެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމެނިކޮށް ސިޓީގެ ސަވީނިއޯއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވުނެވެ. އެގޮތުން ސަވީނިއޯ ފޮނުވާލި ހަމަލާއެއް ބްރެންޓްފޯޑްގެ ޑިފެންސުން ބްލޮކްކުރި އިރު، އޭނާގެ ދެވަނަ ހަމަލާގެ ހުރަހަކަށްވީ ބްރެންޓްފޯޑް ކީޕަރު ފްލެކަންއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފަށް ސިޓީން ނުކުތީ ދެ ބަދަލަކާއެކުއެވެ. އެގޮތުން ރިކޯ ލެވިސް އާއި މަޓޮއޯ ކަވަޗިޗްގެ ބަދަލުގައި ކުޅެން ނުކުތީ ޖޮސްކޯ ގުވާޑިއޯލް އާއި ރޮޑްރީއެވެ. އެ ބަދަލުތަކާއެކު ސިޓީން ވަރަށް ކުރިއަށް ޖެހި ކުޅެމުންދިޔަ އިރު، ބްރެންޓްފޯޑުން ކުޅެމުންދިޔައީ ވަރަށް ފަހަތަށް ފައިބައިގެންނެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ސިޓީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. އިލްކާއީ ގުންޑޮގަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހާލަންޑް ފޮނުވާލި ބާރު ހަމަލާ، ބްރެންޓްފޯޑްގެ ކީޕަރު ފްލެކަން ވަނީ މަތަކޮށްފައެވެ. އޭގެ ތިން މިނެޓު ފަހުން ސިޓީގެ ކެޕްޓަން ކައިލް ވޯކާގެ ނުރައްކަލެއް ފެނިގެންދިޔަ އިރު، ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ސިޓީއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ގުވާޑިއޯލް ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ދިން ބޯޅައަކުން ހުސްކޮށް ހުރެ ސަވީނިއޯ ފޮނުވާލި ހަމަލާ، ބްރެންޓްފޯޑްގެ ކީޕަރު ފްލެކަން ވަނީ މަތަކޮށްފައެވެ. ސަވީނިއޯ ފޮނުވާލި އެ ހަމަލާގައި މާބޮޑު ބާރެއް ވެސް ނެތެވެ.

ފުލުފުލުގައި ނުރައްކާކުރަމުންދިޔަ ސިޓީއަށް މެޗުގެ 80 ވަނަ މިނެޓުގައި ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ޑި ބްރުއިނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހާލަންޑް ފޮނުވާލި ހަމަލާ އަމާޒުވީ ބްރެންޓްފޯޑް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެ މިނެޓެއް ފަހުން ހާލަންޑް ފޮނުވާލި ހަމަލާ، ބްރެންޓްފޯޑް ކީޕަރު ފްލެކަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނަތީޖާ ހަމަހަމަކުރުމަށް ބްރެންޓްފޯޑަށް ފުރުސަތެއް ލިބިގެންދިޔައެވެ. ބްރަޔަން އެމްބެއުމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޔެގޯ ޔަރްމޮލިޔުކް ފޮނުވާލި ހަމަލާ ދިޔައީ ސިޓީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ނޮޓިންހަމް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ލިވަޕޫލަށް އެންމެ ރަނގަޅު އެޓޭކިން ކުޅުމެއް ދެއްކިފައެއް ވެސް ނުވެއެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލިވަޕޫލުން ކުޅެމުންދިޔަ ނަމަވެސް، ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލިއެވެ. ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ފެނިގެންދިޔައީ ލިވަޕޫލުގެ ކޮލަމްބިއާ ފޯވަޑް ލުއިސް ޑިއާޒް ފޮނުވާލި ހަމަލާއެވެ. އޭނާގެ ހަމަލާ އަމާޒުވީ ނޮޓިންހަމް ގޯލުގެ ދަނޑިއަށެވެ.

އޭގެ ފަހުން ލިވަޕޫލުގެ ޑޮމިނިކް ސޮބޮސްލާއީ އާއި ޑިއޯގޯ ޖޮޓާ އަދި ކެޕްޓަން ވާޖިލް ވެން ޑައިކަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވުނެވެ. ސޮބޮސްލާއީ އާއި ވެން ޑައިކްގެ ހަމަލާ ގޯލާ އަމާޒުވެފައި ނުވާ އިރު، ޖޮޓާ ފޮނުވާލި ހަމަލާ ނޮޓޮންހަމްގެ ކީޕަރު މެޓްޒް ސެލްސް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ލިވަޕޫލުން އިތުރަށް ވަރުގަދަކޮށް ފަށައި، ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ލިވަޕޫލުގެ މިސްރު ފޯވަޑް މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އޭނާގެ ހަމަލާ، ނޮޓިންހަމްގެ ކީޕަރު ސެލްސް ވަނީ މަތަކޮށްފައެވެ.

އޭގެ ހަތަރު މިނެޓުފަހުން ނޮޓިންހަމްއަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. މޯގަން ގިބްސް ވައިޓް ދިން ބޯޅައަކުން ކްރިސް ވުޑް ފޮނުވާލި ހަމަލާ، ލިވަޕޫލުގެ ބްރެޒިލް ކީޕަރު އެލިސަން ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ގިބްސް ވައިޓް ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ބޯޅަ ލިވަޕޫލުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ލިވަޕޫލުން މަސައްކަތްތަކެއް ކުރަމުންދަނިކޮށް، ނޮޓިންހަމުން ވަނީ މެޗުގެ 72 ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އެންތޮނީ އެލާންގާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ނޮޓިންހަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ކެލަމް ހަޑްސަން އޮޑޮއީ އެވެ.

އޭގެ ފަހުން ލިވަޕޫލު އަދި ނޮޓިންހަމްގެ ނުރައްކަލެއް ވެސް ފެނިގެންދިޔައެވެ. ލިވަޕޫލުގެ ސަލާހު ފޮނުވާލި ހަމަލާ ނޮޓިންހަމްގެ ކީޕަރު ސެލްސް މަތަކުރި އިރު، ނޮޓިންހަމްގެ އެލާންގާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލިވަޕޫލުގެ ކީޕަރު އެލިސަންއެވެ.

އެ ނަތީޖާތަކާއެކު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތް އިރު، ލިވަޕޫލު ދެވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް ބްރައިޓަން އާއި ހަތަރުވަނައިގައި އޮތް ނޮޓިންހަމް، އެއިން ކޮންމެ ޓީމަކަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.