އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާތަކުގެ މައްސަލަ އަލުން ބަލަން ފަށާފައިވާ އިރު، އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
އާރަށް މައްސަލައިގައި ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވީ 25 ޑިސެމްބަރު 2022 ގައެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުން ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކުރިމިނަލް ކޯޓުގެ ހުކުމް މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އަންގައިފައެވެ.
އެ މައްސަލަ އަލުން ކުރިމިނަލް ކޯޓުގައި ފެށީ މިދިޔަ މަހުގެ 21 ގައެވެ.
އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:00 އަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން "ވަން" އަށް މިއަދު ބުނީ އެ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ދެ ފަރާތުން ވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަދެއްކުން ކަމަށެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ލައިވްކޮށް ދުރަށް ދައްކާ ގޮތަށް މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެކަމާ ދައުލަތުން އިއުތިރާޒު ކޮށްފައި ނުވާތީ، އެގޮތަށް ޝަރީއަތް ގެންދަން ނިންމިއެވެ. ހޯމަ ދުވަހު އޮންނަ އަޑުއެހުން ލައިވް ކުރާނެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާކުރާ އިރު، އެ މައްސަލައިގައި ރިޝްވަތު ދިންކަމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުވާކުރިއެވެ.
ރައީސް ޔާމީންގެ ހުކުމާ އެކު ޔޫސުން ނައީމަށް ކުރި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމްވެސް ވަނީ ބާތިލުވެފައެވެ. އެ މައްސަލަ އަލުން ބަލަން އެންގި ނަމަވެސް އެ މައްސަަލަ އަދި ތާވަލެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު