އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބްރައިޓަން އަތުން ބަލިވި އިރު، މެންޗެސްޓާ ސިޓީން އިޕްސްވިޗް ބަލިކޮށްފިއެވެ.
ޔުނައިޓެޑުން މިއަދު ހަވީރު ކުޅުނު މެޗުގައި ބްރައިޓަން އަތުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ބްރައިޓަން ދަނޑުގައި ކުޅުނު އެ މެޗުގައި ޔުނައިޓެޑް ބަލިވީ ފަހު މިނެޓުގައި ޖެހި ގޯލަކުންނެވެ.
މެޗުގެ ކުރީކޮޅުގައި އަމަޑް ޑިއާލޯއަށް ރަނގަޅު ފުރަސަތެއް ލިބި ބޭކާރުވެގެން ދިޔައިރު، ހާފު ނިމުމުގެ ކުރިން 32 ވަނަ މިނެޓުގައި ބްރައިޓަން ވަނީ ލީޑު ނަގައިފައެވެ. އެ ޓީމަށް ލީޑު ނަގައި ދިނީ ކުރިން ޔުނައިޓެޑަށް ކުޅުނު ޑެނީ ވެލްބެކެވެ. އެއީ ވެލްބެކް އޭނާގެ ކުރީގެ ކްލަބު ޔުނައިޓެޑް ކޮޅަށް ޖެހި ފަސްވަނަ ގޯލެވެ.
އެ ގޯލާއެކު ބްރައިޓަން އިން ލީޑުގައި ހާފު ނިންމާލި އިރު، ދެވަނަ ހާފުގައި ވެލްބެކްގެ ހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވިއެވެ. ބްރައިޓަން އިން ދެވަނަ ހާފު ވަރުގަދަކޮށް ފެށި ނަމަވެސް، 60 ވަނަ މިނެޓުގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލު ޖެހީ ޑިއާލޯއެވެ.
ޑިއާލޯގެ ދޮން މަންމަ މި ހަފުތާ ތެރޭގައި މަރުވި ނަމަވެސް، އޭނާ މިއަދުގެ މެޗު ކުޅުނީ އަމިއްލައަށް ބޭނުންވެގެން އެކަމަށް ކޯޗު އެރިކް ޓެން ހާގު ކިބައިން އެދިގެންނެވެ. ނުސައިރު މަޒްރޫއީގެ ހުރަސް ޑިއާލޯ ގޯލަށް ވައްދާލައި އުފާފާޅުކުރުން ހާއްސަކުރީ ދޮން މަންމައަށެވެ.
ޔުނައިޓެޑަށް މެޗުން މޮޅުވާން ލިބުނު އެންމެ ފަހި ފުރުސަތުގައި އެލެހާންޑްރޯ ގާނާޗޯ ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދިޔަ ނަމަވެސް، އެ ބޯޅަ އޮފްސައިޑް މަގާމެއްގައި ހުރި ޖޯޝުއާ ޒީކްޒީ ގައިގައި ޖެހުމުން ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ނިންމައިފައެވެ.
މެޗު އެއްވަރުވާން ދަނިކޮށް، 95 ވަނަ މިނެޓުގައި ބްރައިޓަން މޮޅުކޮށްދިން ގޯލު މެޗުގައި ޖެހީ ޖާއޯ ޕެޑްރޯއެވެ.
މިރޭ ޗެމްޕިއަން ސިޓީން އިޕްސްވިޗާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން އަމިއްލަ ދަނޑުގައި މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. 22 އަހަރަށްފަހު އިޕްސްވިޗުން އަލުން ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ އިރު، އެ ޓީމުން ވަނީ ސިޓީ ކައިރިން ހަތްވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ ސެމީ ޒްމޮޑިކްސްއެވެ.
އެ ގޯލާއެކު އިޕްސްވިޗުން ވަރުގަދަ ފެށުމެއް ފެށި ނަމަވެސް ސިޓީން އިރުކޮޅެއް ތެރޭ ފެންވަރު ދައްކާލިއެވެ. ވީއޭއާރްގެ އެހީގައި ރެފްރީ ދިން ޕެނަލްޓީއަކުން އާލިން ހާލަންޑް ސިޓީއަށް މެޗު އެއްވަރު ކޮށްދިން އިރު، އޭގެ އިރުކޮޅެއް ފަހުން އިޕްސްވިޗް ގޯލްކީޕަރު އަރިޖަނެޓް މުރިކް ހެދި ގޯހެއްގެ ބޭނުން ހިފައި ކެވިން ޑި ބްރޭނާ ވަނީ ސިޓީއަށް ލީޑު ނަގައިދިނެވެ.
އަދި ހާފު ނިމުމުގެ ކުރިން ހާލަންޑް ޖެހި ދެވަނަ ގޯލުން ސިޓީގެ ލީޑު ފުޅާކުރިއެވެ. އޭގެ އިތުރުންވެސް ސިޓީގެ ދެ ހަމަލާއެއް އިޕްސްވިޗްގެ ދަނޑިއަށްވެސް އަމާޒުވިއެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީއަށް އެނބުރި އައި އިލްކާއީ ގުންޑޮގަންވެސް ފެނިގެން ގޮސްފައިވާ އިރު، އެ ހާފު ޑޮމިނޭޓްވެސް ކުރީ ސިޓީންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ސިޓީން ތިން ޕޮއިންޓް ޔަގީންކުރީ ހާލަންޑްގެ ހެޓްރިކް ފުރިހަމަކުރި ގޯލާވެސް އެކުގައެވެ. އެއީ މި ސީޒަނުގައި ކުޅުނު ދެ މެޗުން ހާލަންޑް ޖެހި ހަތަރުވަނަ ގޯލެވެ. އޭނާއަކީ މިދިޔަ ދެ ސީޒަނުގައިވެސް ޕްރިމިއާ ލީގުގެ ރަން ބޫޓް ހޯދި ކުޅުންތެރިޔާއެވެ.
މިރޭގެ މެޗުގައި ހާލަންޑް ހެދި ހެޓްރިކަކީ ސިޓީ ޖާޒީގައި އޭނާ ހެދި 10 ވަނަ ހެޓްރިކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު