ބާސެލޯނާއަށް ގޮސް ތަށި ހޯދަން އުޅެވުމަކީ ހެދުނު ގޯހެއް ކަމަށާއި، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ކިބައިން މައާފަށް އެދޭ ކަމަށް އެންޓޮއިން ގްރީޒްމަން ބުނެފިއެވެ.
ގްރީޒްމަން އެހެން ބުނެފައި ވަނީ އެތުލެޓިކޯއިން މި ސީޒަނުގައި ކުޅުނު އެންމެފަހު ހޯމް މެޗަށްފަހު އޭނާއަށް ދިން ހާއްސަ ވަދާއީ އިވެންޓްގައި ވާހަކަ ދައްކަމުންނެވެ. ފްރާންސްގެ ތަރި ގްރީޒްމަން ފުރަތަމަ އެތުލެޓިކޯއާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އެ ކްލަބަށް 2019 ވަނަ އަހަރާ ހަމައަށް ކުޅުމަށްފަހު އޭނާ ބާސާއަށް ބަދަލުވި ނަމަވެސް، ދެ އަހަރު ފަހުން އަނެއްކާވެސް އެނބުރި ދިޔައެވެ.
ގްރީޒްމަންއަކީ އެތުލެޓިކޯގެ ތާރީހުގައިވެސް އެ ކްލަބަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އެއީ 212 ގޯލާއެކުގައެވެ. ކުރިން އެ ރެކޯޑު އޮތީ 173 ގޯލް ޖަހައިދިން ލުއިސް އަރަގޯންޔޭސް އަތުގައެވެ.
އެތުލެޓިކޯ މެޑްރިޑާއެކު ގްރީޒްމަން ވަނީ ޔޫރޮޕާ ލީގާއި ޔޫއެފާ ސުޕަ ކަޕްގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ހޯދައިފައެވެ. ބާސާގެ އިތުރުން އެތުލެޓިކޯގައިވެސް ގްރީޒްމަންއަސް ލަ ލީގާ އަދި ޗެމްޕިއަންސް ލީގު ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ގްރީޒްމަންއަކީ ފްރާންސާއެކު ވޯލްޑް ކަޕާއި ނޭޝަންސް ލީގު ހޯދާފައި ކުޅުންތެރިއެކެވެ.
"އަހަރެން ބޭނުންވާ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަން. އަހަންނަށް އެނގޭ ތީގެ ތެރެއިން ބައެއް މީހުން މިހާރު މައާފުކޮށްފި ކަންވެސް. އެކަމަކު އަދިވެސް އެއްފަހަރު މައާފަށް އެދެން ބޭނުންވޭ. ބާސާއަށް ދެވުމަކީ ހެދުނު ގޯހެއް. އަހަންނަށް އޭރު އިހުސާސެއް ނުކުރެވޭ މި ކްލަބު ދެކެ އަހަރެން ވާ ލޯތްބެއް. އަހަންނަކީ އޭރު މާ ޒުވާން ކުޅުންތެރިއެއް. އެހެންވެ ވިސްނާ ނުލެވުނީ. އަހަރެން އެނބުރި އައީ އެކަން ވިސްނިގެން. މިއީ އަހަރެންގެ ގެ،" ކަރުނައާއެކު ގްރީޒްމަން ރޭ ބުންޏެވެ.
ކޯޗު ޑިއޭގޯ ސިމިއޯނީއާއި މުޅި ސްޓޭޑިއަމްވެސް ރޮވިފައި ތިބި އިރު، ގްރީޒްމަން ބުނީ ކޯޗަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި އަބަދުވެސް އެތުލެޓިކޯ ހިތުތެރޭގައި އޮންނާނެ ކަމަށް ބުންޏެވެ.
ގްރީޒްމަން އަންނަ ސީޒަނުގައި ފެންނާނީ އެމެރިކާ ލީގުގެ އޯލާންޑޯ ސިޓީންނެވެ. އެ ނިންމުން ނިންމާ އެތުލެޓިކޯއަށް އަލްވަދާއުކިޔުމަށް ބޭއްވި އިވެންޓްގައި ކްލަބު ލެޖެންޑުން ކަމަށްވާ ޑިއޭގޯ ގޮޑީންއާއި ފެނާންޑޯ ޓޮރެސް ބައިވެރިވެފައިވެއެވެ.
އެންޓޮއިން ގްރީޒްމަން
އެންޓޮއިން ގްރީޒްމަން
އެންޓޮއިން ގްރީޒްމަން