ސާފް 20 އަހަރުން ދަށުގެ މުބާރާތް ބަންގްލަދޭޝްއިން އިއްޔެ ކާމިޔާބު ކޮށްފިއެވެ.

ނޭޕާލުގައި ކުރިއަށްދިޔަ މުބާރާތުގެ ތަށި ބަންގްލަދޭޝްއިން ހޯދީ ފައިނަލުގައި ހޯސްޓް ގައުމު ނޭޕާލް 4-1 އިން ބަލިކޮށްގެންނެވެ. ބަންގްލަދޭޝްއިން ފައިނަލަށް ދިޔައީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން އިންޑިއާ ޕެނަލްޓީގައި ބަލިކޮށްފައެވެ. އަނެއްކޮޅުން ނޭޕާލް ފައިނަލަށް ނުކުތީ ރާއްޖެ ހިމެނުނު ގްރޫޕުން، ރާއްޖެ ބަލިކޮށް ސެމީއަށް ދިޔަ ބޫޓާން ބަލިކޮށްގެންނެވެ.

މިފަހަރުގެ މުބާރާތް ފުރަތަމަ ހޯސްޓް ކުރަން އޮތީ ނޭޕާލްގެ ދަސަރަތު ރަންގްސާލާ ސްޓޭޑިއަމްގައި ނަމަވެސް، އެ ސްޓޭޑިއަމްގެ ހާލަތު ގޯސްކަމުން ފުރަތަމަ ގްރޫޕް ސްޓޭޖު މެޗުތައް ބަދަލުކުރީ އާޓިފިޝަލް ޓާފްގެ ދަނޑެއް ކަމަށްވާ އަންފާ ކޮމްޕްލެކްސްއަށެވެ. އެއީ ގްރޫޕް ސްޓޭޖަށް އެކަނި ގެނައި ބަދަލެއް ނަމަވެސް، ފަހުން ސެމީ މެޗުތައްވެސް ވަނީ އެ ދަނޑަށް ބަދަލުކޮށްފައެވެ. އަދި އޭގެފަހުން އިއްޔެ ފައިނަލްވެސް ކުޅެފައި ވަނީ އަންފާ ކޮމްޕްލެކްސްގައެވެ.

އިއްޔެ މެޗަށް ނުކުތް އިރު، ގްރޫޕް ސްޓޭޖުގައި ނޭޕާލުން ވަނީ 2-1 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ. އެހެން ނަމަވެސް، އިއްޔެގެ މެޗުގައި ބަންގްލަދޭޝް ފެނުނީ ތަފާތު ރޫހެއްގައެވެ. އެޓީމުން ވަރުގަދައަށް މެޗު ފަށައި، ހާފު ނިމުމުގެ ކުރިން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ މިރާޖުލް އިސްލާމެވެ.

މިރާޖުލް އިސްލާމް ވަނީ ދެފަހަ ހާފުގެ ކުރީކޮޅުގައި ބަންގްލަދޭޝްގެ ދެވަނަ ގޯލެއްވެސް ޖަހައިދީފައެވެ. އަދި މެޗުގެ ފަހުކޮޅަށް ގޮސް ބަންގްލަދޭޝްގެ އަނެއް ދެ ގޯލު ޖެހީ ރަބީ ހުސައިން ރާހުލްއާއި ފައިޝް އަހުމަދު ނޯވާއެވެ. މެޗުގައި ނޭޕާލްގެ ހަމައެކަނި ގޯލު ޖަހައިދިނީ ސާމިރު ތަމަންގެވެ.

މިއީ، 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ ސާފް 20 އަހަރުން ދަށުގެ މުބާރާތް ބަންގްލަދޭޝްއިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެޓީމުން ވަނީ ކުރިން 2017، 2019 ވަނަ އަހަރުގެ އިތުރުން 2022 ވަނަ އަހަރުގެ ފައިނަލުގައި ކުޅެ ބަލިވެފައެވެ.