ޔޫއެފާ ނޭޝަންސް ލީގުގެ، ލީގު އޭގެ ގްރޫޕް އެކެއްގައި ރޭ ޕޯޗުގަލްއިން ކުޅުނު މެޗުގައި 2-1 އިން ކްރޮއޭޝިއާ ބަލިކޮށްފިއެވެ.
ރޭގެ މެޗަކީ މި ސީޒަނުގެ ޔޫއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލްއިން ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލު ޖަހާފައިވާ އިރު، އޭނާ ވެފައި ވަނީ ކެރިއަރުގައި 900 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އުމުރުން 39 އަހަރުގެ ރޮނާލްޑޯ ރޭގެ މެޗުގެ 34 ވަނަ މިނެޓުގައި ގޯލު ޖެހީ ނޫނޯ މެންޑޭޒްގެ ހުރަސް، ފަސޭހަކަމާ އެކު ގޯލު ތެރެއަށް ވައްދާލައިގެންނެވެ.
މިހާތަނަށް ތާރީހުގައި ވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯއެވެ. ގައުމީ ޓީމު ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ މިހާތަނަށް 20 އަހަރު ހޭދަކޮށްފައިވާ އިރު، އޭނާ ވަނީ ޕޯޗުގަލް ޖާޒީގައި 131 ގޯލު ޖަހައިފައެވެ. ރޭގެ މެޗުގައި ޖެހި ގޯލާ އެކު ރޮނާލްޑޯގެ ފަރާތުން ޖަޒުބާތީ އުފާފާޅުކުރުމެއް ފެނިގެން ގޮސްފައިވެއެވެ. އެއީ ކެރިއަރުގައި 900 ގޯލު ހަމަކޮށް، ތާރީހީ އަދަދެއް ހަމަކުރެވުމުންނެވެ.
ރޭގެ މެޗުގައި ޕޯޗުގަލްއިން ޖެހި އަނެއް ގޯލު ޖެހީ މެންޗެސްޓާ ޔުނައިޓެޑްގެ ޑިއޭގޯ ޑަލޯއެވެ. އަދި ކްރޮއޭޝިއާއިން ޖެހި ގޯލަކީ ޑަލޯ އަތުން ބައިކޮޅަށް ވަން ގޯލެވެ. ޕޯޗުގަލް އާއި ކްރޮއޭޝިއާ ހިމެނޭ ނޭޝަންސް ލީގު ގްރޫޕްގައި ރޭ ޕޮލެންޑުން ވަނީ ސްކޮޓްލޭންޑްގެ މައްޗަށް ވެސް ކުރި ހޯދައިފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ