ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޑްރިޑް ޑާބީގައި އެތުލެޓިކޯ މެޑްރިޑުން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.
މިރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފޯރިގަދަ ޑާބީ މެޗުގައި ރެއާލް ބަލިވީ 2-1 އިންނެވެ. މިރޭގެ ބައްޔަކީ މި ސީޒަނުގެ ލީގުގައި ރެއާލަށް ކުރިމަތިވި ދެވަނަ ބައްޔެވެ. އެޓީމުން ރެއާލް ބެޓިސް ކައިރިންވެސް ބަލިވެފައިވާ އިރު، އެޓީމު ވަނީ ތާވަލުގެ ހަތަރު ވަނައަށް ސޮއްސާލައިފައެވެ. އެއީ ހަތް މެޗުން 15 ޕޮއިންޓާއެކުގައެވެ.
ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ހަތް މެޗުން 21 ޕޮއިންޓާއެކު އޮތް އިރު، އެތުލެޓިކޯ ވަނީ ދެވަނައަށް ޖެހިލައިފައެވެ. އެއީ ހަތް މެޗުން 16 ޕޮއިންޓާއެކުގައެވެ. ރެއާލް ބެޓިސް މިވަގުތު ތިންވަނައިގައި އޮތީވެސް 16 ޕޮއިންޓާއެކުގައެވެ. އެ ދެޓީމުގެ ފަރަގަކީ ފައިދާ ގޯލްގެ ފަރަގެވެ.
ޖޯސޭ މޮރީނިއޯގެ ރެއާލަށް މިރޭގެ މެޗުގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަމަކީ ދެވަނަ ހާފުގެ ކުރީކޮޅުގައި ޑީން ހައުސަންއަށް ދެއްކި ރަތް ކާޑެވެ. އެ ރަތް ކާޑާއެކު މެޗުގެ އޮއިވަރު ބަދަލުވެގެން ގޮސްފައިވާ އިރު، މެޗަށްފަހު ރެއާލުން ކުރި ޕޯސްޓްގައިވެސް ބުނެފައި ވަނީ މެޗުން ބަލިވީ ރެފްރީގެ ގޯހުން ކަމަށެވެ. އަދި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ މެޗުގެ ރެފްރީ އޯޓިޒް އަރިއާސް އެތައް ގޯހެއް ހެދި ކަމަށެވެ.
އެގޮތުން ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ޑިފެންޑަރު ކުޓީ ރޮމޭރޯއަށް ރަތް ކާޑު ދައްކަން ޖެހޭ ކަމަށާއި، ޖޫޑް ބެލިންހަމްއަށް ކުރި އެފައުލް ވީއޭއާރް އެހީގައި ބަލާފައިވެސް ރަތެއް ނުދެއްކި ކަމަށް ޕެރޭޒް ފާހަގަކުރެއްވިއެވެ. އަދި ފެޑެރީކޯ ވަލްވާޑޭގެ ކުޑަހުޅަށް ދަށް ފައިން އެރުމުން ކޭންގް އިން ލީއަށް ރަތެއް ދައްކަންވެސް ރެފްރީއަށް ނުކުރެނު ކަމަށް ޕެރޭޒް ވިދާޅުވިއެވެ.
ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް ނުފެނުނު ނަމަވެސް ބެލިހްމައަށް ރޮމޭރޯ ކުރި ފައުލަކަށް ސަމާލުކަން ބޮޑުވިއެވެ. އެކަމުގެ މާޔޫސްކަމުގައި މެޗަށްފަހުވެސް ބެލިންހަމް ވަނީ ރެފްރީއަށް ޝަކުވާ ކޮށްފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ހައުސަންއަށް ރެފްރީ ރަތް ކާޑު ދެއްކީ އޭރިއާ ތެރެއިން ގިލިއާނޯ ސިމިއޯނީއަށް ފައުލް ކުރުމުންނެވެ. ފުރަތަމަ ރީނދޫ ކާޑެއް ދެއްކުމަށްފަހު އެ ނިންމުން ރަތަކަށް ބަދަލުކުރީ ވީއޭއާރް ބަލައި، އެންމެ ފަހު ޑިފެންޑަރެއްގެ ގޮތުގައި ހުރެ ފައުލް ކުރުމުންނެވެ.
އެ ޕެނަލްޓީގައި އެތުލެޓިކޯއަށް ލީޑު ނަގައިދިނީ އެލެހާންޑްރޯ ގްރިމާލްޑޯއެވެ. އޭގެ ހަ މިނެޓް ފަހުން އެތުލެޓިކޯއިން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީ ގިލިއާނޯ ސިމިއޯނީ ނަގައިދިން ބޯޅައިގައި ޖޮނަތަން ޑޭވިޑް ޖަހައިދިން ގޯލެކެވެ. އޭނާ ވަނީ މިދިޔަ ތިން މެޗުގައިވެސް ގޯލް ޖަހައިފައެވެ.
ބަދަލަކަށް ނުކުތް ހޫލިއަން އަލްވަރޭޒަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ރޮމޭރޯ ފޮނުވާލި ހަމަލާ މަތަކުރީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާއެވެ. އަނެއްކޮޅުން ރެއާލުން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި ޔާން ޑިއޮމާންޑޭއަށް ފުރުސަތު ލިބި ބޭކާރުވި އިރު، ފަހުވަގުތު ގޯލެއް ޖަހައިދިނީ އެންޓޯނިއޯ ރުޑިގާއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ކޮމެންޓް