ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން މިއަހަރު އަލަށް ފަށާ، ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގެ އަންހެން މުބާރާތުގައި ރާއްޖޭގެ ކްލަބު ވެމްކޯ އާއި ޕޮލިސް ކްލަބު ވާދަކުރާނެ ކަމަށް ކާވާގެ ރައީސް އަދި ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ދާދިފަހުން އޭޝިއަން ވޮލީބޯލް ފެޑަރޭޝަންގެ ނައިބު ރައީސަކަށްވެސް އިންތިހާބުވި ލަތީފް، އެ މައުލޫމާތު ހިއްސާކުރައްވާފައި ވަނީ ރޭ ޓީވީއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ލަތީފް ވަނީ ހުކުރު ދުވަހު ރާއްޖޭގައި ފަށާ، ކާވާ އަންހެން ޗެލެންޖް ކަޕަށް ގައުމީ އަންހެން ވޮލީ ޓީމުން ވަމުންދާ ތައްޔާރީތައްވެސް ފާހަގަކުރައްވައިފައެވެ. މިފަހަރު ކާވާ އަންހެން ޗެލެންޖް ކަޕްގައި ރާއްޖެ އާއި ތަޖެކިސްތާން، ކިރިގިސްތާނުގެ އިތުރުން އަފްގާނިސްތާން ވާދަކުރާނެއެވެ. އެ މުބާރާތް އޮންނާނީ މި މަހު 11 އަށް ސޯޝަލް ސެންޓަރުގައެވެ.
ލަތީފް ކުޅިވަރު ވިންދު ޕްރޮގްރާމްގައި ރޭ ވިދާޅުވީ އަންހެން ވޮލީއަށް މިއަހަރު ހާއްސަ ކަމަށާއި އަންހެން ވޮލީއަށް ހާއްސަ ބައިނަލްއަގުވާމީ ތިން މުބާރާތެއް މިއަހަރަށް ތާވަލު ކުރެވިފައި އޮތުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"އަންހެން ވޮލީއަށް މިއަހަރު ހާއްސަ. އަންހެން ވޮލީއަށް ހާއްސަ ބައިނަލްއަގުވާމީ ތިން މުބާރާތެއް މިއަހަރަށް ވަނީ ތާވަލު ކުރެވިފައި. އޭގެ ތެރެއިން ރާއްޖޭގައި ހުކުރު ދުވަހު (މާދަމާ އަނެއް ދުވަހު) ފަށާ، ކާވާ އަންހެން މުބާރާތަށް ޓީމުން ދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން. އަޅުގަނޑު މާލޭގައި ހުންނަންޏާ ކޮންމެ ދުވަހަކުވެސް ދަން ބަލަންވެސް. އެ ކުދިން އެ ކުރާ މަސައްކަތުން ރާއްޖެއަށް މެޑަލް ހޯދޭނެކަމުގެ އުންމީދު އެބައޮތް،" ލަތީފް ވިދާޅުވިއެވެ.
އެ މުބާރާތަށްފަހު ރާއްޖޭގައި ދެން ބާއްވަން ނިންމާފައި ވަނީ ކާވާގެ ކްލަބު މުބާރާތެވެ. އޭގެ އަންހެން މުބާރާތުގައި ރާއްޖެއިން ޕޮލިސް ކްލަބާއި ވެމްކޯ ވާދަކުރާނެއެވެ. ރާއްޖެއަށް މިފަހަރު ދެ ސްލޮޓް ލިބެނީ ހޯސްޓް ގައުމަށް ލިބޭ ސްލޮޓްގެ އިތުރުން، މުބާރާތުގެ އުސޫލުން ރާއްޖެއަށް ލިބޭ ސްލޮޓެވެ. ވީއޭއެމް ކަޕްގެ ފައިނަލުގައި ދާދިފަހުން ކުޅުނު ޕޮލިހާއި ވެމްކޯއަށް މިފަހަރުގެ ކާވާ ކްލަބު މުބާރާތުން ޖާގަ ލިބިފައިވާ އިރު، ވީއޭއެމްގެ ރައީސް ލަތީފް ވިދާޅުވީ، އެ ތަށި ރާއްޖޭގައި ހުރުން އެއީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
ލަތީފް ވިދާޅުވީ، އެ މުބާރާތުގެ ފައިނަލަށް ދިވެހި ދެ ކްލަބު ދިޔުން އެއީ ދެކެން ބޭނުންވާ މަންޒަރެއް ކަމަށެވެ.
ރޭގެ ޕްރޮގްރާމުގައި ލަތީފް ވަނީ އަތޮޅު ތެރޭގައި ބާއްވާ މުބާރާތްތަކަށް، އެ ކަންކަން އިންތިޒާމްކުރާ އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ ފަރާތްތަކާ ގުޅިގެން ވޮލީގެ މަގުބޫލުކަން އިތުރު ކުރުމަށް މަސައްކަތްތައް ކުރައްވާނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ. ލަތީފް އިތުރަށް ވިދާޅުވީ ސަރުކާރުގެ ވެސް ފުރިހަމަ އެއްބާރުލުމާ އެކު ވޮލީގެ މަގޫބޫލު ކަމަށް މިހާރު ބޭއްވޭ ބައިނަލްއަގުވާމީ މުބާރާތްތައް އެހީވެދޭނެ ކަމަށެވެ.
"އިންޓަނޭޝަނަލް މުބާރާތްތަކަށް އެންމެ ބޮޑު އެހީތެރިކަމެއް މި ލިބެނީ ސަރުކާރުން. އެނގިވަޑައިގަންނަވާނެ ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ވަރަށް ބޮޑެތި ފުރުސަތުތައް ހުޅުވިފައިވޭ. އޭގެ އިތުރުން ސްޕޯޓްސް މިނިސްޓްރީން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކަށް ދޮރު ހުޅުވާލާފައި. އެ މުބާރާތްތަކުން ވޮލީއަށް ޝައުގުވެރިކަން އުފެދޭ ނިސްބަތް ވަރަށް ބޮޑަށް އިތުރު ވެގެން އެބަދޭ. ޒުވާން ކުޅުންތެރިން ބޭނުންވޭ ވޮލީއަށް ނުކުންނަން. އެއީ އެ މުބާރާތްތަކުން ވޮލީގެ ހިތްގައިމުކަން ފެނިގެންދާތީ. މިކަމުގައި ސަރުކާރުގެ އެސްއޯއީތަކުންވެސް ސަޕޯޓް ލިބިގެން އެބަދޭ،" ލަތީފް ވިދާޅުވިއެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް