ނޭޕާލްގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށު މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓީ ނަސީބު ދެރަކަމުން ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.
ރާއްޖެ އިން ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅެ، އިއްޔެ ބަލިވީ 1-0ގެ ނަތީޖާ އަކުންނެވެ. އިއްޔެގެ ނަތީޖާ އާއެކު ރާއްޖެ ހިމެނޭ ގްރޫޕް ބީގެ އެއްވަނަ އިންޑިއާއަށް ލިބުނު އިރު، ބޫޓާނުން ވަނީ ދެވަނައިގައި ސެމީއަށް ގޮސްފައެވެ. ބޫޓާން ސެމީއަށް ދިޔައީ އެ ޓީމުން ރާއްޖެ ކައިރިން 2-1 އިން މޮޅުވެފައި އޮތުމުންނެވެ. ރާއްޖެ ކޮޅަށް އިންޑިއާ އިން އިއްޔެ ގޯލު ޖެހީ ފަހު މިނެޓު ކޮޅުގައެވެ.
"ޖުމުލަކޮށް ބުންނަންޏާ ދެ މެޗުގައި ދިވެހި ޓީމު ދެއްކި ކުޅުމަށް އަހަރެން ތައުރީފު ކުރަން. އަހަރެމެން މުބާރާތަށް ތައްޔާރުވީ ވަރަށް ޗެލެންޖިން މާހައުލެއްގައި. ކުޅުންތެރިން 100 ޕަސެންޓް އެފަޓް ލި. ބޫޓާން މެޗާއި އިންޑިއާ މެޗުންވެސް ރާއްޖެ ބަލިވީ ނަސީބު ނެތުމުން. އަހަރެމެން ނުކުތީ މެޗުން މޮޅުވާން. އެއީ އެހެން ޗޮއިސްއެއް ނެތުމުން. ހަމަ ނަސީބު ނެތީ،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝާކިއްޓެ ބުންޏެވެ.
ޔޫތު ލެވެލްގައި ކާމިޔާބު ކޯޗު ޝާކިއްޓެ ބުނީ އިއްޔެ ކުޅުނު އިންޑިއާ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ މެދުތެރޭގެ މައްސަލަތަކެއް އުޅުނު ނަމަވެސް، ދެވަނަ ހާފަށް އެކަން ރަނގަޅު ކުރެވުނު ކަމަށެވެ. އަދި ޖުމުލަކޮށް މުޅި މުބާރާތުން ޒުވާން ޓީމަށް ލިބުނީ ރަނގަޅު ތަޖުރިބާއެއް ކަމަށްވެސް ޝާކިއްޓެ ފާހަގަކުރިއެވެ.
ޝާކިއްޓެ ބުނީ އަންނަ އަހަރު މުބާރާތް އޮންނަ ނަމަ، އެ މުބާރާތަށް ގެންނަ ޓީމުގައިވެސް މިހާރު ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ހިމެނޭނެ ކަމަށާއި އެ މުބާރާތަށް މިހާރު ޓީމަށް ރަނގަޅު ތަޖުރިބާއެއް ލިބިއްޖެ ކަމަށެވެ.
ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތަށް ބަލައި، ޝާކިއްޓެ ބުނީ ރާއްޖޭގެ ކުޅުންތެރިންނާމެދު ފަހުރުވެރިވާ ކަމަށެވެ. ހާއްސަކޮށް ޓީމުގެ ފަހަތުންނާއި ގޯލްކީޕަރުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށް ފާހަގަކޮށް، ޝާކިއްޓެ ބުނީ އެނބުރި ރާއްޖެ ގޮސް، ކުޑަ ރެސްޓަކަށްފަހު އޭޝިއަން ކަޕްގެ 20 އަހަރުން ދަށުގެ ކޮލިފިކޭޝަނަށް ޓީމު ތައްޔާރުވާނެ ކަމަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް