މިދިޔަ ފަސް އަހަރު އެމްޑީޕީން ގައުމާއި އިގުތިސާދު ހަލާކުކޮށްލި ވާހަކަ ތާއަބަށް ދައްކަވާނެ ކަމަށާއި އެ ވާހަކަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފަސް އަހަރު ދުވަހުން މި ގައުމު ހަލާކުކޮށްލި ހަލާކުކޮށްލުމަކީ ތާއަބަށް އަންނާން އޮތް ޖީލުތަކާއި އެ ޖީލުތަކުގެ ދެން އަންނާން އޮތް ޖީލުތަކަށް ވެސް ފެންނަން އޮންނާނެ ހަގީގަތަކަށް ވާނެ ކަމަށާއި އެ ހަގީގަތް ބަދަލެއް ނުވާނެ ކަމަށެވެ.
"މިދިޔަ ސަރުކާރުން ކުރި ކަންތަކުގެ ވާހަކަ ތާއަބަދަށް ދައްކާނެ، ތާއަބަދަށް ދައްކަންޖެހޭ. މި ރާއްޖޭގައި ދުވަހަކު ސަރުކާރަކުން ގައުމެއް ހަލާކު ނުކޮށްލާ ވަރަށް އިގުތިސާދާއި އިސްލާމްދީނާއި މުުޖުތަމައު ހަލާކުކޮށްލި ވާހަކަ ތާއަބަދަށް އަންނާން އޮތް ޒަމާންތަކަށް ދައްކާނެ. އެ ވާހަކަ މުގައްރިރުގައި ވެސް ލިޔާނެ، އެ ވާހަކަ ލެކްޗަރު ހޯލްތަކުގައި ވެސް ދައްކާނެ، ފޮތްތައް ވެސް ލިޔާނެ، އެކި ތަންތަނުގައި މައުރަޒުތަކުގައި ވެސް ހަދާފައި ހުންނާނެ. ތާއަބަދަށް އެ ވާހަކަ ދައްކާނެ، އެހެންވީމާ އެ ވާހަކައިން ސަލާމަތެއް ނުވެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގުތިސާދީގޮތުން ވައްޓާލާފައި އޮތް ފުން އަނދަވަޅުގެ ވާހަކަ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ވެސް ދަންނަވާފައިވާނެ ކަމަށާއި އެއީ އަޑިނޭނގޭ ފުން އަނދަވަޅެއްކަން އިހުސާސްވާން ފެށީ އެ މަސައްކަތް ރަނގަޅު މަގުން ގެންދަން ފެށުމުން ކަމަށެވެ. އަދި އެ ހާލަތަށް ވެއްޓުމުގެ އެންމެ ބޮޑު ސަބަބަކަށްވީ އިންތިހާއަށް ފައިސާ ޗާޕުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"8000 މިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ ސަބަބުން، 8000 މިލިއަން ރުފިޔާގެ ފައިސާ އެންމެ ފަސް އަހަރުގެ ތެރޭގައި ޗާޕުކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ އިގުތިސާދު އެހާ ބޮޑު އަނދަވަޅަކަށް ވެއްޓުނީ. އަދި އިންތިހާއަށް ލޯނު ނެގުމުގެ ސަބަބުން، ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި، އެކިއެކި ކަންކަމުގައި. އެ ނަގާފައި އަދި މަސައްކަތެއް ވެސް ނުކޮށް. އަދި ކޮވިޑުގެ ދުވަސްވަރު އިންތިހާއަށް އިސްރާފުކޮށް، އޭގެން ވައްކަންކޮށް އެތައް ކަމެއް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކުރުމާއި ބައިވަރު ކަންތަކާ ހެދި އިގުތިސާދު ފުން އަނދަވަޅަކަށް ވެއްޓުނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފައިސާ އިތުރަށް ޗާޕުނުކޮށް، ކަންކަން ރަނގަޅުކޮށް، ރިޒާވް ވަރުގަދަކޮށް، ދެން ހުރި ކަންކަން ރަނގަޅުކުރަން މަސައްކަތް ފެށުމުން ވެއްޓިފައިވާ ފުން އަނދަވަޅު އިހުސާސްވި ކަމަށާއި މިހާރު ކުރެވޭ މަސައްކަތް ކާމިޔާބުކުރާނީ އެ ހަރުދަނާ އަސާސްގެ މަތީގައި ތިބެގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު