މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް، އާލިން ބްރައުޓް ހާލަންޑް އަދި ލިވަޕޫލަށް ކުޅެމުންދާ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް ފޯމު ރަނގަޅުކޮށް ފެށުމުން، އެކަމުން އެ ދައްކުވައިދެނީ ކުޅުންތެރިންނަށް ރަނގަޅު ރެސްޓް ބޭނުންވާކަމުގެ ހެކި ކަމަށް ޕްލޭޔާސް ޔޫނިއަންގެ ޗީފް، މަހެތާ މޮލާންގޯ ވިދާޅުވެއްޖެއެވެ.

މިހާތަނަށް ކޮންމެ ޓީމަކުންވެސް އިނގިރޭސި ޕްރިމިއާ ލީގުގައި ތިން މެޗު ކުޅެފައިވާ އިރު، ދެ ކުޅުންތެރިންގެ ފޯމުވެސް ފެންނަނީ ރަނގަޅަށެވެ. ހާލަންޑް ތިން މެޗުގައި ހަތް ގޯލު ޖަހާފައިވާ އިރު، ސަލާހް ވަނީ މިހާތަނަށް ތިން ގޯލު ޖަހައި ތިން އެސިސްޓްވެސް ފުރިހަމަ ކޮށްފައެވެ.

މިފަހަރުގެ ސީޒަނަށް ގިނަ ކުޅުންތެރިން ނުކުމެފައި ވަނީ ގައުމީ ޓީމާއެކު ބޮޑެތި މުބާރާތްތައް ކުޅުމަށްފަހުއެވެ. ޕްލޭޔާސް ޔޫނިއަންގެ ޗީފް އެ ވާހަކަ ދައްކައްވާފައި ވަނީ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ދާދިފަހުން ތައްޔާރުކުރި ކުޅުންތެރިންގެ ވޯކްލޯޑް މިނެކިރާ ހާއްސަ ހޯދުމަކަށް ބިނާކޮށެވެ. އެ ހޯދުމަށް 1500 ކުޅުންތެރިން ބައިވެރިކޮށްފައިވާ އިރު، މޮލާންގޯ ވިދާޅުވީ ޗުއްޓީ ލިބޭ ކުޅުންތެރިންނާއި އެހެން ކުޅުންތެރިންގެ ކުޅުމުން ތަފާތުތަކެއް ފެންނަކަން ޔަގީންވެފައިވާ ކަމަށެވެ.

މޮލާންގޯ ވިދާޅުވީ ފިފްޕްރޯގެ ރިޕޯޓުގައި ކުޅުންތެރިންނަށް ބުރަ ބޮޑުވާ މައްސަލައިގައި މިހާރު "ރަތް ރޮނގުތަކެއް" ދަމަން ވިސްނަވާ ކަމަށެވެ. އެގޮތުން ކުޅުންތެރިންގެ އުމުރަށް ބަލައި، ސީޒަނަކަށް އެންމެ ގިނަވެގެން ކުޅެވޭނީ 50 އާއި 60 އާ ދެމެދުގެ އަދަދަކަށް މެޗު ކަމަށް ވެސް ނިންމަން ބޭނުންވާ ކަމަށެވެ. އަދި އެންމެ ގިނަ ވެގެން ވެސް މެދުކެނޑުމެއް ނެތި، މެޗުތައް ކުޅެވޭނީ ހަ ހަފުތާ ވަންދެން ކަމަށާއި އަދި ހަފުތާ ތެރެއިން މެޗެއް ކުޅެން ޖެހޭނަމަ ކުޅުންތެރިންނަށް ރެސްޓް ދޭން މަޖުބޫރު ކުރުވަން ބޭނުންވާ ކަމަށްވެސް މޮލާންގޯ ފާހަގަކުރައްވާފައިވެއެވެ.

އޭގެ އިތުރުންވެސް އޮފް ސީޒަނުގައި ކޮންމެ ކުޅުންތެރިޔަކަށް ވެސް މަދުވެގެން ތިން ހަފުތާގެ ބްރޭކެއް ދޭން މަޖުބޫރުކުރުވާނެ ކަމަށްވެސް ރިޕޯޓަށް ބިނާކޮށް މޮލާންގޯ ވިދާޅުވިއެވެ.

ފިފްޕްރޯގެ ރިޕޯޓަށް ބަލާއިރު، އޭގައި ބައެއް ކުޅުންތެރިންގެ މެޗުތަކުގެ ތަފްސީލީ ތަފާސް ހިސާބުތަކަށް ބަލާލާފައިވެއެވެ. އެގޮތުން މިހާތަނަށް އިންގްލެންޑްގެ ޖޫޑް ބެލިންހަމް، ކެރިއަރުގައި 19،000 މިނެޓުގައި ފުޓުބޯޅަ ކުޅެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވާ އިރު، އެއީ މިހާތަނަށް އިނގިރޭސި ތާރީހުގައިވެސް 21 އަހަރު އެންމެ ގިނަ މެޗު ކުޅުންތެރިޔާއެވެ. އަދި އޭނާގެ ކެރިއަރުގައި 1200 އަށްވުރެ ގިނަ މެޗު ކުޅޭނެ ކަމަށްވެސް ފިފްޕްރޯއިން އަންދާޒާ ކޮށްފައިވެއެވެ.

އެއާއެކު ފިލް ފޮޑެން އާއި ފެޑެރީކޯ ވަލްވާޑޭ މިދިޔަ ސީޒަނުގައި، 70 އަށްވުރެ ގިނަ މެޗު ކުޅެފައިވާތީ އެކަމަށް ވެސް ރިޕޯޓުގައި ބަލާލައިފައިވެއެވެ. އަދި އާ ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕް ފޯމެޓާއެކު، އެ އަދަދުތައް އިތުރު ވާނެ ކަމަށްވެސް ފިފްޕްރޯ ރިޕޯޓުގައި ބުނެފައިވެއެވެ.

މެޗުތައް ގިނަވެ ބުރަބޮޑުވަމުންދާ މައްސަލައިގައި ފިފްޕްރޯ އާއި ޕްލޭޔާސް ޔޫނިއަންއިން ވަނީ ކޯޓަށްވެސް އެ މައްސަލަ ގެންގޮސްފައެވެ.