ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗުގައި ޖިރޯނާ ބަލިކޮށްފިއެވެ.
މިދިޔަ ސީޒަނުގައި ގިނަ ބަޔަކު ހައިރާންކޮށްލައި ލީގު ތާވަލުގެ ތިންވަނައިގައި ނިންމާލި ޖިރޯނާ ރޭގެ މެޗުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެތުލެޓިކޯއިން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމަށް އަލަށް ގެންދިޔަ މިޑްފީލްޑަރު ކޯނޯ ގަލެގާ ފެނިގެން ގޮސްފައިވެއެވެ. ޗެލްސީގެ އެކަޑެމީން ފެށިގެން، 16 އަހަރު އެ ކްލަބުގައި ހޭދަކުރުމަށްފަހު ގަލެގާ އެތުލެޓިކޯއަށް ބަދަލުވީ 33 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައެވެ.
ރޭގެ މެޗުގެ ފުރަތަމަ 11 ގައި ޖޫލިއަން އަލްވަރޭޒްވެސް ފެނިގެން ގޮސްފައިވާ އިރު، އެ މެޗަކީ އޭނާވެސް އެތުލެޓިކޯ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. އަލްވަރޭޒް އެތުލެޓިކޯއަށް ބަދަލުވެފައިވަނީ މެންޗެސްޓާ ސިޓީ ދޫކޮށްލައިފައެވެ.
އަލްވަރޭޒަށް މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް، އޭނާ ވަނީ ޖުމުލަކޮށް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެތުލެޓިކޯއިން ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލީޑު ނެގި އިރު، އެޓީމަށް ގޯލު ޖަހައިދިނީ އެންޓޮއިން ގްރީޒްމަންއެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، ގްރީޒްމަންގެ ޕާހުން މާކޮސް ލޮރެންޓޭ ޖެހި ގޯލާއެކު އެތުލެޓިކޯއިން ލީޑު ފުޅާވެސް ކުރިއެވެ. މެޗުގެ ފަހު 10 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ގަލެގާ ކުޅެން ނުކުމެފައިވާ އިރު، އެތުލެޓިކޯއިން ފަހު މިނެޓުގައި ތިންވަނަ ގޯލެއްވެސް ޖެހިއެވެ. ލޮރެންޓޭގެ އެސިސްޓުން އެ ގޯލު ޖެހީ ކޯކޭއެވެ.
އެތުލެޓިކޯ މެޑްރިޑް
އެތުލެޓިކޯ މެޑްރިޑް
އެތުލެޓިކޯ މެޑްރިޑް
އެތުލެޓިކޯ މެޑްރިޑް