ހުޅުމާލެ ވިނަރެސް ފްލެޓް ކައިރީ މި އަހަރުގެ ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި އިބްރާހީމް އިކްރާމްގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން އިކްރާމް ހައްޔަރުކުރީ އޭނާ ފިލައިގެން އުޅެނިކޮށް އެ ރޭގެ ވަގުތެއްގައެވެ. އޭނާގެ އިތުރުން ކ. މާލެ، މ. ލޭންޑްއޮފްގާޑެން، އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއިލް ވެސް ހައްޔަރު ކުރިއެވެ. ފުލުހުން ވަނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ ޖިނާހުގެ ބަންދަށް 15 ދުވަސް އަދި އިކްރާމްރަހުމާން އާއި އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކުރިމިނަލް ކޯޓުގެ އެ އަމުރު އިބްރާހިމް އިކްރާމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުފާނު ކުރިއެވެ. ހައި ކޯޓުން މިދިޔަ އާދިއްތާގައި ހުކުމް ކުރީ އިކްރާމްއަށް ވަކީލެއްގެ ފުރުސަތު ދީފައިނުވާތީ، ކުރިމިނަލް ކޯޓުގެ އެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އެހެންވެ އޭނާ ވަނީ ބަންދުން ދޫވެފައެވެ.

ނަމަވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު އިކްރާމް ދެވަނަ ފަހަރަށް ހައްޔަރުކޮށްފައެވެ. އެފަހަރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން ދުވަހަށް ބަންދުކޮށްދީފައެވެ. އެ މުއްދަތު ހަމަވާތީ ފުލުހުން މިއަދު ވަނީ ބަންދު މުރާޖާ ކުރުމުގެ ގޮތުން އިކްރާމް ކޯޓަށް ހާޒިރުކޮށްފައެވެ.

ފުލުހުން މިރޭ ބުނީ އިކްރާމްގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން އާދިއްތަ ދުވަހުގެ ރޭ ވިދާޅުވެފައިވަނީ އިކްރާމް ބަންދު ދޫކުރުމަށް ހައި ކޯޓުން ހުކުމް ކުރި މައްސަލައިގައި ފުލުހުންގެ ފަރާތުން އިހުމާލެއް ވެފައިވާނަމަ އެ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.