ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އައްބާސް ޝަރީފުގެ އައްޔަން ކުރުމުގެ ކުރިން އެކަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިރޭ ފޮނުވައިފިއެވެ.

ދައުރުން ބޭރުން މިރޭ ބޭއްވި މަޖިލިސް ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު އިއްވައިފައެވެ.

އެ ސިޓީފުޅުގައި ރައީސް ވިދާޅުވެފައި ވަނީ ޕީޖީގެ މަގާމޔ މިދިޔަ މަހު 22 ގައި ހުސްވެފައިވާތީ އެ މަގާމަށް އައްބާސްގެ ނަން އެކަނި ހުށަހަޅާ ކަމަށެވެ. ސިޓީގައި ޕީޖީގެ މަގާމަށް ކުރިމަތިލި އެހެން ބޭފުޅުންގެ ނަންތައްވެސް ރައީސް ހިމަނުއްވާފައިވެއެވެ.

  • މަރްޔަމް ނިހާޔަތު، މ. ތާޖް
  • އަހްމަދު ހައިލަމް، އޯޝަންލީޑް/ހިތަދޫ
  • އަލީ ސަމީރު، މއ. ވޭސައިޑް 610 ފްލެޓް
  • އަހްމަދު ޔާމީން، ހ. ދިއްލީގެ
  • އިބްރާހިމް އަލީ، ހުޅުމާލެ ހިޔާ 6-13-02

ރައީސްގެ ސިޓީފުޅު ތަޅުމަށް އިއްވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ އައްބާސްގެ ނަން ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.

އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުކަން އޭނާ ވަނީ ކުރައްވައިފައެވެ. އަދި 2011 އިން 2015 ވަނަ އަހަރާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވިއެވެ.