ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިރޭ އަފްގާނިސްތާން ބަލިކޮށްފިއެވެ.

ކާވާ އަންހެން ޗެލެންޖް ކަޕްގައި މިފަހަރު ރާއްޖެ އާއި ތަޖެކިސްތާން، ކިރިގިސްތާނުގެ އިތުރުން އަފްގާނިސްތާން ވާދަކުރެއެވެ. މިއަދު ހަވީރު މުބާރާތުގެ ކުޅުން ފަށާފައިވާ އިރު، ހަވީރު ކުޅުނު މެޗުގައި ކިރިގިސްތާނުން ވަނީ ސީދާ ތިން ސެޓުން ތަޖެކިސްތާން ބަލިކޮށްފައެވެ. މެޗުގެ ސެޓުތައް ކިރިގިސްތާނުން ގެންދިޔައީ 25-17، 25-14 އަދި 25-21 އިންނެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން ރާއްޖެއާއި އަފްގާނިސްތާން ވާދަކުރި މެޗު އޮތީ މިރެއެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ކާވާގެ އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ބައިވެރިވެވަޑައިގެންފައިވެއެވެ.

ރާއްޖެއިން މިރޭ ކުޅުނު މެޗުގައި އަފްގާނިސްތާން ތިން ސެޓުން ބަލިކުރީ 25-19، 25-12 އަދި 25-11 އިން ސެޓުތައް ގެންގޮސްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައިވެސް ރާއްޖެއިން ރަނގަޅު ކުޅުމެއް ކުޅެފައިވެއެވެ. ފާތިމަތު ޖޫޒާން ޒަރީރުގެ ނިންމުންތައް މުޅި މެޗުގައިވެސް ފާހަގަކޮށްލެވުނު އިރު، އޭނާގެ ރަނގަޅު ސެޓިންތަކާއެކު ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި ނަރީމާ އިދުރީސް، އައިމިނަތު ޝަހާ ޝާމިން އަދި އައިޝަތު މާޖިދާގެ ރަނގަޅު އެޓޭކްތަކާއެކު ސެޓުގައި އެއްކޮށް ކަހަލަ ގޮތަކަށް ރާއްޖެއިން ވަނީ ލީޑު ހިފަހައްޓައިފައެވެ. އެ ސެޓު ރާއްޖެއިން ގެންދިޔައީ މާ ބޮޑު ޕްރެޝަރަކަށް ނުގޮސް، 19-25 އިންނެވެ.

ދެވަނަ ސެޓުގެ ކުރީކޮޅުގައި ރާއްޖޭގެ ޝަހާއާއި މާޖިދާ އަދި ހައްވަ އަދި މާޔާ ހުސައިން ސޮލާހްގެ ރަނގަޅު އެޓޭކްތަކާއެކު ބޮޑު ލީޑެއް ނަގައި ސެޓުގެ ފަހުކޮޅަށް ދިޔައިރުވެސް އަފްގާނިސްތާނަށް ކުޅެގަންނަން މާ ބޮޑު ފުރުސަތެއް ނުދިނެވެ. ހާއްސަކޮށް އެޓީމަށް ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކޮށްލެވުނީވެސް ރާއްޖެ 20 ވަރަކަށް ޕޮއިންޓް ނެގިފަހުންނެވެ. ފަހުކޮޅުގައި އަފްގާނިސްތާނުން ކޮންމެވެސް ވަރަކަށް ޕޮއިންޓް ނެގި ނަމަވެސް، ރާއްޖެއިން ވަނީ ހަމަޖެހިލައިފައި 25-12 އިން ސެޓު ގެންގޮސްފައެވެ.

ތިންވަނަ ސެޓާ ހަމައަށްދިޔަ އިރު، ރާއްޖޭގެ ޓީމް އޮތީ އުންމީދާއެކުގައެވެ. ފުރަތަމަ ދެސެޓުން ހޯދި ޔަގީންކަމާއެކު ރާއްޖެއިން ތިންވަނަ ސެޓުވެސް ގެންދިޔައީ 25-11 އިންނެވެ.

ރާއްޖެއިން ލީގު ބުރުގައި ކުޅޭ ދެވަނަ މެޗުގައި މާދަމާ ރޭ ނުކުންނާނީ ތަޖެކިސްތާނާ ދެކޮޅަށެވެ.