ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު، ފުޓްބޯޅައިގެ ތެރެއިން އިތުރު މަސައްކަތްތަކެއް ކުރަން ބޭނުންނުވާ ކަމަށް ޕޯޗުގަލްގެ ކެޕްޓަން، އަލް-ނަސްރުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ރޮނާލްޑޯ، 39، ސައުދީ ލީގުގެ ނަސްރަށް ކުޅެމުންދާ އިރު، އެ ކްލަބާއެކު އޭނާ މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ތެރޭގައި ހަމަވާނެއެވެ. ނަމަވެސް ރޮނާލްޑޯ ބުނީ އެ ކްލަބުގައި ހުރެގެން ކެރިއަރު ނިންމާލަން ބޭނުން ކަމަށާއި އަދި އިތުރު ދެ އަހަރެއްހާ ދުވަސް ވަންދެން ފުޓްބޯޅަ ކުޅެންވެސް ބޭނުންވާ ކަމަށެވެ.
ދާދިފަހުން ޔޫޓިއުބް ޗެނަލްއެއްވެސް ލޯންޗް ކުރި، ސޯޝަލް މީޑިއާގައި އެންމެ ނުފޫޒުގަދަ ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ ބުނީ ރިޓަޔާ ވާން ވިސްނަނީ އަލް-ނަސްރުގައި ކަމަށާއި އާއިލާއާއި އޭނާވެސް މި ވަގުތު ސައުދީގައި ތިބީ ހިތްހަމަޖެހިގެން ކަމަށެވެ.
"އަހަންނަކަށް ބުނާކަށް ނޭނގެ ސީދާ ރިޓަޔާވާނީ ކޮންއިރަކު ކަމެއް. އެކަމަކު މިހާރު ޕްލޭން އޮތް ގޮތުން އަހަރެން ރިޓަޔާވާނީ ނަސްރުގައި. ސައުދީގައި. އެއީ އަހަރެން އިތުރު ދެތިން އަހަރަކަށް އަދި ކުޅެން ބޭނުންވިޔަސް، މި ކްލަބާއެކު މަޑުކުރާނަން. އަހަރެންނާއި އާއިލާވެސް ސައުދީގައި މި އުޅެނީ ހިތްހަމަ ޖެހިގެން،" ރޮނާލްޑޯ ބުންޏެވެ.
ރިޓަޔާމަންޓަށްފަހު ކެރިއަރު ބައްޓަން ކުރާނީ ކޯޗިން ދާއިރާއަށް ނޫނީ ފުޓުބޯޅައިގެ އެހެން މަސައްކަތެއްގެ ތެރެއިންތޯ ރޮނާލްޑޯ ކުރެން އެހުމުން އޭގެ ޖަވާބަކަށް އޭނާ ބުނީ، ބޮޑަށް ލަފާކުރެވެނީ ރިޓަޔާމަންޓަށްފަހު ފުޓުބޯޅައިން ނުފެންނާނެ ކަމަށް ކަމަށެވެ.
"ރިޓަޔާމަންޓަށްފަހު އަހަރެން ބޭނުމެއް ނޫން ފުޓުބޯޅައިގެ ތެރޭގައި ހުންނާކަށް. ހާއްސަކޮށް ކޯޗިންގެ ދާއިރާއިން ނުފެންނާނެ. ބޮޑަށް ބެލެވެނީ ރިޓަޔާކުރުމަށްފަހު އަހަރެން ފުޓުބޯޅައިގެ ބޭރުން ފެންނާނެ ކަމަށް،" ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ރޮނާލްޑޯ ބުންޏެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދޭ ބެލޮންޑިއޯ ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ މިހާރުވެސް އެންމެ މުއްސަނދި އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އަދި ހާއްސަކޮށް އޭނާއަކީ ގިނަ ބްރޭންޑްތަކެއްގެ އެންޑޯސްމަންޓް ލިބިފައިވާ މަގުބޫލު އެތުލީޓެކެވެ. އޭގެ އިތުރުންވެސް އޭނާ ދަނީ ލަގްޒަރީ ހޮޓެލް ވިޔަފާރިއާއި ކޮސްމެޓިކްސް ވިޔަފާރިތައްވެސް ކުރަމުންނެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ