އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލުން ފަސޭހަކަމާއެކު ބްރެންޓްފޯޑް ބަލިކޮށްފިއެވެ.
މިރޭގެ މެޗަކީ ލިވަޕޫލްގެ އާ ކޯޗު އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ ހޯމް މެޗެވެ. މެޗުގައި ލިވަޕޫލުން ބްރެންޓްފޯޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ލިވަޕޫލުން ލީގުގައި މިހާތަނަށް ކުޅުނު ދެވަނަ މެޗެވެ. އެޓީމުން ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައި، ފެށުން ރަނގަޅު ކޮށްފައެވެ.
ލިވަޕޫލުން ރީތި ޕާސްތަކަކާއެކު މިރޭ މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓް ކުރި އިރު، އެޓީމުގެ މެދުތެރެއިން ހަމަޖެހިގެން ކުޅުނުތަން ފެނިގެން ދިޔައެވެ. ހާއްސަކޮށް ލިވަޕޫލްގެ ފަރާތުން މާ ބޮޑަށް ހާސްވެ، ޕްރެޝަރު ވިތަނެއް މުޅި މެޗުގައިވެސް ފެނިގެން ނުދިޔައެވެ. ލިވަޕޫލްގެ އެޓޭކުން ފުރަތަމަ މިނެޓުން ފެށިގެންވެސް ނުރައްކާ ކުރިތަން މެޗުގައި ފެނުނެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ލިވަޕޫލުން ގޯލު ޖެހީ ކައުންޓާ އެޓޭކް ފުރުސަތެއްގައެވެ. ބްރެންޓްފޯޑުގެ ކޯނަރެއްގައި ޑިއޭގޯ ޖޮޓާ ކުރިއަށް ޖެހި އުފެއްދި އަވަސް ހަމަލާގައި ލުއިސް ޑިއާޒަށް ދުއްވާލި ބޯޅަ އޭނާ ނިންމާލީ ހިތްގައިމު ކޮށެވެ.
އޭގެފަހުން ދެވަނަ ހާފަށް ނުކުމެވެސް ލިވަޕޫލުން ދިޔައީ ދެވަނަ ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެންޑީ ރޮބަޓްސަންއާއި ޑިއާޒްގެ ނުރައްކާތެރި ދެ ހަމަލާއެއް ބްރެންޓްފޯޑް މާކް ފްލެކެން މަތަކުރި އިރު، ޖޮޓާއަށް ލިބުނު ފުރުސަތެއް އޭނާ އަތުން ބޭކާރުވެގެން ދިޔައެވެ.
ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔަ ލިވަޕޫލުން އިތުރު ގޯލެއް ޖަހައި، މެޗުން ތިން ޕޮއިންޓް ޔަގީންކުރީ މިސްރުގެ ތަރި މުހައްމަދު ސަލާހްގެ ފެންވަރު ސާބިތުކޮށްދީގެންނެވެ. މެދުތެރެއިން ދުއްވާލި ޕާސް، ރީތިކޮށް ކުރިއަށް ޖައްސާލައި، ސަލާހް ނިންމާލީ ސީދާ ކަނަށެވެ.
އޭގެފަހުން ބަދަލަކަށް އެރި ކޯޑީ ގަކްޕޯ ފޮނުވާލި ހަމަލާއެއް ބްރެންޓްފޯޑް ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ދަނޑީގައި ޖެހި ބޭރުވި އިރު، ލިވަޕޫލުން މެޗު ނިންމާލީ މާ ބޮޑު ނުރައްކަލަކާ ކުރިމަތިނުލައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު