މެންޗެސްޓާ ސިޓީގެ ޕޯޗުގަލް ޑިފެންޑަރު ޖާއޯ ކާންސެލޯ، ސައުދީ އަރަބިއާގެ އަލް-ހިލާލަށް ފޮނުވާލުމަށް ދެ ކްލަބުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތަކުން ޔަގީން ކޮށްދީފިއެވެ.
ކާންސެލޯ ފޮނުވާލަން ސިޓީން ހިލާލާއެކު އެއްބަސްވެފައިވާ އަގަކީ 21.2 މިލިއަން ޕައުންޑްގެ އަގެކެވެ. އެ ޑީލަށް ދެ ކްލަބުން އެއްބަސްވެފައިވީ ނަމަވެސް، އުމުރުން 30 އަހަރުގެ ޑިފެންޑަރާއެކު ހިލާލަށް އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، ހިލާލްގެ ވަރުގަދަ ހުށަހެޅުމާއެކު ކާންސެލޯވެސް ވަރަށް އަވަހަށް އެ ކްލަބަށް ބަދަލުވާން އެއްބަސްވާނެ ކަމަށް ނޫސްތައް ބުނެފައިވެއެވެ.
އިތުބާރު ނޫސްތަކުން ބުނެފައި ވަނީ ހިލާލުން ކާންސެލޯއަށް ހުށަހަޅާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށެވެ.
މިއީ ކާންސެލޯ ސިޓީގެ އެއްބަސްވުމުގައި ހޭދަކުރާ ހަވަނަ ސީޒަނެވެ. އެހެން ނަމަވެސް، މިދިޔަ ދެ ސީޒަނުގައިވެސް އޭނާ ހުރީ ސިޓީއާ ދުރުގައެވެ. އެއީ ބާސެލޯނާ އަދި ބަޔާން މިއުނިކްގެ ލޯން އެއްބަސްވުންތަކުގައެވެ. އެހެންކަމުން ކޯޗު ޕެޕް ގާޑިއޯލާ ބޭނުންވިޔަސް، އިތުރަށް ކާންސެލޯ ސިޓީގައި މަޑުކުރާނެ ކަމަކަށް ނުބެލެވެއެވެ. ކާންސެލޯއާއި ސިޓީއާ ޖެހުނު އެންމެ ބޮޑު އެއް މައްސަލައަކީ އޭނާއަށް ފުރަތަމަ 11 އިން ޖާގަ ގެއްލުމުގެ މައްސަލައެވެ.
ޕޯޗުގަލްގެ ކާންސެލޯއަކީ އިންވާޓެޑް ފުލް ބެކެއްގެ ގޮތުގައި ގާޑިއޯލާ ފުރަތަމަ ބޭނުންކުރަން ފެށި ޑިފެންޑަރު ނަމަވެސް، 2022 ވަނަ އަހަރު އާ އެއްބަސްވުމެއް އާކުރިތަނުން އޭނާއަށް ސިޓީގެ ފުރަތަމަ 11 އިން ޖާގަ ގެއްލުނެވެ. އޭނާގެ ބަދަލުގައި ގާޑިއޯލާ ވާތްފަޅިން ފަހަތަށް ކުޅުވަމުން ގެންދަނީ ކައިލް ވޯކާ އަދި ރިކޯ ލެވިސްއެވެ.
ދެ ކްލަބުގައި ހޭދަކުރި ލޯން ދުވަސްތަކަށްފަހު ކާންސެލޯ މި ސީޒަނަށް އެނބުރި ސިޓީއަށް ގޮސް ހުރި ނަމަވެސް، އެޓީމުން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗާއި ލީގު ދެމެޗުގައިވެސް ކާންސެލޯ ސްކޮޑުން ފެނިފައެއް ނުވެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް