ދިވެހި ދައުލަތަށް ހިޔާނާތްތެރިވެފައި އެކަމުން ސަލާމަތްވެވިގެން ހުރެދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމްޑީޕީން ހީކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ޔާމީން ވަނީ އެ މަނިކުފާނުގެ އެކައުންޓަށް އެކި ފަހަރުމަތިން ފައިސާ ޖަމާވި ކަމަށް އިއުތިރާފުވެވަޑައިގެންފައި ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ޝަރީއަތުގައި އެފަދަ އިއުތިރާފެއް ނުވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. ޔާމީން އެ މަނިކުފާނުގެ ސަރުކާރުގައި ކުރެއްވި ކަންކަމާއި ހޯއްދެވި މަންފާތަކުގެ މައްސަލަތައް ކޯޓުތަކުގައި އަންނަނީ ހިނގަމުން ކަމަށް ފަލާހު ވިދާޅުވި އެވެ. އެއީ މި ސަރުކާރުން ކުރި ކަމެއް ނޫން ކަމަށް ފަލާހު ވިދާޅުވި އެވެ.

"ބެލިއިރުގަ އެކަންކަން ސާބިތު ވެސް އެބަވޭ. ދިވެހި ރައްޔިތުންނަށް އެ މަނިކުފާނުގެ އަމިއްލަ ދޫފުޅުން އެ މަނިކުފާނުގެ އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރާއި ފައިސާގެ ވާހަކަ ވިދާޅުވީ. ދެން އެހެން ފޮރުވާފަ ހުންނަ އެއްޗެއް ޝަރީއަތުގެ މަޖިލީހުގަ ނުބުނާނެ ދެއްތޯ އެއީ ވަގަށް ނަގާފަ ހުރި އެއްޗެކޭ. އެއީ މޮޔައަކު ނޫނިއްޔާ އެހެން ނުބުނާނެ ނޫންތޯ. ބޯ ދަމައިގަންނަން ކޮންމެވެސް ގޮތަކުން ބުނާނީ އެއީ ކޮންމެވެސް ގޮތަކުން ރަށެއް، ކޮންމެ ވެސް ގަރާޖެއް ކޮންމެވެސް އެއްޗެއް ނޫނިއްޔާމުން ކޮންމެވެސް ރޯނު ވަށައިގެން ލިބިފަހުރި އެއްޗެކޭ. އެކަހަލަ ގޮތަކަށް ބަސްމަގު އަންނާނީ" ފަލާހު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިޔާނާތުގެ ތުހުމަތު ޔާމީނަށް ނުކުރެއްވޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ. ވެރިކަމުން ޔާމީން ފައިބައިވަޑައިގެންނެވިއިރު ތުރުކުރައްވަނީ އަގުބޮޑު އަންނައުނު ކަމަށާއި އަތުގައި އަޅުއްވަނީ ވެސް އެތަކެއް ޑޮލަރުގެ އަގުބޮޑު ގަޑިއެއް ކަމަށް ފަލާހު ވިދާޅުވި އެވެ. އެއީ ވެރިކަން ކުރައްވައި ފައިބައިވަޑައިގެންނެވި ބޭފުޅެއްގެ ފަރާތުން ފެންނަން ޖެހޭ ކަންކަމެއް ނޫން ކަމަށް ފަލާހު ވިދާޅުވި އެވެ.

"ރައީސް ޔާމީން އެ ދައްކަވާ ވާހަކަ ރައްޔިތުން ގަބޫލެއް ނުކުރާނެ. ރައީސް ޔާމީނަކީ ހަގީގަތުގަ، ހަގީގަތުގަ ވެސް ރައީސް ޔާމީނަކީ މި ގައުމުގަ ވެރިކަންކުރި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ހިޔާނަތް މި ގައުމަށްވި ވެރިމީހާ. އެންމެ ބޮޑު ވެރިކަން، އެންމެ ބޮޑު ހިޔާނާތް" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ރައީސް މުއިއްޒަށް އިގްތިސޯދީ ކަންކަން އެނގިވަޑައިނުގަންނަވާ ކަމަށް ނުވަތަ އިގްތިސޯދު މެނޭޖުކުރަން އެނގިވަޑައިނުގަންނަވާތީ ސަރުކާރަށް ލަފާ ދެއްވަން ޖެހޭ ކަމަށް އެމްޑީޕީ ސަރުކާރުގެ އިކޮނިމިކް މިނިސްޓަރު ވިދާޅުވަމުންދާ ކަމަށެވެ. ފައްޔާޒު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވަނީ ފަސް ވިޔަފާރިއެއް އެއްކޮށް ބަނގުރޫޓު ކޮށްފައި ކަމަށް ފަލާހު ވިދާޅުވި އެވެ. އެފަދަ ބޭފުޅުންނަށް އިގްތިސޯދީ ލަފާ ނުދެއްވޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުން ކާމިޔާބު ކުރުމަށް އެއިރު ވެރިކަމުގައި އޮތް އެމްޑީޕީން ވަނީ ހުތުރު ގޮތަކަށް އަމަލުކޮށްފައި ކަމަށް ފަލާހު ވިދާޅުވި އެވެ. ދައުލަތުގެ މުދާ ބޭނުންކޮށްގެން ހިޔާނަތް ހިންގި ކަމަށް ފަލާހު ތުހުމަތުކުރެއްވި އެވެ.

"އެހެންމެ އެ ބޭފުޅުން ހީކުރާނެ ކަމެއް ވަގުތުކޮޅެއް މީގެ ތެރޭގަ ދާތީ ތިމަންނަމެން ކުރި ވައްކަން އަޅުގަނޑުމެންނަށް ނޭނގި ނޫނިއްޔާ ތިމަންނާމެން މިތިބީ މިކަމުން ސަލާމަތްވެގެން، އެއްގޮތަކަށް ވެސް އެހެން ސަލާމަތެއް ނުވެވޭނެ. އަޅުގަނޑުމެން އިރާދަފުޅު ކުރެއްވިއްޔާމުން އޭސީސީން އެ މައްސަލަތައް ކުރިއަށް އެ ގެންދަނީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ކަމަށް ވިޔަސް އަދި ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހަޅަން ޖެހޭ ކޮންމެ ކަމެއް ވެސް ހުށަހަޅައިގެން އެމްޑީޕީގެ ފަރާތުން މި ގައުމަށް ދީފައިހުރި ހުރިހާ ގެއްލުމެއް، ހުރިހާ ވައްކަމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބަލާނަން" ފަލާހު ވިދާޅުވި އެވެ.

ރައްޔިތުން ރައީސް މުއިއްޒަށް ވެރިކަން ހަވާލުކުރީ ފަސް އަހަރު ދުވަހަށް ކަމަށާއި އެހެންކަމުން އެމްޑީޕީން މައިތިރި ވެގެން ތިބެން ޖެހޭ ކަމަށް ފަލާހު ވިދާޅުވި އެވެ. މި ސަރުކާރުން ދަނީ ރައްޔިތުންނަށް ފައިދާހުރި ހިދުމަތްތަކެއް ފޯރުކޮށްދެމުން ކަމަށާއި ސަރުކާރުން ކުރާ ކޮންމެ ކަމަކީ ބޮޑު އިމާރާތެއް ސިފައިގައި ފެންނާނެ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީނަށާއި އެމްޑީޕީއަށް އަމާޒުކުރައްވައި ފަލާހު ވިދާޅުވީ "ދައުލަތަށް ހިޔާނަތްތެރިވުމުން މައްސަލާނެ ބަލާނެ، ދައުލަތަށް ހިޔާނަތް ވެފައި ސަލާމަތުން ހުރެވޭނެ ކަމަށް ހީކޮށްގެން ނުވާނެ" ކަމަށެވެ.

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ދައުލަތް ފުނޑާލައި، ވައްޓާލަން މަސައްކަތް ކުރުމަކީ ގައުމަށް ގައްދާރުވުން ކަމަށް ފަލާހު ވިދާޅުވި އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެމްޑީޕީން ކުރަން އުޅުނީ އެފަދަ މަސައްކަތެއް ކަމަށް ފަލާހު ވިދާޅުވި އެވެ. އެ މައްސަލަ ބަލަންޖެހޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ދައުލަތާ ދެކޮޅު ކޮންމެ ކަމެއް ނާކާމިޔާބުކޮށްލާނެ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް ކަމަށް ފަލާހު ވިދާޅުވި އެވެ. މަޖިލިސް ތެރެއިން ކުއްލިއަކަށް ނުވަތަ ކޮންމެ ވަގުތަކު ވެސް ކަމެއް ފާސްކުރަން ޖެހިއްޖެނަމަ، އެކަމެއް ފާސްކުރެވޭނެ އަދަދަށް އަބަދުވެސް ޕީއެންސީގެ މަޖިލިސް މެންބަރުން މާލޭގައި ތިއްބަވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދު ބޮޑުވެގެން އިދިކޮޅު ފަރާތްތަކުންނާއި ކުރީގެ ރައީސުން ވާހަކަދައްކަވާއިރު އެ ބޭފުޅުންނަކީ ދައުލަތުން ފޯރުކޮށްދޭ އިނާޔަތްތަކާއި 24 ގަޑިއިރު ސެކިއުރެޓީއާއެކު އުޅުއްވާ ބޭފުޅުން ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން އެއް ރައީސަކު ގިނައިން އުޅުއްވަނީ ރާއްޖެއިން ބޭރުގައި ކަމަށް ފަލާހު ވިދާޅުވި އެވެ. އެއިން ކޮންމެ ބޭފުޅެއްގެ ދައުލަތުން ކޮންމެ މަހަކު 300،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސުންގެ އިނާނަތް ނަންގަވައިގެން ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް އައިރު ގާނޫނީ ގޮތަކަށް ވައްޓާލަން އުޅުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށް ފަލާހު ވިދާޅުވި އެވެ.