ދެވަނަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށްފަހު ވެސް މޮޅު ކުޅުމެއް ދައްކައި، ހައިރާންކުރަނިވި ކަންތައްތަކެއް ދައްކާފައިވާނެ ކަމަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޔުވެންޓަސްއަށް ކުޅުމަށްފަހު އެނބުރި ޔުނައިޓެޑާ ރޮނާލްޑޯ ގުޅުނީ 2021 ވަނަ އަހަރުއެވެ. ނަމަވެސް ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަށް ނިންމާލަން ޖެހުނީ އިނގިރޭސި ޕްރިމިއާ ލީގު އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކާމިޔާބީއެއް ވެސް ނުހޯދިއެވެ. ޓީވީ ޕްރެޒެންޓަރު ޕިއާސް މޯގަންއަށް ދިން އިންޓަވިއުއަކާ ގުޅިގެން ކޯޗު އެރިކް ޓެން ހާގްއާ މައްސަލަ ޖެހި، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

"ޔޫއާރު ކްރިސްޓިއާނޯ" ޔޫޓިއުބް ޗެނެލްގައި ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނެންޑާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ ޔުނައިޓެޑާ އެނބުރި ގުޅުނީ އުފަލާއެކު ކަމަށާއި އެ މުއްދަތުގެ ތެރޭގައި ދެއްކުނު ކުޅުމާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެން އޭރު ވެސް ހިމެނުނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައި. އަހަރެންގެ ފުރަތަމަ ސީޒަނުގައި 24 ގޯލު ޖެހިން. އެފަހަރު ލީގުގައި އަހަރެންނަކީ ތިންވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ. ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖުގެ ކޮންމެ މެޗެއްގައި ވެސް އަހަރެން ގޯލު ޖެހިން. އަހަރެން ދެއްކީ ހައިރާންކުރަނިވި ކަންތައްތަކެއް،" އޭނާ ބުންޏެވެ.

ރޮނާލްޑޯ ބުނީ ޔުނައިޓެޑުން ކަންތައްތަކެއް ބަދަލުކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި ޕްރިމިއާ ލީގު އަދި ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭ ވަރުގެ ފެންވަރު ޓީމުގައި ނެތްކަން ޓެން ހާގު ވެސް އޭރު ގަބޫލުކުރި ކަމަށެވެ. ނަމަވެސް ކާމިޔާބީ ހޯދުމަށް މަސައްކަތްކުރަން ޖެހޭނެކަން އެންމެންވެސް ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ފުޓުބޯޅައިގެ ދުނިޔެއަށް ރޮނާލްޑޯގެ ނަން މަޝްހޫރުވެގެންދިޔައީ 2003 ވަނަ އަހަރު އޭނާ ޔުނައިޓެޑާ ގުޅުނު ހިސާބުންނެވެ. ކޯޗު އެލެކްސް ފާގަސަންއާއެކު ޔުނައިޓެޑުގައި އޭނާ ފާހަގަވެގެންދިޔައީ އެންމެ ނުރައްކާތެރި އެއް ވިންގުގެ ގޮތުގައެވެ. އޭނާ ޔުނައިޓެޑުގައި ވިދާލުމަށްފަހު ރެއާލް މެޑްރިޑާ ގުޅުނީ 2009 ވަނަ އަހަރުއެވެ.