ސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ބޫޓާން އަތުން ބަލިވެއްޖެއެވެ.
ނޭޕާލްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެއިން މިއަދު ކުޅުނު މެޗުގައި ބޫޓާން ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ ބައްޔާ އެކު ގްރޫޕް ސްޓޭޖުގައި ދެން އޮތް މެޗުގައި އިންޑިއާ ބަލިކޮށްގެން ނޫނީ ދެން ރާއްޖެއަށް ސެމީ ފައިނަލަށް ނުދެވޭނެއެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ގްރީޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އިންޑިއާ އާއި ބޫޓާނެވެ. އިންޑިއާއަކީ ސާފް 20 އަހަރުން ދަށު މުބާރާތުގެ މިދިޔަ ދެ އަހަރާއި 2019 ވަނަ އަހަރުގެ ވެސް ޗެމްޕިއަން ޓީމެވެ. ރާއްޖެއަށް 2019 ވަނަ އަހަރު މުބާރާތުގެ ތިންވަނަ ހޯދުނު ނަމަވެސް، އިތުރު ކާމިޔާބީއަކާ ހަމައަށް ދެވޭ ގޮތެއް އަދި ނުވެއެވެ. އަނެއްކޮޅުން ރާއްޖެއަށްވުރެ ތާރީހީ ގޮތުން ދަށް ހަމައެކަނި ގައުމަކީ ބޫޓާނެވެ. އެ ޓީމަށް އަދި މުބާރާތުގައި ތިންވަނަ ވެސް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް ރަނގަޅު ޔޫތު ސިސްޓަމަކާ އެކު ބޫޓާނަކީ މި ސަރަހައްދުގައި އެންމެ ކުރިއަރަމުންދާ އެއް ޓީމެވެ.
މިއަދުގެ މެޗު ވަރުގަދަކޮށް ފެށީ ބޫޓާނުންނެވެ. އެ ޓީމުން ވަނީ މެދުތެރެއިން ރަނގަޅު މަސައްކަތްތަކެއް ކޮށް، އަވަސް ކުޅުމެއް ފުރަތަމަ ހާފުގައި ކުޅެފައެވެ. މިނެޓެއް ވެސް ނުވަނީސް ބޫޓާނުން ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފައިވާ އިރު، ކުރީކޮޅުގައި ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ޔާމީން ވަނީ ރަނގަޅު ދެ ސޭވެއް ކޮށްފައެވެ.
ރާއްޖެއަށް ރަނގަޅަށް މެޗަށް ހޭނުމަށް އުނދަގޫވެގެން ދިޔަ އިރު، ރާއްޖެއަށް މެދުތެރޭގެ ކޮންޓްރޯލް ހޯދަންވެސް އުނދަގޫވިއެވެ. މިފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖު ކުޅެން ފުރަތަމަ ރާވާފައި އޮތީ ނޭޕާލްގެ ކަތަމަންޑޫގެ ދަޝަރާތު ރަންގަސަލާ ސްޓޭޑިއަމްގައި ނަމަވެސް، އެ ސްޓޭޑިއަމްގެ ހާލަތު ގޯސްކަމުން ނޭޕާލް ފުޓުބޯޅަ ފެޑަރޭޝަނުން ވަނީ މެޗުތައް ސަޓްޑޮބާޓޯގައި ހުންނަ އޭއެންއެފްއޭގެ ކޮމްޕްލެކްސްއަށް ބަދަލު ކޮށްފައެވެ. މިހާރު މެޗުތައް ކުޅެމުންދާ ދަނޑަކީ އާޓިފިޝަލް ޓާފްގެ ދަނޑެކެވެ.
މެޗުގައި ދެ ޓީމަށްވެސް ދަނޑުގެ އުނދަގޫ ކުރިމަތިވެފައިވާ އިރު، މެޗުގެ ކުރީކޮޅުގައި ބޫޓާނުން ވަނީ ލީޑުވެސް ނަގައިފައެވެ. އަރިމަތިން ޖިގްނަމް ސެލްޓޮބް ޑޯޖީ ނަގައިދިން ހުރަހަށް ރާއްޖޭގެ ކީޕަރު ޔާމީން މަސައްކަތް ކުރި ނަމަވެސް، އެ ބޯޅަ މަތިމަތިން ގޮސް ލިބުނީ އޭރިއާ ތެރޭގައި ހުރި ޖެޓްސުއެން ޑޯޖީއަށެވެ. އެ ބޯޅަ އޭނާ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކުގައެވެ.
އޭގެފަހުންވެސް ބޫޓާނުން ނުރައްކާކޮށް، އޭރިއާ ތެރެއިން ހަމަލާތައް އުފެއްދިއެވެ. ޕެމާ ޒަންގްޕޯ ޑޯޖީ އާއި ކިންގްޒޭންގް ޓެންޒިންގެ ހަމަލާތައް ނުރައްކާކޮށް ފެނުނު އިރު، ރާއްޖޭން ހަމަލާތަކެއް އުފައްދަން ކުރި މަސައްކަތްތަކުގައި ކެޕްޓަން ޝަނާން ރަޝާދު ފޮނުވާލި ދެ ބޯޅައެއް ފާހަގަވިއެވެ. އަދި ހިލޭ ޖެހުމަކަށް އަރައި، ޔޫސުފް ޝާއިފް ފޮނުވާލި ހަމަލާ އާއި އަބްދުﷲ ލޫތު އިބްރާހީމް އަރިމަތިން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވުނެވެ.
ދެވަނަ ހާފަށް ނުކުމެ ރާއްޖެއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ހާފުގެ ކުރީކޮޅުގައި ޝަނާން ކުރިއަށް ޖެހި އުފައްދަން މަސައްކަތް ކުރި ހަމަލާއެއް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި ބޫޓާންގެ ގޯލްކީޕަރު ޓެންޒިން އޭރިއާ ބޭރުން ބޯޅައިގައި އަތް ޖެއްސުމުން އޭނާއަށް ރަތް ކާޑު ދައްކައި، ރާއްޖެއަށް ހިލޭ ޖެހުމެއް ދިނެވެ. އެ ހިލޭ ޖެހުމުގައި ރާއްޖެއިން މެޗު އެއްވަރު ކުރިއެވެ. އެ ގޯލު ޖެހީ އިޝްއާފު މުހައްމަދު ފިރާގެވެ.
އިޝްއާފު ބަލާލާފައި ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ. އެ ގޯލާއެކު ރާއްޖެއިން ހަމަލާތައް ގިނަ ކުރި ނަމަވެސް، އިތުރު ގޯލެއް ޖަހަން އުނދަގޫތައް ކުރިމަތިވިއެވެ. ބޯ ވާރޭގައި ކުޅެމުންދިޔަ މެޗުގައި ޝަނާންގެ އިތުރު ހަމަލާތައް ފެނުނު ނަމަވެސް، ފަހުވަގުތު ގޯލު ޖެހީ ބޫޓާނުންނެވެ. ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ބޫޓާނުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 90 ވަނަ މިނެޓުގައި ގަވާންގް ޗޮޕެލް ޖެހި ގޯލުންނެވެ.
ރާއްޖެއަށް ދެން މުބާރާތުގައި ކުޅެން ޖެހޭނީ ގްރޫޕް ސްޓޭޖުގައި އިންޑިއާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެ މެޗުން މޮޅުވާން ރާއްޖެއަށް މަޖުބޫރުވެފައި އޮތް އިރު، މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. އެއީ ރާއްޖެ ގަޑިން މެންދުރުފަހު 2:15 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު