ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، ލިއޮނަލް މެސީ ގެންދިޔުމަށް ސައުދީގެ އަލް ހިލާލުން ކުރިން ހުށަހެޅި ބިޑުގައިވާ ގޮތުން، މުސާރައިގެ ގޮތުގައި އެއް ބިލިއަން ޔޫރޯ އަހަރަކަށް ޖެހޭނެ ކަމަށް ނޫސްތައް ބުނެއެވެ.

އާޖެންޓީނާގެ ފޯވަޑް އަދި ކެޕްޓަން މެސީ ޕީއެސްޖީ ދޫކޮށް، ޔޫރަޕް ފުޓުބޯޅަ ހުއްޓާލުމަށްފަހު މިހާރު ކުޅެމުން އަންނަނީ އެމެރިކާ ލީގުގެ އިންޓަ މިއާމީއަށެވެ. އިންޓަ މިއާމީއަށް މެސީ ދިޔުމުގެ ކުރިން ސައުދީ އަރަބިއާ ކްލަބަކުން ބޮޑު ބިޑެއް އޭނާއަށް ހުށަހެޅި ކަމަށް މީގެ ކުރިންވެސް ވާހަކަތައް ދެކެވިފައިވެއެވެ. މެސީއަކީ މިހާރުވެސް ސައުދީގެ ޓޫރިޒަމް ފްރޮމޯޓް ކުރަމުން އަންނަ އެތުލީޓަކަށްވީ އިރު، ގިނަ ބަޔަކު ހީކުރީވެސް ޔޫރަޕް ފުޓުބޯޅައާ ދުރަށް ޖެހިލައިފައި މެސީ ދާނީ ސައުދީ ލީގަށް ކަމަށެވެ.

އެހެން ނަމަވެސް، މެސީ ވަނީ ސައުދީ ލީގުގެ ބޮޑު ބިޑަކަށް ނޫނެކޭ ބުނެފައެވެ. ދާދިފަހުން ފޮކްސް ސްޕޯޓްސްއިން ބުނެފައި ވަނީ އަލް ހިލާލުން މެސީއަށް ހުށަހެޅި ބިޑުގައި ވާގޮތުން، ހަފުތާއަކަށް 15 އާއި 20 މިލިއަން ޔޫރޯއާ ދެމެދުގެ މުސާރައެއް އެ ކްލަބުން ދެއެވެ. އެ މުސާރައަށް މެސީ ހިލާލަށް ބަދަލުވި ނަމަ، އޭނާއަށް އަހަރަކުން ބިލިއަން ޔޫރޯ ޖެއްސޭނެއެވެ.

މިހާތަނަށް ރެކޯޑު 8 ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ބުނެފައި ވަނީ ސައުދީ ލީގަށް ދާން ތަކުރާރުކޮށް ވިސްނި ނަމަވެސް، އެކަން ނުކުރީ ބައެއް ކަންތައްތަކަކަށް ވިސްނާފައި ކަމަށެވެ. އެހެން ނަމަވެސް، އޭނާ ވަނީ ސައުދީ ލީގަށް ވަރަށް ބޮޑަށް ތައުރީފުވެސް ކޮށްފައެވެ. މެސީ ބުނީ ސައުދީން ވާދަވެރި، ވަރުގަދަ ލީގެއް ބިނާކުރަމުންދާތީ އެކަމާ ހިތްހަމަ ޖެހޭ ކަމަށެވެ.

ފުޓުބޯޅައިގައި ހޯދެން އޮތް ހުރިހާ ކާމިޔާބީއެއް މެސީ ހޯދާފައިވާ އިރު، އޭނާ ވަނީ ގައުމީ ޓީމާއެކު އެންމެފަހުން ކުޅުނު ދެ ކޮޕާ އެމެރިކާ މުބާރާތައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް އާޖެންޓީނާއާއެކު އުފުލައިލައިފައެވެ.