ރާއްޖޭގެ ފޮރިން ރިޒާވް އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސް އާއި ޕެންޝަން ފައިސާ އާއި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދޭން ޖެހޭ ގޮތަށް ކެބިނެޓުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ދިނުމަށް އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސްއާއި އިމްޕޯޓް ޑިއުޓީ ޑޮލަރުން ދައްކާ ގޮތަށް ބަދަލުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ފައިސާ ވެސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ޕެންޝަން ގާނޫނަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންނަށް ކެބިނެޓުން މިއަދު ނިންމުނީ ޑޮލަރުން އިންކަމް ލިބޭ، ޑޮލަރުން އާމްދަނީ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކާއިރު މިހާރު ބައެއް ހާލަތްތަކުގައި ރުފިޔާ އިން އެބަ ފައިސާ ދައްކާ. މިސާލަކަށް އެފަދަ ކުންފުނިތަކުން މީރާއަށް އިންކަމް ޓެކްސް ދައްކަނީ ދިވެހި ރުފިޔާ އިން. އެހެން ނަމަވެސް ސަރުކާރުން ގާނޫނުތަކަށް އަދި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްގެން އަޅުގަނޑުމެން މިކަން ބަދަލުކުރާނަން. ބަދަލުކުރަން ކެބިނެޓުން މިއަދު ވަނީ ނިންމާފައި. އެއީ ޑޮލަރުން އިންކަމް ލިބޭ ކުންފުނިތަކުން ރާއްޖެއަށް، މީރާއަށް، ދައުލަތަށް ދައްކަންޖެހޭ ފައިސާ އޭގެ ފަހުން ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް އަޅުގަނޑުމެން ކަނޑައަޅާނަން" އުޝާމް ވިދާޅުވިއެވެ.
ކެބިނެޓުން އެފަދަ ނިންމުމެއް ނިންމާފައި މިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް މިއަދުން ފެށިގެން އެއްކޮށް ކަނޑާލަން ނިންމި ނިންމުމާ ގުޅިގެން ބޭންކަށާއި ސަރުކާރަށް ގިނަ ބަޔަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ރާއްޖެއަށް ލިބޭ ޑޮލަރު އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ޑޮލަރުން އާމްދަނީ ލިބޭ ގޮތްތައް އިތުރުކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށާއި އެގޮތުން އެންމެ އަވަހަށް ޑޮލަރު އިތުރު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު