އިންގްލެންޑްގެ ގައުމީ ޓީމުގެ ފޯވަޑް އިވާން ޓޮނޭ ސައުދީ ލީގުގެ އަލް-އަހްލީއާއެކު ވެފައިވާ އެއްބަސްވުމުގެ އޭނާއަށް ހަފުތާއަކު ގާތްގަނޑަކަށް ފަސް ލައްކަ ޕައުންޑްގެ މުސާރައެއް ލިބޭނެ ކަމަށް ނޫސްތައް ބުނެފިއެވެ.

ޓޮނޭ ގެންދަން ދެ ކްލަބުން އެއްބަސްވެފައިވާ އަގަކީ 40 މިލިއަން ޕައުންޑްގެ އަގެކެވެ. އުމުރުން 28، ގެ ޓޮނޭއާ އަހްލީއަށް ސޮއިކުރީ ޔޫރަޕްގެ ޓްރާންސްފާ ޑެޑްލައިން ޑޭ ގައެވެ. އަހްލީން ޓޮނޭ ހޯދަން ފުރަތަމަ ކުރި، 35 މިލިއަން ޕައުންޑްގެ ބިޑަށް ބްރެންޓްފޯޑުން ވަނީ ނޫނެކޭ ބުނެފައެވެ. ޓޮނޭ ގެންދަން އެއިރު ޕްރިމިއާ ލީގުގެ ބައެއް ޓީމުތަކުންވެސް މަސައްކަތް ކުރަމުން ދިޔައިރު، އަހްލީން ދިޔައީ ނަޕޯލީއަށް ކުޅެމުންދިޔަ ވިކްޓޯ އޮސީމެން ގެންދަންވެސް ވާހަކަ ދައްކަމުންނެވެ.

އޮސީމެންއާއެކު އަހްލީއަށް އެއްބަސްވުމަކަށް ނުދެވުމުން އެޓީމުން ޓޮނޭ ގެންގޮސްފައިވާ އިރު، ލޯނެއްގައި އޮސީމެން ވަނީ މިހާރު ތުރުކީގެ ގަލަޓަސަރާއީއަށް ދާން އެއްބަސްވެފައެވެ.

އިތުބާރު ނޫސްތަކުން ބުނެފައި ވަނީ ސައުދީގެ އަހްލީން ޓޮނޭއަށް ހުށަހެޅި އެއްބަސްވުމުގައި އަސާސީ މުސާރައެއްގެ ގޮތުގައި ހިމަނާފައި ވަނީ ހަފުތާއަކަށް ހަތަރު ލައްކަ ޕައުންޑް ނަމަވެސް، ބޯނަސްތަކާއެކު ގާތްގަނޑަކަށް ހަފުތާއަކު ފަސް ލައްކަ ގެއަށް ގެންދަން ލިބޭނެ ކަމަށެވެ. އެ މުސާރައަކީ ޓެކުހަށްށް ކަނޑާފައި އޭނާއަށް ލިބޭނެ މުސާރައެވެ. އެހެންކަމުން އެއީ ޔޫރަޕްގެ މުސާރަތަކަށް ބަލައި ތަފާތު ބޮޑު އަދަދެކެވެ.

އިނގިރޭސިވިލާތުގެ ޓެކްސް ރޭޓްތަކަށް ބަލާނަމަ، އެވަރުގެ މުސާރައެއް ގެއަށް ގެންދަން ހަފުތާއަކު ލިބޭނީ ގާތްގަނޑަކަށް މިލިއަން ޕައުންޑްގެ މުސާރައެއް ހަފުތާއަކަށް ޖެހިގެންނެވެ.

ޓޮނޭ ބްރެންޓްފޯޑާ ގުޅުނީ 2020 ވަނަ އަހަރުއެވެ. ޓޮނޭ އެ ކްލަބާ ގުޅުނުފަހުން ސައުދީއަށް ބަދަލުވަންދެން އޭނާގެ މުސާރައަކީ ހަފުތާއަކު 50،000 ޕައުންޑެވެ. ޓޮނޭ ވަނީ 2023 ވަނަ އަހަރު މާޗް މަހު އިންގްލެންޑް ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެފައެވެ. ޓޮނޭއަށް މިދިޔަ ސީޒަން ކާމިޔާބުކޮށް ދަނިކޮށް، އޭނާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ބެޓް ކުރުމުގެ ގަވާއިދުތަކާ ހިލާފުވެގެން ބޮޑު ބޭންއެއް ކުރުމެވެ. މޭ މަހު ޓޮނޭ، އަށް މަހަށް ބޭނުން ކުރުމުން އޭނާއަށް އެނބުރި މެޗަކަށް ނުކުމެވުނީ ޖެނުއަރީގައެވެ.

އެހެންނަމަވެސް، ޓޮނޭއަށް ވަނީ ޔޫރޯ 2024 ގެ އިންގްލެންޑް ސްކޮޑުންވެސް ޖާގަ ލިބިފައެވެ.