ޔޫއެފާ ނޭޝަންސް ލީގުގެ، އޭ ލީގު ގްރޫޕް ދޭއްގައި އިޓަލީން ކުޅުނު ދެވަނަ މެޗުގައި ރޭ އިޒްރޭލް ބަލިކުރި އިރު، ފްރާންސުން ކުޅުނު ދެވަނަ މެޗުގައި ބެލްޖިއަމް ބަލިކޮށްފިއެވެ.
މިއަހަރުގެ ނޭޝަންސް ލީގު ގްރޫޕް ސްޓޭޖުގެ މެޗުތައް މި ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި ފަށާފައިވާ އިރު، ފްރާންސާއި އިޓަލީން ކުޅުނު ގްރޫޕް ދޭއްގެ މެޗު ކާމިޔާބުކުރީ އިޓަލީއެވެ. އެޓީމުން ރޭ އިޒްރޭލް 2-1 އިން ބަލިކޮށްފައިވާ އިރު، ފްރާންސުން ފުރަތަމަ މެޗުން ބަލިވި ބަލިވުމުން އަރައިގަތީ ރޭ 2-0 އިން ބެލްޖިއަމް ބަލިކޮށްގެންނެވެ.
ޔޫރޯ 2024 އިން ފެށިގެން ވެސް އެޓޭކިން މައްސަލަތަކެއް ކުރިމަތިވަމުން އައި ފްރާންސުން ރޭ ނުކުތީ އެޓޭކަށް ބޮޑު ބަދަލެއް ގެނެސްގެންނެވެ. ކެޕްޓަން ކިލިއަން އެމްބާޕޭ ބެންޗުން ފަށާފައިވާ އިރު، އެޓޭކް ލީޑު ކުރީ ރޮންޑޮލް ކޯލޯ މުއާނީއެވެ. ދެން އެޓޭކުން ފެނުނީ އުސްމާން ޑެމްބޭލޭ އާއި މާކަސް ތުރާމެވެ.
ރޭގެ މެޗު ބެލްޖިއަމުން ރަނގަޅަށް ފެށި ނަމަވެސް، 27 ވަނަ މިނެޓުގައި ފްރާންސުން އެޓީމު ކޮޅަށް ގޯލު ޖެހިއެވެ. އެ ގޯލަކީ ކޯލޯ މުއާނީ ޖެހި ގޯލެކެވެ. އެއީ އޭނާ ފްރާންސް ޖާޒީގައި ޖެހި ހަވަނަ ގޯލެވެ.
އެ ގޯލާ އެކު ފްރާންސުން ކުޅުން ރަނގަޅުކޮށް، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، އިތުރު ގޯލެއް ޖަހައި މެޗު ޔަގީން ކުރިއެވެ. އެ ގޯލު ޖެހީ ޑެމްބޭލޭއެވެ. ހިތްގައިމު ނިންމާލުމެކެވެ. މެޗުގެ ފަހު ހާފުގައި އެމްބާޕޭ ކުޅެން ނެރުނު ނަމަވެސް، އޭނާއަށް ލިބުނު ރަނގަޅު ދެ ފުރުސަތެއްގައި ބޭނުން ނުހިފުނެވެ.
އިޓަލީ އާއި އިޒްރޭލުން، ނިއުޓްރަލް ދަނޑެއް ކަމަށްވާ ހަންގޭރީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، 38 ވަނަ މިނެޓުގައި އިޓަލީން ގޯލު ޖެހިއެވެ. އެ ގޯލު ޖެހީ ޑޭވިޑް ފްރަޓޭޑީއެވެ. ދެވަނަ ހާފަށް ނުކުމެ، މޮއިސް ކީން ޖެހި ގޯލާއެކު އިޓަލީން ލީޑު ފުޅާކުރި އިރު، އިޒްރޭލްގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އަބޫ ފާނީއެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު