ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގައި ތަޖިކިސްތާން ބަލިކޮށް، ރާއްޖެއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިހާތަނަށް ކާވާ މުބާރާތަކުން ރާއްޖޭގެ އަންހެން ޓީމަށް ރަން މެޑަލް ހޯދިފައި ނުވާ އިރު، 2019 ވަނަ އަހަރުގެ ފައިނަލުގައިވެސް ރާއްޖެ ވަނީ ވާދަކޮށްފައެވެ. އެފަހަރު ރާއްޖެ ފައިނަލުގައި ބަލިވީ ނޭޕާލް އަތުންނެވެ. ނޭޕާލަކީ އެފަހަރު ހޯސްޓް ގައުމެވެ.
އޭގެފަހުން މިއީ ރާއްޖެއަށް ކާވާ އަންހެން ޗެލެންޖް ކަޕް ފައިނަލަށް ދެވުނު ފުރަތަމަ ފަހަރެވެ. މިރޭ ރާއްޖެއިން ސެމީގައި ތަޖިކިސްތާން ބަލިކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން 25-17 އިން ގެންދިޔަ ނަމަވެސް، ދެން ކުޅުނު ސެޓު ތަޖިކިސްތާނުން ވަނީ 25-22 އިން ގެންގޮސްފައެވެ. އެ ސެޓު ތަޖިކިސްތާނުން ގެންދިޔަ ނަމަވެސް ރާއްޖެއިން ވަނީ ދެން ކުޅުނު ދެ ސެޓު، 25-12 އަދި 25-17 އިން ގެންގޮސްފައެވެ.
މިރޭގެ މެޗުގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވާ އިރު، ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، ޖޫޒާން ޒަރީރު، އައިޝަތު މާޖިދާ (މާޖި) އަދި ޝަހާ ޝާމިންގެ ތަފާތު ފުރަތަމަ ސެޓުން ފެށިގެންވެސް ފެނިގެން ދިޔައެވެ. އަދި މުހިއްމު ދަނޑިވަޅުތަކުގައި ޒުވާން ކުޅުންތެރިންވެސް ޓީމުގައި ތަފާތުކޮށް ފެނިގެން ދިޔަ އިރު، ޑިފެންސްގައި އައިމިނަތު އަރީޝާވެސް މުހިއްމު ދައުރެއް އަދާކުރިއެވެ.
މެޗުގެ ފަހު ދެ ސެޓުގައިވެސް މާޖިދާއާއި ހައްވަގެ ތަޖުރިބާއިން ތަފާތު ދެއްކި އިރު، ރާއްޖެއަށް ދެން އޮތީ ފައިނަލުގައި ކިރިގިސްތާން ބަލިކުރުމެވެ. ރާއްޖެއިން މުބާރާތުގެ ލީގު ބުރުގައި ކުޅުނު މެޗުތަކުން މޮޅު ނުވެވި އޮތީ، ކިރިގިސްތާން އަތުން އެކަންޏެވެ. ފައިނަލުގައި ރާއްޖެއާއި ކިރިގިސްތާން ވާދަކުރާ މެޗު އޮންނާނީ މާދަމާ ރޭގައެވެ. ތިންވަނަ ހޮވާ މެޗުގައި މާދަމާ ހަވީރު ތަޖިކިސްތާނާއި އަފްގާނިސްތާން ވާދަކުރާނެއެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން